ޚަބަރު

ޤައްޒާފީގެ ދަރިކަލުން ލީބިޔާގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަނީ


ލީބިޔާގެ ކުރީގެ އިސްވެރިޔާ ކާނަލް މުޣައްމަރުލް ޤައްޒާފީގެ ދަރިކަލުން ސައިފުލް އިސްލާމު ޤައްޒާފީ އެ ޤައުމުގައި ބާއްވައި ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ނިންމައިފިއެވެ.

49 އަހަރުގެ ސައިފުލް އިސްލާމުވަނީ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ބޭނުންވާ ލިޔެކިޔުންތައް ހުށަހެޅުއްވުމަށް ލީބިޔާގެ އިންތިޚާބާބެހޭ ވުޒާރާއަށް ވަޑައިގެންފައެވެ. އެއީ ފާއިތުވި 10 އަހަރުދުވަހުގެ ތެރޭގައި ޢާއްމުންގެ ތެރެއަށް އޭނާ ނުކުމެވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. އެ ގޮތުން އިންތިޚާބާބެހޭ ވުޒާރާއަށް އޭނާ ވަޑައިގެންނެވީ މުޣައްމަރުލް ޤައްޒާފީ ތުރުކުރެއްވިފަދަ ސަޤާފީ ހެދުންކޮޅެއް ތުރުކުރައްވައިގެންނެވެ.

ލީބިޔާގައި އަންނަ މަހު ބާއްވައި ރިޔާސީ އިންތިޚާބުގައި ވާދަކުރައްވައި ބޭފުޅުންގެ ތެރޭގައި އެންމެ މަޝްހޫރު ބޭފުޅަކީ ސައިފުލް އިސްލާމެވެ. އޭނާގެ އިތުރުން ލީބިޔާގެ އިރުމަތީގެ ސަރަޙައްދުތަކުގައި ވަރުގަދަ އަސްކަރީވެރިޔާ ޚަލީފާ ޙަފުތާރާއި އެ ޤައުމުގެ ބޮޑުވަޒީރު ޢަބްދުލް ޙަމީދު ދިބާބާއާއި ޤާނޫނުހަދާ މަޖިލީހުގެ ރައީސް އަޤީލާ ޞާލިޙް ޢީސާ ހިމެނިވަޑައިގަންނަވައެވެ.

2011ވަނަ އަހަރުގެ ތެރޭގައި ހުޅަނގުގެ އަސްކަރީ އިއްތިޙާދު، ނޭޓޯއިން މުޣައްމަރުލް ޤައްޒާފީގެ ވެރިކަން ވައްޓާލުމުގެ ކުރިން ސައިފުލް އިސްލާމުވަނީ ލީބިޔާގެ ވެރިކަމުގެ ނިޒާމުގެ ތެރެއިން މުޙިއްމު ބަދަލުތަކެއް ގެންނަވަން މަސައްކަތްކުރައްވައިފައެވެ.