ވިޔަފާރި

އެކްސްޕޯ މޯލްޑިވްސް 2015 ރައީސް ހުޅުއްވައިދެއްވައިފި


ދިވެހި
އުފެއްދުންތެރިކަމުގެ ޤައުމީ މަޢުރަޒު – އެކްސްޕޯ މޯލްޑިވްސް ދެހާސް ފަނަރަ ރައީސުލްޖުމްހޫރިއްޔާ
އަބްދުﷲ ޔާމިން އަބްދުލްޤައްޔޫމް ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ.

އެމަނިކުފާނު މި
މަޢުރަޒު ހުޅުއްވައިދެއްވީ މިރޭ ދަރުބާރުގޭގައި މިކަމައްޓަކައި ބޭއްވުނު
ރަސްމިއްޔާތުގައެވެ. މަޢުރަޒު ހުޅުއްވައިދެއްވުމަށް ފަހު ރައީސުލްޖުމްހޫރިއްޔާވަނީ
މަޢުރަޒުގެ ސްޓޯލްތަކަށް ޒިޔާރަތްކުރައްވާ މަސައްކަތްތައް ބައްލަވާލައްވާފައެވެ.

މައުރަޒު
ބައްލަވާލެއްވުމަށްފަހު، މައުރަޒުން އެކި ވަނަ ވަނައަށް ދިޔަ ފަރާތްތަކަށް
އިނާމްދިނުން ކުރިއަށްދިޔައެވެ. މިގޮތުން އެކްޕޯ މޯލްޑިވްސް ދެހާސް ފަނަރައިގެ
ގިންތިތަކުން އެއްވަނަ ހަތް ފަރާތަކުން ހާސިލްކޮށްފައިވެއެވެ.

މުބާރާތުން އެއްވަނަ
ހާސިލްކޮށްވަނީ ފެންވަރާ ރީތިވުމަށް ބޭނުންކުރާ ތަކެތި އުފެއްދުމުގެ ދާއިރާއިން
ތަކެތި ހުށަހެޅި ލުބުނާ މުޙައްމަދު ޒާހިރު، ހެންވޭރު ނީލްވިލާއެވެ. މުބާރާތުން
އެއްވަނައަށް ދިއުމުން އޭނާއަށް އެސްއެމްއީ ލޯނުވެސް ލިބޭނެއެވެ.

ލަކުޑިން ތަކެތި
އުދެއްދުމުގެ ބައިން އެއްވަނަ ޙާޞިލްކޮށް އެސްއެމްއީ ލޯން ހާސިލްކޮށްފައިވަނީ
ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތެއްކަމަށްވާ މުޙައްމަދު މާހިރު ހިންމަތް ބ.ތުޅާދޫއެވެ.

 ބޫޓާއި
ދަބަސް ފަދަ ތަކެތި އުފެއްދުމުގެ މުބާރާތުން އެއްވަނަ ހާސިލްކޮށް އެސްއެމްއީ ލޯން
ލިބިފައިވަނީ މއ. ނޫމަސް މޫސާ ޝިޔާމަށެވެ.

ލާޖެހިތަކެތި
އުފެއްދުމުގެ ބައިން މުބާރާތުން އެއްވަނަ ހާޞިކޮށްފައިވަނީ ބ.ތުޅާދޫ ރިޔާޒު
އަބްދުލް އަޒީޒް އަބްދުއްރަޙީމްއެވެ.

ކަނޑާނެގުން ނުވަތަ
ކަވިންގެ ބައިން މުބާރާތުން އެއްވަނަ ޙާޞިލްކުރީ މުޙައްމަދު އިމްރާން އަޙުމަދު
ގާތުހިރި މާލެއެވެ.

ލަނގިރި ޖެހުމާއި
ބަނޑިޔާ ޖެހުމުން މައުރަޒުން އެއްވަނަ ޙާޞިލްކުރީ ވ.ފުލިދޫ ބްލޫ ސްޓަރއެވެ.

ދިވެހިރާއްޖެ
ރަމްޒުކޮށްދޭ ސުވެނިއަރ ތަކެތި އުފެއްދުމުން މައުރަޒުން އެއްވަނަ ހާޞިލްކުރީ
ރ.މީދޫ ހުވަނދުމާގޭ އަބްދުއްރަޝީދު އަލިފުޅެވެ.

ކަސަބުން ތަކެތި
އުފެއްދުމުގެ ބައިން މައުރަޒުން އެއްވަނަ ހާޞިލްކުރީ މަރިޔަމް ޚާލިދާއެވެ.  

އެއްވަނަ ޙާޞިލްކުރި
ފަރާތްތަކަށް އިނާމު ޙަވާލުކޮށްދެއްވީ ރައީސުލްޖުމުހޫރިއްޔާ އަބްދުﷲ ޔާމީން
އަބްދުލް ޤައްޔޫމެވެ. އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުން ގިންތިތަކުން ދެވަނަ
ހާސިލުކުރި ބާވީސް ފަރާތަކަށް އިނާމު ޙަވާލުކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރ
މުޙައްމަދު ސައީދުއެވެ. މި މައުރަޒުގެ ގިންތިތަކުން ތިންވަނަ ޙާޞިލްކުރި ސަތާރަ
ފަރާތަކަށް އިނާމު ޙަވާލުކޮށްދެއްވީ ފަތުރުވެރިކަމާބެހޭ ވަޒީރު މުސާ ޒަމީރުއެވެ.



























މިއަހަރުގެ
ދިވެހިރާއްޖޭގެ އުފެއްދުންތެރިކަމުގެ ޤައުމީ މަޢުރަޒުގައި 85 ސްޓޯލް ވަނީ
ބެހެއްޓިފައެވެ. އަދި މި ސްޓޯލްތައް ބެހިފައިވަނީ 38 ބަޔަކަށެވެ. މި މަޢުރަޒުގައި
ތަފާތު ވައްތަރުގެ ދިވެހި ފަރުމާތަކާއި ދިވެހިންގެ ޡަޤާފަތް ދައްކުވައިދޭ
ކުޅިވަރުތަކާއި މަސައްކަތްތައް ވަނީ ހިމެނިފައެވެ. 
އަދި، މިއަހަރުގެ އުފެއްދުންތެރިކަމުގެ ޤައުމީ މަޢުރަޒު މި ބޭއްވުނީ 12 އަހަރުގެ
މެދުކެނޑުމަކަށް ފަހުކަން ފާހަގަކޮށްލެވެއެވެ. 

އެކްސްޕޯ މޯލްޑިވްސް 2015 އަކީ އިކޮނޮމިކް މިނިސްޓްރީން ސަރުކާރުގެ ކަމާގުޅުންހުރި
މުއައްސަސާތަކާ ގުޅިވަޑައިގެން ބާއްވަވާ މައުރަޒެކެވެ. އެކްސްޕޯގެ އިވެންޓް
އޮގަނައިޒަރަކީ، ޕަބްލިކް ސަރވިސް މީޑިއާއެވެ.