ކުޅިވަރު

ފީފާ ވާރލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް ފްރާންސް ކޮލިފައިވެއްޖެ


މިއަންނަ އަހަރު ޤަތަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވާރލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް ފަރަންސޭސިވިލާތް ކޮލިފައިވެއްޖެއެވެ. މިމުބާރާތުން ފަރަންސޭސިވިލާތް ޖާގަހޯދީ ޔޫރަޕް ސަރަހައްދުގެ ގްރޫޕް ޑީ ގައި ރޭ ކަޒަކިސްތާނާއި ބައްދަލުކުރިމެޗް ކާމިޔާބުކޮށްގެންނެވެ.

ފަރަންސޭސިވިލާތް މިމެޗް ކާމިޔާބުކޮށްފައިވަނީ 8 ލަނޑު ސުންލަނޑުގެ ބޮޑު ތަފާތަކުންނެވެ. މިމެޗްގައި ފަރަސްސޭސިވިލާތުގެ ކިލިއަން އެމްބާޕޭ ވަނީ ހަތަރު ލަނޑު ޖަހާފައެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 6 ވަނަ މިނެޓްގައި ޖަހައިދިނީ އެމްބާޕޭއެވެ. އަދި ދެވަނަ ލަނޑު 12 ވަނަ މިނެޓްގައި ޖަހާދިންއިރު އެންބާޕޭ ހެޓްރިކް ފުރިހަމަ ކުރީ 32 ވަނަ މިނެޓްގައި ޖެހި ލަނޑުންންވެ. ފަރަންސޭސި ޓީމްގެ ހަތަރު ވަނަ ލަނޑާއި ފަސްވަނަ ލަނޑު ކާމިޔާބުކޮށްދިނީ ކަރިމް ބެންޒީމާއެވެ. އަދި ހަވަނަ ލަނޑު އެޑްރިއަން ރެބިއޮ 75 ވަނަ މިނެޓްގައި ޖަހާދިން އިރު ހަތްވަނަ ލަނޑު މެޗްގެ 84 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ އެންޓޮއިން ގްރީޒްމަންއެވެ. އަދި ފަރަންސޭސީންގެ ފަހު ލަނޑު 87 ވަނަ މިނެޓްގައި ޖަހައިދިނީ މިމެޗްގައި ހެޓްރިކް ފުރަތަމަ ހާފްގައި ހެދި އެމްބާޕޭއެވެ.

މިކާމިޔާބީއާއެކު ފަރަންސޭސީން ވާރލްޑް ކަޕަށް ކޮލިފައިވީ ކުޅުނު ހަތް މެޗުން ލިބިފައިވާ 15 ޕޮއިންޓާއެކުއެވެ. އެންމެގާތުން މިގްރޫޕްގައި ވާދަކުރާ ފިންލަންޑަށް ލިބިފައިވަނީ 11 ޕޮއިންޓް ކަމުން ބާކީ އެއްމެޗް އޮތުމުން ފަރަންސޭސިވިލާތާއި އަރާ ހަމަކުރުމުގެ ފުރުސަތެއް މިހާރު ނެތެވެ.