ޚަބަރު

އިންޑިޔާ ސިފައިންނާ ދެކޮޅަށް މަނިޕޫރުގައި ވަރުގަދަ ޙަމަލާއެއް


އިންޑިޔާގެ އަސްކަރީ ގާފިލާއަކަށް އެ ޤައުމުގެ އިރުއުތުރުގައި އޮންނަ މަނިޕޫރުގައި ޙަރަކާތްތެރިވާ އިދިކޮޅު ހަނގުރާމަވެރިން ވަރުގަދަ ޙަމަލާއެއް ދީފިއެވެ.

އިންޑިޔާގެ އަސްކަރީ ގާފިލާއަކަށް ދިން ޙަމަލާގައި ސިފައިންގެ ކާނަލަކާއި އޭނާގެ އަންހެނުންނާއި ކުޑަ ދަރިފުޅުވަނީ މަރުވެފައެވެ. އަދި ހަނގުރާމަވެރިންގެ ބަޑީގެ ޙަމަލާތަކުގައި ސިފައިންގެ އިތުރު ހަތަރު މީހުން މަރުވެފައިވާކަމަށްވެސް އިންޑިޔާގެ އަސްކަރިއްޔާއިން ބުނެއެވެ. އިންޑިޔާގެ އަސްކަރިއްޔާއިންވަނީ އެ ސަރަޙައްދަށް އިތުރު ސިފައިން ފޮނުވައި ހަނގުރާމަވެރިން ހޯދުމުގެ މަސައްކަތް ފަށައިފައެވެ.

ބެލެވޭ ގޮތުގައި އިންޑިޔާގެ އަސްކަރީ ގާފިލާއަކަށް ޙަމަލާ ދީފައިވަނީ މަނިޕޫރުގައި ވަކިވެގަތުމަށް މަސައްކަތްކުރާ ޕީޕަލްސް ލިބަރޭޝަން އާމީއެވެ. ނަމަވެސް އެ ޙަމަލާގެ ޒިންމާ އެ ޖަމާޢަތުން އުފުލާފައެއް ނުވެއެވެ.

އިންޑިޔާއާއި ޗައިނާއާއި ބަންގުލަދޭޝާއި މިޔަންމާގެ ސަރަޙައްދީ ރޮނގު ގުޅޭ ސަރަޙައްދުގައި އޮންނަ މަނިޕޫރުގައި ހަނގުރާމަވެރި 20 ޖަމާޢަތް ޙަރަކާތްތެރިވެއެވެ. 1992ވަނަ އަހަރުން ފެށިގެން އިންޑިޔާގެ މައި ސަރުކާރާ ވަކިވެގަތުމަށް ދެމުންދާ ޙަމަލާތަކުގައި 6،370 މީހުންވަނީ މަރުވެފައެވެ. އެ ގޮތުން 2015ވަނަ އަހަރުގެ ތެރޭގައި ދިން ޙަމަލާއެއްގައި އިންޑިޔާ ސިފައިންގެ 20 މީހުންވަނީ މަރުވެފައެވެ.