ޚަބަރު

މާލޭގެ މިސްކިތްތަކުގައި ކެމެރާ ހަރުކޮށްދޭނެ ބަޔަކު ހޯދަނީ


މާލޭގެ މިސްކިތްތަކުގައި ސީސީޓީވީ ކެމެރާ ހަރުކޮށްދޭނެ ބަޔަކު ހޯދުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ފަށައިފިއެވެ.

މާލޭ ސިޓީ ކައުންސިލުން ވިދާޅުވީ، މިކަމަކީ މާލޭގެ މިސްކިތްތައް މަރާމާތުކޮށް އާބާތުރަ ފިލުވުމަށް ސިޓީ ކައުންސިލުން ކުރަމުންދާ މަސައްކަތުގެ ދަށުން ފަށާފައިވާކަމެއްކަމަށެވެ. އެގޮތުން މިސްކިތްތަކުގައި ސީސީޓީވީ ކެމެރާ ހަރުކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް އެދި ބީލަން ހުށަހެޅުމުގެ ފުރުޞަތު ކައުންސިލުން މިހާރު ވަނީ ހުޅުވާލާފައެވެ.

ބީލަމުގައި ރަޖިސްޓަރީ ކުރުމާއި މަޢުލޫމާތު ސާފުކުރުން މިމަހުގެ 17 ވަނަ ދުވަހު އޮންނާނެކަމަށާއި، އަގު ހުށަހެޅުން މިމަހުގެ 23 ވަނަ ދުވަހު އޮންނާނެކަމަށެވެ.

ސިޓީ ކައުންސިލުން ވިދާޅުވީ، ބީލަމުގައި ރަޖިސްޓްރީވެވޭނެ އެންމެފަހުގެ ތާރީޚަކީ މިމަހުގެ 17 ވަނަ ދުވަސްކަމަށެވެ. އަދި މަޢުލޫމާތު ސާފުކުރައްވަން ވަޑައިގަންނަވާއިރު، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަންޖެހޭނެކަމަށާއި، އަގު ހުށަހެޅުމުގައި ބައިވެރިވެވޭނީ ދިވެހި ކުންފުނި، ޕާޓްނާޝިޕް، ލޯކަލް އިންވެސްޓްމަންޓް އަދި ވިޔަފާރިކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށްކަމަށްވެސް ކައުންސިލުން ވިދާޅުވެއެވެ.

މާލޭގެ މިސްކިތްތަކުގައި ސީސީޓީވީ ކެމެރާ ހަރުކޮށްދޭނެ ބަޔަކު ހޯދުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ފަށާފައިވާއިރު، މިސްކިތްތަކުގެ ހުރުމަތްކެނޑުމަށް ހިންގާ ތަފާތު ކަންކަން ރިޕޯޓްކުރެވޭ މިންވަރު ފަހަކަށް އައިސް އިތުރުވަމުންދާކަން ފާހަގަކުރެވެއެވެ. މިފަދަ ކަންކަން ހުއްޓުވުމަށްޓަކާ މިސްކިތްތަކުގެ ސަރވައިލެންސް ވަރުގަދަކުރުމަށް ކެމެރާ ހަރުކުރުމުގެ މުހިއްމުކަން ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވެސް މީގެ ކުރިން ވަނީ ފާހަގަކުރައްވާފައެވެ.