ޚަބަރު

ކޮޕީ މުޙައްމަދު ރަޝީދު އަވަހާރަވެއްޖެ


ގިނަ އަހަރުތަކެއްވަންދެން ދިވެހި އަދަބިއްޔާތަށް ތަފާތު ރޮނގުރޮނގުން ޚިދްމަތްތަކެއް ކުރައްވާފައިވާ ކޮޕީ މުޙައްމަދު ރަޝީދު އަވަހާރަވެއްޖެއެވެ.

3 ފަހަރެއްގެ މަތިން ޢާންމުޚިދުމަތުގެ އިނާމުސަރުކާރުން ދެއްވާފައިވާ މއ.ކޮޕީގެ، މުޙައްމަދު ރަޝީދު އަވަހާރަވީ، ހާލު ސީރިއަސްވެ، ފަރުވާ ދެމުންގެންދަނިކޮށް މިރޭ އޭޑީކޭ ހޮސްޕިޓަލުގައެވެ.

ކޮޕީ މުޙައްމަދު ރަޝީދަކީ، ތަމްޘީލު ކުޅުމާއި، ޢަރަބި ތާނަ ލިޔުމުގެ އިތުރުން، ޅެންހެދުމުގެ ރޮނގުން ދިވެހި އަދަބިއްޔާތަށް ގިނަ ގުނަ ޚިދްމަތްތަކެއް ކުރައްވާފައިވާ އަދި ދާދިފަހަކާއި ޖެހެންދެންވެސް އެމަސައްކަތުގައި އުޅުއްވި ބޭފުޅެކެވެ.

ކޮޕީ ރަޝީދުގެ މިމަސައްކަތްތަކުގައި އަގުވަޒަންކުރައްވައި ސަރުކާރުންވަނީ، އެނާއަށް ތިން ފަހަރެއްގެ މަތިން ޢާންމުޚިދުމަތުގެ އިނާމު ދެއްވާފައެވެ. އެގޮތުން، 1984 ވަނަ އަހަރު ތަމްޘީލު ކުޅުމުގެ ރޮނގުން ޢާންމުޚިދުމަތުގެ އިނާމު، 1988ވަނަ އަހަރު، ތާނަ ޢަރަބި ލިޔުމުގެ ރޮނގުން އަދި 2005 ވަނަ އަހަރު ދިވެހި އަދަބިއްޔާތަށް ޚިދްމަތްކުރުމުގެ ދާއިރާއިން؛ ޅެންހެދުމުގެ ރޮނގުން އޭނާއަށްވަނީ ޢާންމުޚިދުމަތުގެ އިނާމު ދެއްވާފައެވެ. 2020ވަނަ އަހަރު އޭނާއަށްވަނީ ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ދެއްވާފައެވެ.

ކޮޕީ މުޙައްމަދު ރަޝީދަކީ، ރާއްޖޭގައި ކުރިން ނެރުނު ބައެއް ނޫސް މަޖައްލާތަކުގައި، ޅެން ޝާއިޢު ކުރައްވަމުން ގެންދެވި ބޭފުޅެކެވެ. މީގެތެރެއިން، ދުވަހު ނޫސް "މޫންލައިޓް" އާއި، "އެކުވެރިންގެ ރޫޙު" މަޖައްލާގައި ޝާއިޢު ކުރައްވާފައިވާ ޅެންތައް ޚާއްޞަގޮތެއްގައި ފާހަގަކޮށްލެވެއެވެ.

އަދި، ފަތްތޫރައިގައިވެސް، އެނާގެ ޅެންތައް ޝާއިޢު ކުރައްވާފައިވާ މުޙައްމަދު ރަޝީދަކީ، މަދަރުސާ ކުދިންގެ ލަވަމުބާރާތްތަކަށާއި، ލަވަ އަލްބަމްތަކަށާއި، ޤައުމީ މުނާސަބަތުތަކަށާއި، އެކިއެކި ޚާއްޞަ ޙަފްލާތަކަށް ގިނަ އަދަދަކަށް ލަވަވެސް ހައްދަވައިދެއްވާފައިވާ ބޭފުޅެކެވެ.

މަދަރުސާ ކުދިންގެ ލަވަމުބާރާތްތަކަށް ހައްދަވައިދެއްވި ލަވަތަކަށް، އެމުބާރާތްތަކުން ޅެންވެރިކަމުގެގޮތުން މަތީ ވަނަތައްވެސްވަނީ ޙާޞިލްކުރައްވާފައިވާފައެވެ. މީގެ އިތުރުން އޭނާއަކީ ދީނީ ޅެންހެދުމުގެ މުބާރާތުގައިވެސް ބައިވެރިވެވަޑައިގެން، މަތީވަނަތައް ހޯއްދަވާފައިވާ ބޭފުޅެއްވެސްމެއެވެ.

އަދި މުޙައްމަދު ރަޝީދުގެ އަމިއްލަ ލަވަ ހިމެނޭ 11 ލަވަ އަލްބަމް ނެރުއްވާފައވާއިރު، މީގެތެރޭގައި މަދަޙަ އަލްބަމެއްވެސް ހިމެނެއެވެ. މީގެ އިތުރުން، "ފާގަތި ޙަޔާތެއް ހޯދުން" މި ނަމުގަޔާއި، "5 ބަޠަލުން" މިނަމުގައި މުޙައްމަދު ރަޝީދު ލިޔުއްވާފައިވާ ދެ ޅެންފޮތްވެސް ޝާއިޢުކުރައްވާފައިވެއެވެ.

ކޮޕީ މުޙައްމަދު ރަޝީދުވަނީ ގިނަ ތަމްޘީލުތަކެއްވެސް ކުޅުއްވާފައެވެ. އޭގެތެރޭގައި، ސްޓޭޖްމަތިން ކޮޕީ ފެނިގެންދިޔަ ފުރަތަމަ ތަމްޘީލުކަމަށްވާ "ތިން އުދަގޫ"، "ވަޒީފާ" ފަދަ ތަމްޘީލުތަކުން ފެށިގެން ޓީ.ވީ.އެމްގެ ބައެއް ފިލްމުތައްވެސް ހިމެނެއެވެ. ކޮޕީ ރަޝީދުގެ އެންމެ ފާހަގަކޮށްލެވޭ އެއްކަމަކީ، ކޮންމެ ޙަރަކާތެއް ތަމްޘީލެއްގައި ގެންނަންވިޔަސް ފަސޭހަކަމާއެކު އެކަމެއް ކޮށްލާކަމެވެ.

އޭނައަކީ ތަމްޘީލުކުޅުމުގެ އިތުރުން ރީތިކޮށް ތާނަ ލިޔުއްވުމުގައި ޚާއްޞަކޮށް ބޮޑު އަކުރު ކުރެއްވުމުގައިވެސް ފާހަގަކޮށްލެވޭ މޮޅު ލިޔުންތެރިއެކެވެ.

މުޙައްމަދު ރަޝީދުގެ އިތުރުން އޭނާގެ ބޭފުޅުންގެ ތެރޭގައިވެސް ރާއްޖޭގައި ފާހަގަކޮށްލެވޭ ފަންނުވެރިން ހިމެނެއެވެ. އެގޮތުން މަޝްހޫރު ފިލްމީ ތަރި އަދި ޑައިރެކްޓަރ އިސްމާޢީލް ރަޝީދު (ކޮޕީއިއްސެ) އަދި މަޝްހޫރު ލަވަންކިއުންތެރިޔާ ޔާމީން ރަޝީދަކީވެސް ކޮޕީ މުޙައްމަދު ރަޝީދުގެ ބޭފުޅުންނެވެ.