ކުޅިވަރު

ބަންގްލަދޭޝްގެ މޫސުމަށް ހޭނުމަށް ގިނަ ވަގުތު ނުނަގާނެ - އިއްލަ


ބަންގްލަދޭޝްގެ މޫސުމަށް ހޭނުމަށް މާގިނަ ވަގުތު ނުނަގާނެކަމަށް ގައުމީ ބާސްކެޓް ޓީމްގެ ކޯޗް އިލްޔާސް އިބްރާހިމް ވިދާޅުވެއްޖެއެވެ. ގައުމީ ބާސްކެޓް ޓީމް ބަންގްލަދޭޝްގައި މިހާރު ތައްޔާރުވަމުންދަނީ މާދަމާ ފެށުމަށް ހަމަޖެހިފައިވާ ސާބާ ޗެންޕިއަންޝިޕަށެވެ.

ގައުމީ ބާސްކެޓް ޓީމް ބަންގްލަދޭޝަށް ފުރާފައިވަނީ މިދިޔަ ހުކުރުދުވަހުއެވެ. އެޓީމުން ބަންގްލަދޭޝްގައި ކުރި ފުރަތަމަ ފަރިތަކުރުންތަކަށްފަހު، ކޯޗް އިލްޔާސް އިބްރާހީމް ބުނީ އަބަދުވެސް ބަންގްލަދޭޝްގައި ދަތުރުފަތުރުކުމަކީ ވަރަށް އުނދަގޫކަމެއްކަމަށާއި އެކަމަށް ވަރަށް ގިނަ ވަގުތު ނަގާނެކަމަށެވެ. އަދި ބައެއް ކަހަލަ އިންތިޒާމްތަކުގައި ދަތިތައް ހުންނަކަމަށް އިލްޔާސް ބުންޏެވެ. މިފަދަ ކަންތައްތައް ބަންގްލަދޭޝްގައި ހުރުމުން ޓީމް އައިސްފައިވަނީ މިކަންކަމަށް ވަރަށް ބޮޑަށް ތައްޔާރުވެގެންކަމަށްވެސް ޤައުމީ ބާސްކެޓް ޓީމުގެ ކޯޗް އިލްޔާސް ބުންޏެވެ. ބަންގްލަދޭޝްގެ މޫސުމަށް ކުޅުންތެރިން ހޭނުމަށް މާގިނަ ވަގުތު ނުނަގާނެކަމަށާއި މިޓީމުގައި ތިބި ގިނަ ކުޅުންތެރިން ވަނީ މިގައުމުގައި މީގެ ކުރިން ކުޅެފައިވާ ކުޅުންތެރިންކަމަށްވުމުން، މޫސުމަށް ހޭނުމަށް އެހާ އުނދަގޫ ނުވާނެކަމަށްވެސް އިލްޔާސް ބުންޏެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި މާދަމާ ބަންގްލަދޭޝް އާއި ސްރީލަންކާ ވާދަކުރާއިރު އަދި ދެވަނަ މެޗްގައި މިމަހުގެ 16ވަނަ ދުވަހު ވާދަކުރާނީ އިންޑިޔާ އާއި ދިވެހިރާއްޖެއެވެ. މިމަހުގެ 17ވަނަ ދުވަހު ސްރީލަންކާ އާއި އިންޑިޔާ ވާދަކުރާއިރު އެދުވަހުގެ ދެވަނަ މެޗުގައި ވާދަކުރާނީ ބަންގްލަދޭޝް އާއި ދިވެހިރާއްޖެއެވެ. އަދި މިމަހުގެ 18ވަނަ ދުވަހު ރާއްޖެ އާއި ސްރީލަންކާ ވާދަކުރާއިރު، މުބާރާތުގެ ފަހު މެޗްގައި ވާދަކުރާނީ އިންޑިޔާ އާއި ބަންގްލަދޭޝްއެވެ. މުބާރާތް ކުރިއަށްދާނީ ލީގް އުސޫލުންނެވެ. ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ވާދަކޮށް މެޗެއް ކުޅުމަށްފަހު، އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމް ފައިނަލްގައި ވާދަކުރާނެއެވެ.

ސާބް ޗެންޕިއަންޝިޕަށް ތައްޔާރުވުމަށް ގައުމީ ބާސްކެޓް ޓީމު ވަނީ ދުބާއީގައި ކޭންޕް ވެސް ކޮށްފައެވެ. އެކޭންޕްގައި ގައުމީ ޓީމް 3 މެޗް ކުޅެފައިވާއިރު، 3 މެޗުންވެސްވަނީ ބަލިވެފައެވެ.

ޤައުމީ ބާސްކެޓް ޓީމުގެ ކޯޗުންނަށް ހަމަޖައްސާފައިވަނީ ހުސް ދިވެހިންނެވެ. އެގޮތުން ކޯޗަކަށް ހަމަޖައްސާފައިވަނީ ޤައުމީ ޓީމަށް 15 އަހަރަށް ވުރެއް ގިނަ ދުވަހު ކުޅެ، އެޓީމުގެ ކެޕްޓަންކަންވެސްކޮށްފައިވާ އިލްޔާސް އިބްރާހިމެވެ. ތަޖްރިބާކާރު ކޯޗް އިލްޔާސާއެކު މަސައްކަތް ކުރުމަށް 3 އެސިސްޓެންޓް ކޯޗުން ހަމަޖައްސާފައިވާއިރު، މިތިން ކޯޗުންނަކީ ރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ބާސްކެޓް ކުޅުންތެރިޔާ މުޙައްމަދު ޒިލާލާއި ގައުމީ ޓީމުގެ އެންމެ މޮޅު ޕޮއިންޓް ގާޑް ޢަލީ ފަޒްލްީއާ މުޙައްމަދު ނަސީރެވެ. މިއީ މިހާތަނަށް ޤައުމީ ބާސްކެޓް ޓީމުގައި މަސައްކަތް ކުރާ އެންމެ ޒުވާން ކޯޗިން ސްޓާފުންނެވެ.