ޚަބަރު

ހުރިހާ ކުދިން ޝާމިލުކޮށްގެން ކިޔަވާ ގޮތަށް ހުރިހާސްކޫލެއް ބަދަލުކުރަނީ


ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށްވެސް ފަސޭހައިން ކިޔެވޭނެގޮތަށް ސްކޫލްތައް ބަދަލުކުރުމަށް، ހުރިހާ ދަރިވަރުން ޝާމިލުކޮށްގެން ތަޢުލީމު ދިނުމުގެ ސިޔާސަތު އެކުލަވާލައިފިއެވެ.

މި ސިޔާސަތަކީ މިދިޔަ އޯގަސްޓު 10ގައި ޢަމަލުކުރަން ފެށި ތައުލީމުގެ ގާނޫނުގެ ދަށުން އާއްމު ކުރަންޖެހޭ ސިޔާސަތެކެވެ. މިސިޔާސަތު ތަންފިޒުކުރަނީ އެޑިއުކޭޝަން މިނިސްޓްރީން އުފެއްދި "އިމަޖެންސީ ރެސްޕޮންސް ޕްލޭނު"ގައި ބަޔާންކޮށްފައިވާ މައިގަނޑު ކަންތައްތަކަށް ސަމާލުކަންދީގެންނެވެ.

ހުރިހާ ދަރިވަރުން ޝާމިލްކޮށްގެން ކިޔަވައިދިނުމަށް ރާއްޖޭގެ ހުރިހާ ސްކޫލެއް ބަދަލު ކުރަންޖެހޭގޮތަށް އެކުލަވާލި މިސިޔާސަތުގައި ވަނީ މިހާރު ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުންނަށް ވަކިން ކިޔަވައިދެމުން އައިނަމަވެސް މި ސިޔާސަތާއެކު ރާއްޖޭގެ މުޅި ސްކޫލް މާހައުލު ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށްވެސް ފަސޭހައިން ބޭނުން ކުރެވޭގޮތަށް ބަދަލު ގެންނަން ކަނޑައަޅާފައެވެ.

މިގޮތުން ސަރުކާރުގެ ޕްލޭން "ޝާމިލްވެށި"ގެދަށުން ދަރިވަރުން ކުޅޭ ދަނޑުތަކާއި ފާޚަނާއާއި އެހެނިހެން ތަންތަންވެސް އެފަދަ ކުދިންނަށް ބޭނުންކުރެވޭނެ ގޮތަކަށް ބަދަލުކުރަންޖެހޭގޮތަށް ވަނީ ކަނޑައަޅާފައެވެ. އަދި ދަރިވަރުންގެ ތަފާތު ގިންތިތަކަށް އަމާޒުކޮށް މެއިންސްޓްރީމް ސްކޫލުތަކުގައި ހިންގަން ޑިޒައިންކޮށްފައިވާ ސްޕެޝަލައިޒްޑް ސެންޓަރުތައް "އިންކްލޫޝަން ރިސޯސް ސެންޓަރު"ތަކަށް ބަދަލުކުރަންޖެހެއެވެ.

މި އުޞޫލްގައި ވަނީ އެފަދަ ކުދިންނަށް ކިޔަވައިދޭއިރު 9 އަސާސެއް ހިފަހައްޓަންޖެހޭނެ ކަމަށް ކަނޑައަޅާފައެވެ.

އުޞޫލްގައި ކަނޑައަޅާފައިވާ އަސާސްތައް

  • ފަރުދީ ތަފާތުތަކަށް އިޙްތިރާމްކުރުމާއެކު އަގުކުރާ މާހައުލެއް އުފެއްދުން
  • ޒިންމާދާރު ވެރިން އުފެއްދުން
  • ޝާމިލުކުރުމުގައި މުޅި ސްކޫލު ބައިވެރިކުރުން
  • މުޖުތަމައުގެ ބައިވެރިވުން އިތުރުކުރުން
  • ގުޅިގެން މަސައްކަތްކުރުމުގެ ނިޒާމު ގާއިމްކުރުން
  • ހުނަރުވެރި ގާބިލް ޓީޗަރުންނާއި ފަންނީ މީހުން ބިނާކުރުން
  • އުނގެނުމަށް ފަހި މާހައުލެއް ގާއިމްކުރުން
  • އެއް މަރުހަލާއިން އަނެއް މަރުހަލާއަށް ވާސިލްވުން
  • ގާތުން ބެލުމާއި ވަޒަންކުރުމާއި ޒިންމާދާރުކުރުން

