ސިއްހަތު

އައްޑޫ ޓަރޝަރީ ހޮސްޕިޓަލަށް ބަޖެޓުން ކުރެވޭނެ ޚަރަދު ބަލަނީ


އައްޑޫގައި ތަރައްޤީކުރުމަށް ނިންމާފައިވާ ޓަރޝަރީ ހޮސްޕިޓަލަށް ސަރުކާރުގެ ބަޖެޓުން ޚަރަދުކުރެވޭނެ މިންގަނޑުތަކެއް ބައްލަވަމުން ގެންދަވާކަމަށް ހެލްތް މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ.ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ގެންނަވަން ނިންމަވާފައިވާ ބަދަލުތަކާއި އެ ދާއިރާގެ ތަރައްޤީއާއި ގުޅޭގޮތުން، ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން، އިރުތިޝާމް އާދަމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ވަޢުދުވެވަޑައިގެންފައިވާ ގޮތުގެ މަތިން ޓަރޝަރީ ހޮސްޕިޓަލެއްގެ ޚިދުމަތް ދިނުމަށްޓަކައި ސަރުކާރުގެ ބަޖެޓުން ޚަރަދުކުރެވޭނެ މިންގަނޑުތައް އެކުލަވާލުމަށް އިކޮނޮމިކް ކައުންސިލުން ބައްލަވަމުން ގެންދަވާކަމަށެވެ. ޓަރޝަރީ ހޮސްޕިޓަލެއްގެ ޚިދުމަތް ދެވޭނީ، ޚިދުމަތް ދިނުމަށް ބޭނުންވާ މުއައްޒަފުންނާއި، އިކުއިޕްމަންޓް އަދި މެޝިނަރީ ހުރެގެންކަން ފާހަގަކުރައްވައި، އެ ކަންތައްތަކަށް ސަރުކާރުގެ ބަޖެޓުން ކުރަންޖެހޭ ހޭދަވެސް ބައްލަވަންޖެހޭކަމަށް މިނިސްޓަރ އިރުތިޝާމް ވިދާޅުވިއެވެ. އަދި ހެލްތް މިނިސްޓްރީގެ ފަރާތުން ހޮސްޕިޓަލް އެޅުމާއި ގުޅޭގޮތުން މަޝްވަރާތަކެއް ކުރެވެމުންދާކަމަށާއި، އައްޑޫގައި އެޅުމަށް ހަމަޖެހިފައިވާ 100 އެނދުގެ ހޮސްޕިޓަލަށް ބަޖެޓް ހަމަޖެހިފައިވާކަމަށް ނުދެންނެވޭނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.އައްޑޫގައި އެޅުމަށް ޕްލޭންކޮށްފައިވާ ހޮސްޕިޓަލަކީ ސައޫދީ ފަންޑު ފޯރ ޑިވެލޮޕްމަންޓްގެ 12.5 މިލިއަން ޑޮލަރާއި، އޯޕެކް ފަންޑު ފޯރ ޑިވެލޮޕްމަންޓް އިން ދީފައިވާ 8.5 މިލިއަން ޑޮލަރުގެ ލޯނު އެހީގައި ޢިމާރާތްކުރަން ހަަމަޖެހިފައިވާ ހޮސްޕިޓަލެކެވެ.