ކުޅިވަރު

ބިލިއާޑް އެސޯސިއޭޝަނުން ގައުމީ މުބާރާތަށް ބޮޑު ބަދަލެއް


ބިލިއާޑްގެ އެންމެ ބޮޑު މުބާރާތް ލިޓަސް ނޭޝަނަލް ބިލިއާޑް ޗެމްޕިއަންޝިޕް މިއަންނަ މަހުގައި ބޭއްވުމަށް ތާވަލްކޮށްފިއެވެ. ބިލިއާޑް އެސޯސިއޭޝަނުން މީގެ ކުރިން ޤައުމީ މުބާރާތް ބާއްވާފައިވަނީ އެކިބައިބަޔަށް ބަހާލައިގެންނެވެ. އެއީ 8 ބޯލް ޤައުމީ މުބާރާތާއި 10 ބޯލް ގައުމީ މުބާރާތެވެ. ނަމަވެސް ގައުމީ މުބާރާތުގެ ހައިބަތުބޮޑުކޮށް އެސޯސިއޭޝަނުންވަނީ ކޯވިޑް-19އަށް ފަހު ޤައުމީ މުބާރާތަށް ބޮޑު ބަދަލްއެއް ގެނެސްފައެވެ. މިފަހަރު މުބާރާތް ކުރިއަށްދަނީ އެކި އިވެންޓްތަކަށް ބަހާލައިގެން އެއް މުބާރާތެއް ގޮތުގައިއެވެ.

ލިޓަސް ނޭޝަނަލް ބިލިއާޑް ޗެމްޕިއަންޝިޕްގައި މިހާރު ބައިވެރިވުގެ ފުރުސަތު ހުޅުވާލާފައިވާއިރު، މިފަހަރު ޤައުމީ މުބާރާތް ކުރިއަށްދާނީ 6 އިވެންޓަކަށް ބަހާލައިގެންނެވެ. އެއީ ފުރަތަމަ ޑިވިޝަން އަންހެން އަދި ފިރިހެން އިވެންޓެވެ. ފިރިހެންބައި ކުރިއަށްދާނީ ދެ ޑިވިޝަނަކަށް ބަހާލައިގެންނެވެ. އެއީ ފުރަތަމަ ޑިވިޝަން އާއި ދެވަނަ ޑިވިޝަނެވެ. ޑަބަލްސް އިވެންޓާއި މިކްސް ޑަބަލްސްއެވެ. މިމުބާރާތުގެ އެންމެ ފޯރިގަދަ އިވެންޓެއްގެ ގޮތުގައި ކުރިއަށްދާނީ ޓީމް އިވެންޓެވެ. މުބާރާތުގައި ބައިވެރިވުމުގެ އެންމެ ފަހު ތާރީޚަކީ މިމަހުގެ 24ވަނަ ދުވަހުއެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު ނޭޝަނަލް ބިލިއާޑް ސެންޓަރުގެ ކައުންޓަރުން ލިބެން ހުންނާނެ ކަމަށް މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަނުން މަޢުމާތުދިނެވެ.

މާލޭގައި ގާއިމް ކުރި 12 ބޯޑްގެ މިލިއާޑް ފެސިލިޓީއާއެކު މިހާރު މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަނަށް ގިނަ މުބާރާތްތަކެއް ބޭއްވުމުގެ ފުރުސަތުވަނީ ލިބިފައެވެ. މިމުބާރާތަށް ތައްޔާރުވުމަށް ކުޅުންތެރިން މިހާރު ފަރިތަކުރުންތައް ފާށާފައިވާއިރު، ފުރަތަމަ ޑިވިޝަންގެ އަންހެން ސިންގަލްސްގައި 12 ކުޅުންތެރިން ވާދަކުރެއެވެ. އެސޯސިއޭޝަނުންބުނީ އުއްމީދަކީ މިއަންނަ އަހަރުގެ ދެވަނަ ޑިވިޝަންގައިވެސް އަންހެން ކުޅުންތެރިން ވާދަކުރާ ތަން ފެނުންކަމަށެވެ. ފިރިހެން ފުރަތަމަ ޑިވިޝަން 32 ކުޅުންތެރިންނާއެކު ކުރިއަށްދާއިރު، މުބާރާތް ކުރިއަށްދާނީ 9 ބޯލްސް ޑަބަލް އެލިމިނޭޝަން އުސޫލުންނެވެ. ފައިނަލް މެޗު ފިޔަވައި، އެ ޑިވިޝަންގެ ހުރިހާ މެޗެއް ކުޅުމަށް ހަމަޖެހިފައިވަނީ ރޭސްޓު 7 ފްރޭމަށެވެ. އަދި ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ރޭސްޓު 11 ފްރޭމަށެވެ. މިޑިވިޝަންގައި ވާދަކުރާނީ ނޭޝަނަލް ރޭންކިންގެ ގަދަ 32 ކުޅުންތެރިންނެވެ.

ފިރިހެން ދެވަނަ ޑިވިޝަން ކުރިއަށްދާނީ 9 ބޯލްސް، ޑަބަލް އެލިމިނޭޝަން އުސޫލުންނެވެ. ފައިނަލް މެޗު ފިޔަވައި، އެ ޑިވިޝަންގެ ހުރިހާ މެޗެއް ކުޅުމަށް ހަމަޖެހިފައިވަނީ ރޭސްޓު 7 ފްރޭމަށެވެ. އަދި ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ރޭސްޓު 11 ފްރޭމަށެވެ. ފުރަތަމަ ޑިވިޝަނަށް ކޮލިފައިނުވާ ކޮންމެ ކުޅުންތެރިޔަކަށް ވެސް ދެވަނަ ޑިވިޝަންގައި ބައިވެރިވެވޭނެއެވެ. ގައުމީ މުބާރާތުގެ އަންހެން ޑިވިޝަން ކުރިއަށްދާނީ 9 ބޯލްސް، ޑަބަލް އެލިމިނޭޝަން އުސޫލުންނެވެ. ފައިނަލް މެޗު ފިޔަވައި، އެ ޑިވިޝަންގެ ހުރިހާ މެޗެއް ކުޅުމަށް ހަމަޖެހިފައިވަނީ ރޭސްޓު 5 ފްރޭމަށެވެ. އަދި ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ރޭސްޓު 7 ފްރޭމަށެވެ.

މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން، އެހެން މުބާރާތްތަކާއި ޚިލާފަށް މިމުބާރާތުގެ ވަނަތަކަށް ދާ ފަރާތްތަކަށް ފައިސާގެ އިނާމްވެސް ދިނުމަށްވަނީ ހަމަޖެހިފައެވެ.