ކުޅިވަރު

ނެޓްބޯލް ޗެންޕިއަންޝިޕްގެ ޗެންޕިއަންކަން ކޭވައިއާރުސީއަށް


ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޗެންޕިއަންޝިޕްގެ ޗެންޕިއަންކަން ކުޅުދުއްފުށި ޔޫތު ރެކްރިއޭޝަން ކުލަބް (ކޭވައިއާރުސީ)އިން ހޯދައިފިއެވެ.
މިމުބާރާތުގެ ޗެންޕިއަންކަން ކޭވައިއާރްސީއިން ހޯދީ ފައިނަލްގައި ކުލަބް ގްރީން ސްޓްރީޓްސް ބަލިކޮށްގެންނެވެ.

ކޯވިޑް-19އާއި ގުޅިގެން ނެޓްބޯލްގެ އެއްވެސް މުބާރާތެއް ކުރިއަށް ނުގެންދެވޭތާ އަހަރަށް ވުރެއް ގިނަ ދުވަސްވެފައިވާއިރު، މިފަހަރުގެ ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޗެންޕިއަންޝިޕްގައި ވާދަކޮށްފައިވަނީ 10 ޓީމެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގެ ފުރަތަމަ ކުއަޓަރގައި ދެ ޓީމުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، ފުރަތަމަ ކުއަޓަރ 10 ޕޮއިންޓް 8 ޕޮއިންޓުން ކާމިޔާބުކުރީ ކޭވައިއާރްސީއެވެ. ނަމަވެސް މެޗްގެ ދެވަނަ ކުއަޓަރގައި ކުލަބް ގްރީން ސްޓްރީންސްއިން ކުޅުން ރަނގަޅުކޮށް މެޗްގެ ދެވަނަ ކުއަޓަރ ކާމިޔާބުކޮށްފައެވެ. އެއީ 22 ޕޮއިންޓް 19 ޕޮއިންޓުންނެވެ.

ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ ތިންވަނަ ސެޓްގައި ދެ ޓީމުންވެސް ދިޔައީ ވަރަށް ކައިރިކައިރީގައި ސްކޯ ކުރަމުންނެވެ. އެއްވެސް ޓީމަކަށް މާބޮޑު ލީޑެއް ލިބޭ ގޮތެއް ނުވިއެވެ. މެޗުގެ ތިންވަނަ ކުއަޓަރ ކާމިޔާބުކުރީ ކޭވައިއާރްސީއިންނެވެ. އެއީ 30 ޕޮއިންޓް 28 ޕޮއިންޓުންނެވެ. މެޗްގެ ފަހު ކުއަޓަރ ގްރީން ސްޓްރީޓްސްއިން މެޗު އެއްވަރުކުރަން ގިނަ މަސައްކަތްތަކެއް ކުރިއެވެ. ނަމަވެސް އެޓީމަށް ފަހު ކުއަޓަރ ލީޑް ކުރެވޭގޮތެއް ނުވިއެވެ. ފަހު ކުއަޓަގެ ފުރަތަމަ ކޮޅުގައި ގްރީން ސްޓްރީޓްސްއަށް ޕޮއިންޓް ހޯދުމަށް ލިބުނު ގިނަ ފުރުސަތުތަކުގެ ބޭނުން އެޓީމަށް ހިފޭ ގޮތެއް ނުވިއެވެ. ކޭވައިއާރްސީއިން ދިޔައީ އެޓީމަށް ލިބުނު ފުރުސަތުގެ ބޭނުން ހިފާ ޕޮއިންޓް ހޯދާ ލީޑް ފުޅާކުރަމުންނެވެ. އަދި ފަހު ކުއަޓަރގެ ކުރީކޮޅުގައި ކޭވައިއާރްސީއިން ގިނަ ޕޮއިންޓްތަކެއް ހޯދުމާއި ގުޅިގެން ގްރީން ސްޓްރީޓްސްއަށް ފަހަތުން އަރާ ކޭވައިއާރްސީއިން ބަލިކުރެވޭ ގޮތެއްނުވިއެވެ. މިކުއަޓަރ ކާމިޔާބުކޮށް ކޭވައިއާރްސީއިން މުބާރާތުގެ ޗެންޕިއަންކަން ހޯދީ 44 ޕޮއިންޓް 36 ޕޮއިންޓުން ފަހު ކުއަޓަރ ކާމިޔާބުކޮށްގެންނެވެ.

ފައިނަލް މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ކޭވައިއާރްސީގެ އާމިނަތު ރަބާބްއެވެ. މިމުބަރާތުގެ އެންމެ މޮޅު 7 ކުޅުންތެރިންނަށް ހޮވިފައިވަނީ ގްރީން ސްޓްރީޓްސްގެ އާމިނަތު ރީމް ޝާމް، ހަމްނާ ޢަބްދުއްރަހުމާން، ކޭވައިއާރްސީގެ އާމިނަތު ރަބާބް، މަރިޔަމް މިރުފަތު އީމާ އަބްދުއްސައްތާރު އަދި ޔޫތް ޔުނައިޓަޑް ސްޕޯޓްސް ކުލަބްގެ މަލަކް އިސްމާޢީލް މުޙައްމަދުގެ އިތުރުން ސްޕޯޓްސް ކުލަބް ޝައިނިންގެ ސްޓަރގެ އާމިނަތު ފިރުޝާއެވެ. މިމުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ކުލަބް ގްރީން ސްޓްރީޓްގެ އާމިނަތު ރީމް ޝާމްއެވެ.