މި ސިޔާސަތުގައި ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުން ގިންތިކޮށްފައިވަނީ، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފުތަރު އެކުލަވާލުމާއި ބެލެހެއްޓުން އަސްލަކަށް ބަލައިގެންނެވެ. އަދި ގުދުރަތީ ކާރިޘާއަކާ ގުޅިގެންނާއި ދަރިވަރުންނަށް ކުރާ ތަފާތު ގޯނާތަކާ ގުޅިގެން ކިޔެވުމަށް ނޭދެވޭ އަސަރު ފޯރުމާއި ޢާއިލީ ތަފާތު މައްސަލަތަކުގެ ސަބަބުން ކިޔެވުމަށް ނޭދެވޭ އަސަރުފޯރާ ދަރިވަރުން ވެސް ބައިވެރިކުރަން ޖެހެއެވެ.

ކިޔެވުމުގައި ޚާއްސަ އެހީ ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދޭން ޖެހޭނީ ވަކިވަކި ދަރިވަރުންގެ ޙާލަތު ބަލައި އެކުދިންނަށް ޚާއްސަކޮށްގެން ތައްޔާރުކުރާ ޕްލޭނާ އެއްގޮތަށެވެ. އަދި އެ ކުދިންނަށް ކިޔަވައިދިނުމަށް ހަތަރު ޕްރޮގްރާމެއް ހަމަޖައްސާފައިވެއެވެ. އެއީ ހޯމް ބޭސްޑް ލަރނިންނާއި ސްކޫލު ރެޑިނެސްއާއި އަރލީ އިންޓަވެންޝަން އަދި މެއިންސްޓްރީމް އެޑިއުކޭޝަނެވެ.

ލޯފަން ދަރިވަރުންނަށް ބްރެއިލް ނުވަތަ ޑިޖިޓަލް ޓެކްނޮލޮޖީ ނުވަތަ އެސިސްޓިވް ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކޮށްގެން ކިޔަވައިދެވޭނެ ގޮތަށްވެސް ހަމަޖައްސަން ޖެހެއެވެ. އަދި އަޑުއިވުމާއި ވާހަކަ ދެއްކުމުގެ ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުންނަށް "ސައިން ލެންގުއޭޖު" ނުވަތަ ޑިޖިޓަލް ޓެކްނޮލޮޖީ ނުވަތަ އެސިސްޓިވް ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކޮށްގެން ކިޔަވައިދިނުމުގެ އިންތިޒާމުވެސް ހަމަޖައްސަން ޖެހެއެވެ.

މީގެ އިތުރުން ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުންނަށް ކިޔަވައިދިނުމަށް ޔުނިވާސަލް އެކްސެސިބިލިޓީގެ މިންގަނޑުތަކާ އެއްގޮތަށް ސްކޫލްގެ ހުރިހާތަނެއް ފަރުމާ ކުރަންޖެހއެވެ. އަދި ލިޔުމާއި ކިޔުމުގައި ތަފާތު މައްސަލަތައް ދިމާވާ ދަރިވަރުންނަށާއި ކަރުދާސް ފޮތް ބޭނުންކުރަން ދަތިވާ ދަރިވަރުންނަށް ކަރިކިއުލަމް ކޮންޓެންޓާއި ކިޔަވާ ފޮތްތައް ޑިޖިޓަލް ފޯމެޓުގައި ލިބޭނެ އިންތިޒާމު ހަމަޖެއްސުން ވެސް ހިމެނެއެވެ.

މި ސިޔާސަތުގައި ވަނީ ދަރިވަރެއްގެ އުނގެނުމުގެ ޙާލަތަށް ރިއާޔަތްކޮށް ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތަކާއެކު ކިޔެވުމަށް ފަހި ވެއްޓެއް ޤާއިމް ކުރަންޖެހޭނެކަމަށެވެ. މި ނިޒާމްގައި ދަރިވަރުންނަށް އިތުރަށް ކުރިއަށް ދެވޭނެ މަގުތައް ކޮށައިދީ، ވަޒީފާތަކަށް އަހުލުވެރިކުރުމަށް ތަފާތު ލެވަލްގެ އިންޓާންޝިޕް ޕްރޮގްރާމްތައް ހިންގަންޖެހެއެވެ.

އަހުމަދު

ވަރަށް ބަރާބަރު ސިޔާސަތެ އް. މިހާ ދުވަހުން ނަމަވެސް ސިޔާސަތެ އް އއ އެކަށަ އެޅުމަކީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ފަހި ކަމެ އ އް.