ކުޅިވަރު

މެޑަލަކަށް ޓާގެޓްކޮށް ޤައުމީ ބާސްކެޓް ޓީމް ފުރައިފި


މެޑަލްއަކަށް އަމާޒް ހިފައިގެން ޤައުމީ ބާސްކެޓް ޓީމް ބަންގްލަދޭޝްއަށް ފުރައިފިއެވެ. ޤައުމީ ޓީމް ބަންގަލްދޭޝްއަށް ފުރާފައިވަނީ މިމަހުގެ 15ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ 4ވަނަ ސައުތް އޭޝިއަން ބާސްކެޓްބޯލް ބޯލް ޗެންޕިއަންޝިޕްގައި ވާދަކުރުމަށެވެ. މިއަދު ހެދުނު ޤައުމީ ޓީމް ފުރާފައިވާއިރު، މިމުބާރާތުގައި ވާދަކުރަނީ 4 ޓީމެވެ. އެއީ މުބާރާތް ބައްވާ ގައުމް ބަންގްލަދޭޝް، އިންޑިޔާ، ސްރީލަންކާ އަދި ދިވެހިރާއްޖެއެވެ.

މުބާރާތުގެ ފުރަތަމަ މެޗްގައި މިމަހުގެ 15ވަނަ ދުވަހު ވާދަކުރާނީ ބަންގްލަދޭޝް އާއި ސްރީލަންކާ އަދި ދެވަނަ މެޗްގައި މިމަހުގެ 16ވަނަ ދުވަހު ވާދަކުރާނީ އިންޑިޔާ އާއި ދިވެހިރާއްޖެއެވެ. މިމަހުގެ 17ވަނަ ދުވަހު ސްރީލަންކާ އާއި އިންޑިޔާ ވާދަކުރާއިރު އެދުވަހުގެ ދެވަނަ މެޗްގައި ވާދަކުރާނީ ބަންގްލަދޭޝް އާއި ދިވެހިރާއްޖެއެވެ. އަދި މިމަހުގެ 18ވަނަ ދުވަހު ރާއްޖެ އާއި ސްރީލަންކާ ވާދަކުރާއިރު، މުބާރާތުގެ ފަހު މެޗްގައި ވާދަކުރާނީ އިންޑިޔާ އާއި ބަންގްލަދޭޝްއެވެ. މުބާރާތް ކުރިއަށްދާނީ ލީގް އުސޫލުންނެވެ. ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ވާދަކޮށް މެޗެއް ކުޅުމަށްފަހު، އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމް ފައިނަލްގައި ވާދަކުރާނެއެވެ.

ސާބް ޗެންޕިއަންޝިޕަށް ތައްޔާރުވުމަށް ގައުމީ ބާސްކެޓް ޓީމު ވަނީ ދުބާއީގައި ކޭންޕް ވެސް ސްކޮށްފައެވެ. އެކޭޕްގައި ގައުމީ ޓީމް 3 މެޗް ކުޅެފައިވާއިރު، 3 މެޗުންވެސްވަނީ ބަލިވެފައެވެ. ގައުމީ ޓީމުގެ ކޯޗަކަށް ކޯޗުންނަށް ހަމަޖައްސާފައިވަނީ ހުސް ދިވެހިންނެވެ. އެގޮތުން ކޯޗަކަށް ހަމަަޖައްސާފައިވަނީ ޤައުމީ ޓީމަށް 15 އަހަރަށް ވުރެއް ގިނަ ދުވަހު ކުޅެ، އެޓީމުގެ ކެޕްޓަންކަންވެސްކޮށްފައިވާ އިލްޔާސް އިބްރާހިމެވެ. ތަޖްރިބާކާރު ކޯޗް އިލްޔާސާއެކު މަސައްކަތް ކުރުމަށް 3 އެސިސްޓެންޓް ކޯޗުން ހަމަޖައްސާފައިވާއިރު، މިތިން ކޯޗުންނަކީ ރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ބާސްކެޓް ކުޅުންތެރިޔާ މުޙައްމަދު ޒިލާލާއި ގައުމީ ޓީމުގެ އެންމެ މޮޅު ޕޮއިންޓް ގާޑް ޢަލީ ފަޒްލީ އަދި މުޙައްމަދު ނަސީރެވެ. މިއީ މިހާތަނަށް ޤައުމީ ބާސްކެޓް ޓީމުގައި މަސައްކަތް ކުރާ އެންމެ ޒުވާން ކޯޗިން ސްޓާފުންނެވެ.