ކުޅިވަރު

18އަހަރަށްފަހު ބަންގަލްދޭޝް ރާއްޖެ ބަލިކޮށްފި


18އަހަރަށް ފަހު ބަންގްލަދޭޝްއިން ރާއްޖޭގެ މައްޗަށް ކުރި ހޯދައިފިއެވެ. މިހާރު ލަންކާގައި ކުރިއަށްދާ މަހިންދަ ރާޖަޕަކްސަ ފޯ ނޭޝަންސް ފުޓްބޯޅަ މުބާރާތުގައި ބަންގްލަދޭޝްއިންވަނީ ރާއްޖޭގެ މައްޗަށް 2 ލަނޑު 1 ލަނޑުން ކުރި ހޯދާފައެވެ. މިމުބާރާތުގެ ފުރަތަމަ މެޗްގައި ރާއްޖެއާއި ލަންކާ ވާދަކުރި މެޗް 4 ލަނޑު 4 ލަނޑުން އެއްވަރުވެ، ބަންގްލަދޭޝް އަތުން ބަލިވުމާއި ގުޅިގެން ރާއްޖެއަށްވަނީ މުބާރާތުގެ ފައިނަލަށް ދިއުމުގެ އަމިއްލަ ބާރު ގެއްލިފައެވެ. ދެ މެޗުން ރާއްޖެއަށް ލިބިފައިވަނީ އެއް ޕޮއިންޓެވެ.

ބަންގްލަދޭޝްއިން ރާއްޖޭގެ މައްޗަށް ކުރި ހޯދީ 2003ވަނަ އަހަރު އެގައުމުގައި ބޭއްވި ސާފް ޗެންޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައިއެވެ. އެއަށްފަހު ރާއްޖެ އާއި ބަންގްލަދޭޝް 4 ފަހަރު ވާދަކޮށްފައިވާއިރު، މި 4 މެޗްވެސް ކާމިޔާބުކުރީ ރާއްޖެއިންނެވެ. އެންމެ ފަހުން މިދިޔަ މަހު މާލޭގައި ކުރިއަށްދިޔަ އުރީދޫ ސާފް ޗެންޕިއަންޝިޕްގައި ރާއްޖެއިން ވަނީ ބަންގްލަދޭޝްގެ މައްޗަށް 2 ލަނޑު 0 ލަނޑުން ކުރި ހޯދާފައެވެ. މިއަދު ކުޅުނު މެޗުން ބަންގްލަދޭޝް ރާއްޖޭގެ މައްޗަށް ކާމިޔާބުހޯދުމާއި ގުޅިގެން އެޓީމުންވަނީ ވަރަށް ބޮޑަށް އުފާފާޅުކޮށްފައެވެ.

ފުރަތަމަ މެޗް ލަންކާ އަތުން އެއްވަރުވުމާއި ގުޅިގެން މިމެޗަށް ރާއްޖެއިން ނިކުމެފައިވަނީ މޮޅުވުމުގެ އަޒުމްގައެވެ. ކޮލަމްބޯގެ ރޭސްކޯސް ސްޓޭޑިއަމްގައި ކުޅުނު މިމެޗްގައި ދެ ޓީމުންވެސް ފުރަތަމަ ފަހަރަށް ލީޑް ނެގުމަށް މަސައްކަތްކުރިއެވެ. ދެ ޓީމުންވެސް ވަރަށް ބޮޑަށް ކުރިއަށް ޖެހިގެން ކުޅެމުންދިޔައެވެ. މެޗްގެ 12ވަނަ މިނެޓްގައި ބަންގްލަދޭޝްއިންވަނީ ލަނޑެއް ޖަހައި ލީޑް ނަގާފައެވެ. އެޓީމަށް ލިބުނު އެއްލުން، އޭރިޔާގެ ތެރެއަށް އެއްލި އެއްލުން ރާއްޖޭގެ ޑިފެންޑަރުންގެ ބޯމަތިންގޮސް، ފަހަތުގައި ހުރި ބަންގްލަދޭޝްގެ ކެޕްޓަން ޖަމާލް ބުންޔާންވަނީ ގޯލްގެ ތެރެއަށް ބޯޅަ ވައްދާލާފައެވެ. މިއީ އޮފްސައިޑް ލަނޑެއްކަމަށް ބުނެ، ރާއްޖޭގެ ކުޅުންތެރިން ޝަކުވާ ކުރަމުންދިޔައިރު، ބަންގްލަދޭޝްގެ ކުޅުންތެރިން ދިޔައީ އެއީ އޮފްސައިޑް ލަނޑެއް ނޫންކަމަށް ބުނަމުންނެވެ. އެންމެ ފުރަތަމަ އެއީ އޮފްސައިޑެއް ކަމަށް ރެފްރީ ނިންމިނަމަވެސް، ރޮގު ބަލަހައްޓަން ހުރި ލައިސްމަންއާއި ވާހަކަދެއްކުމަށްފަހު، ރެފްރީ ވަނީ ލަނޑެއްކަމަށް ނިންމާފައެވެ.

