ޚަބަރު

ކޮޕީ މުޙައްމަދު ރަޝީދުގެ ޙާލުކޮޅު ސީރިއަސްވެ އޭޑީކޭގައި ފަރުވާދޭން ފަށައިފި


ގިނަ އަހަރުތަކެއްވަންދެން ދިވެހި އަދަބިއްޔާތަށް ތަފާތު ރޮނގުރޮނގުން ޚިދްމަތްތަކެއް ކުރައްވާފައިވާ ކޮޕީ މުޙައްމަދު ރަޝީދުގެ ޙާލުކޮޅު ސީރިއަސްވެ ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.

3 ފަހަރެއްގެ މަތިން ޢާންމުޚިދުމަތުގެ އިނާމުސަރުކާރުން ދެއްވާފައިވާ މއ.ކޮޕީގެ، މުޙައްމަދު ރަޝީދަށް ފަރުވާ ދެމުންގެންދަނީ އޭޑީކޭ ހޮސްޕިޓަލުގައެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި ކޮޕީ ރަޝީދަށް ފަރުވާދެމުްނގެންދަނީ ސްޓްރޯކެއް ޖެހި ޙާލު ސީރިއަސްވުމާ ގުޅިގެންނެވެ.

ކޮޕީ މުޙައްމަދު ރަޝީދަކީ، ތަމްޘީލު ކުޅުމާއި، ޢަރަބި ތާނަ ލިޔުމުގެ އިތުރުން، ޅެންހެދުމުގެ ރޮނގުން ދިވެހި އަދަބިއްޔާތަށް ގިނަ ގުނަ ޚިދްމަތްތަކެއް ކުރައްވާފައިވާ އަދި ދާދިފަހަކާއި ޖެހެންދެންވެސް އެމަސައްކަތުގައި ދެމިހުންނެވި ބޭފުޅެކެވެ.

ކޮޕީ ރަޝީދުގެ މިމަސައްކަތްތަކުގައި އަގުވަޒަންކުރައްވައި ސަރުކާރުންވަނީ، އެނާއަށް ތިން ފަހަރެއްގެ މަތިން ޢާންމުޚިދުމަތުގެ އިނާމު ދެއްވާފައެވެ. އެގޮތުން، 1984 ވަނަ އަހަރު ތަމްޘީލު ކުޅުމުގެ ރޮނގުން ޢާންމުޚިދުމަތުގެ އިނާމު، 1988ވަނަ އަހަރު، ތާނަ ޢަރަބި ލިޔުމުގެ ރޮނގުން އަދި 2005 ވަނަ އަހަރު ދިވެހި އަދަބިއްޔާތަށް ޚިދްމަތްކުރުމުގެ ދާއިރާއިން؛ ޅެންހެދުމުގެ ރޮނގުން އޭނާއަށްވަނީ ޢާންމުޚިދުމަތުގެ އިނާމު ދެއްވާފައެވެ.

މުޙައްމަދު ރަޝީދުގެ އިތުރުން އޭނާގެ ބޭފުޅުންގެ ތެރޭގައިވެސް ރާއްޖޭގައި ފާހަގަކޮށްލެވޭ ފަންނުވެރިން ހިމެނެއެވެ. އެގޮތުން މަޝްހޫރު ފިލްމީ ތަރި އަދި ޑައިރެކްޓަރ ކޮޕީ އިސްމާޢީލް ރަޝީދު (ކޮޕީ އިއްސެ)، އަދި މަޝްހޫރު ލަވަންކިއުންތެރިޔާ ޔާމީން ރަޝީދަކީވެސް ކޮޕީ ރަޝީދުގެ ބޭފުޅުންނެވެ.