މެޗްގެ ލީޑް ބަންގްލަދޭޝްއަށް ލިބުމާއެކު އެޓީމުން ވަރަށް ބޮޑަށް ޑިފެންސަށް ވިސްނައިގެން ކުޅެމުންދިޔަތަން ފެނިގެންދިއެވެ. ފައިނަލަށް ދިއުމުގެ އަމިއްލަ ބާރު ހޯދުމަށް ރާއްޖެއިންވެސް ކުރިއަށް ޖެހިލައިގެން އެޓޭކް ކުރަމުންދިޔައެވެ. ނަމަވެސް ރާއްޖެއަށް މާރަގަނޅު ހަމަލާއެއް އުފެއްދޭ ގޮތެއް ނުވިއެވެ. އަދި އުފެއްދި ހަމަލާތައްވެސް ބަންގްލަދޭޝް ޑިފެންޑަރުން ހުރަސްއެޅިއިރު، އެޓީމުގެ ގޯލް ކީޕަރު އަނީސުއްރަހްމާން ޒީކޯވެސް ވަނީ ބައެއް ހަމަލާތަށް ދިފާއުކޮށްފައެވެ. ގޯލެއް ޖެހުމަށް ރާއްޖެއިން ކުރި މަސައްކަތް ކާމިޔާބުވީ މެޗްގެ 32ވަނަ މިނެޓްގައެވެ. މިލަނޑު ރާއްޖެއަށް ކާމިޔާބުކޮށްދިނީ ތަޖްރިބާކާރު މިޑްފީލްޑަރު މުޙައްމަދު އުމެއިރެވެ. މިލަނޑަށްފަހު ލީޑް ފުޅާކުރުމަށް ރާއްޖޭގެ އިބްރާހިމް މަހުދީ ގޯލާއި ދިމާލަށް ފޮނުވާލި ބޯޅަ، ދިޔައީ އަރިމަތިން ބޭރަށެވެ.

މެޗްގެ ދެވަނަ ހާފްގައި ބަންގްލަދޭޝްއިން ކުޅެމުންދިޔައީ ވަރަށް ބޮޑަށް ފަހަތަށް ވިސްނައިގެންނެވެ. ނަމަވެސް އެޓީމަށް ލިބޭ ފުރުސަތުތަކުގައި އެޓީމުންވަނީ ރާއްޖޭގެ ގޯލަށް ނުރައްކާކޮށްފައެވެ. މެޗްގެ ދެވަނަ ހާފްގައި ރާއްޖެއިން ގިނަ ބަދަލްތަކެއް ކޮށް، މެޗުން މޮޅުވުމަށް ގިނަ މަސައްކަތްތަކެއް ކުރިއެވެ. އެގޮތުން އަޙުމަދު ނޫމާން، އަސްހަދު އަލީ، ހަމްޒާ މުޙައްމަދު އަދި އިސްމާޢީލް އީސާވަނީ ކުޅެން އަރުވާފައެވެ. މިބަދަލްތަކާއެކުވެސް ރާއްޖެއަކަށް ބަންގްލަދޭޝްގެ ގޯލާ ދިމާލަށް މާ ނުރައްކާތެރި ހަމަލާއެއް ފޮނުވާލެވޭ ގޮތެއްނުވިއެވެ. މެޗްގެ ނިމެން 4 މިނެޓަކަށްވެފައިވަނިކޮށް ބަންގްލަދޭޝްއިންވަނީ އެޓީމަށް ލިބުނު ފުރުސަތެއްގައި ފެނަލްޓީއެއް ހޯދާ، އެޕެނަލްޓީ ކާމިޔާބުކޮށް، މެޗްގައި ދެވަނަ ފަހަރަށް ލީޑް ނަގާފައެވެ. މިއީ ބަންގްލަދޭޝްއަށް ލިބުނު ކައުންޓަ އެޓޭކެއްގައި އެޓީމުން ރާއްޖޭގެ ޕެނަލްޓީ އޭރިޔާގެ ތެރެއިން، ރާއްޖޭގެ ކީޕަރު ޢަލީ ނާޖިހު (ނާޖީ) ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީއެކެވެ. މިޕެނަލްޓީ އެޓީމަށް ކާމިޔާބުކޮށްދިނީ ޑިފެންޑަރު ޓޯޕޫ ބަރްމަންއެވެ. މި ލަނޑަށްފަހު ރާއްޖޭގެ ސަމޫހު ޢަލީއަށް ރަގަނޅު ފުރުސަތެއް ލިބިގެންދިޔައެވެ. ނަމަވެސް ސަމޫހު ބޮލުން ފޮނުވާލި ބޯޅަ ބަންގްލަދޭޝްގެ ކީޕަރު ވަނީ ފަސޭހަކަމާއެކު މަތަކޮށްފައެވެ.

މިމެޗުން ރާއްޖެ ބަލިވުމާއި ގުޅިގެން ރާއްޖެ އަށް ފައިނަލުގެ ޖާގައެއް އޮތީ ފަހު މެޗުގައި ސީޝެލްސް އަތުން ބޮޑު ތަފާތަކުން މޮޅުވެ، ފަހު މެޗްގައި ބަންގްލަދޭޝް އާއި ލަންކާ މެޗުގެ ނަތީޖާ ނުކުންނަ ގޮތަކުންނެވެ. ގައުމީ ޓީމްގެ އާ ކޯޗް ފްރެންޗެސްކޯ މޮރިއޭރޯގެ ކޯޗްތަކުގެ ދަށުން އަދި ރާއްޖެއަށް ވާދަވެރި މެޗަކުން މޮޅެއް ލިބިފައެއް ނުވެއެވެ. މުބާރާތުގެ ކުރިން ރާއްޖެއިން ކުޅުނު އެކުވެރިކަމުގެ ދެ މެޗް ކާމިޔާބުކުރިނަމަވެސް، މިމުބާރާތުގައި ރާއްޖެއަށް އަދި މޮޅެއް ނުލިބެއެވެ.