އިންގްލިޝް ޕްރިމިއަރ ލީގުގެ ނިއުކާސްލް ޔުނައިޓެޑް އޭނާ އާއި ވަރަށް ގުޅޭ ކަމަށް އެޓީމަށް އަލަށް އައްޔަން ކުރި ކޯޗް އެޑީ ހޯވް ހާމަކޮށްފިއެވެ. އެޑީ ހޯވް ނިއުކާސްލްގެ ކޯޗް ކަމާއި ހަވާލުވެފައިވަނީ މިދިޔަ ހޯމަދުވަހުއެވެ.
ހޯވް ވަނީ ނިއުކާސްލް އާއި އެކު 2024 ވަނަ އަހަރުގެ ސީޒަން ނިމެން ދެން އެޓީމްގެ ކޯޗް ކަމުގައި ހުރުމަށް އެއްބަސްވުމުގައި ސޮއިކޮށްފައެވެ. 2020 ވަނަ އަހަރު ބޯންމޯތު އިންގްލިޝް ޕްރިމިއަރ ލީގުން ރެލިގޭޓް ވިފަހުން ހޯވް އަދި އެހެން ޓީމަކާއި ހަވާލުވެފައެއް ނުވެއެވެ. ނަމަވެސް އަނެއްކާވެސް ހޯވް ހަވާލުވެފައިމިވަނީ ރެލިގޭޝަންގެ ބިރުވެރިކަން ވަރަށް ބޮޑަށް އޮތް ޓީމަކާއެވެ. ނިއުކާސްލް މިވަގުތު އޮތީ ތާވަލްގެ 19 ވަނައިގައެވެ. ނަމަވެސް ހޯވް ބުނީ ކުޅުންތެރިން އޭނާގެ ވިސްނުމާއި އެއްގޮތަށް ކަންތައްތައް ކޮށްފި ނަމަ މިކަން އަނބުރާލާ ރެލިގޭޝަނުން ސަލާމަތްވެ ޓީމް ރަނގަޅު ހިސާބަކަށް މިސީޒަންގައިވެސް ގެންދެވިދާނެކަމަށެވެ. ނިއުކާސްލްގެ ކޯޗް ކަމާއި ހަވާލުމާގުޅޭގޮތުން ހޯވް ބުނީ އޭނާއަށް މިފުރުސަތުގައި ހުރިހާކަމެއްވެސް ފެނުނީ ވަރަށް ރަނގަޅަށް ހުރި ކަމަށެވެ. ނިއުކާސްލްއަކީ ބޮޑު ކްލަބެއްގެ އިތުރުން ދިގު ތާރީހެއް އޮތް ކްލަބެއް ކަމަށެވެ. އަދި ކްލަބްގެ އާ ވިސްނުމާއި ފިކުރު ހުރީ ކުރިމަގުގައި ކްލަބަށް ކާމިޔާބު މުސްތަގްބަލެއް ހޯދުމަށް ކަމަށް ވުމުން އޭނާއަށް މިފުރުސަތު ފެނުނީ އޭނާ އާއި ވަރަށް ގުޅޭ ފުރުސަތެއްގެ ގޮތުގައިކަމަށް ހޯވް ބުންޏެވެ. އަދި ނިއުކާސްލްގެ ކޯޗް ކަމާއި ހަވާލު ވުމަކީ އޭނާއަށް ލިބުނު ފަހްރަކާއި ޝަރަފެއް ކަމަށް ވެސް އޭނާ ބުންޏެވެ. އަދި ކުރިއަށް އޮތް ތާނގައި، އޭނާގެ ޓީމުން ކުޅިބެލުންތެރިން ބަލާހިތްވާ މޮޅު އެޓޭކިންގ ކުޅުމެއް ކުޅޭތަން ފެނިގެންދާނެކަމަށްވެސް އޭނާ ބުންޏެވެ.
މީގެއިތުރުން ޓީމު މިހާރު އޮތް ހާލަތުގެ ސަބަބުން އޭނާއަށް އޮތް ޕްރެޝަރުވެސް ބޮޑުކަން ގަބޫލް ކުރެވޭކަމަށާއި ނަމަވެސް އޭނާ ބަލާނީ މިކަމުން ވީހާވެސް އަވަހަކަށް އަރައިގަނެވޭތޯ ކަމަށްވެސް ހޯވް ބުންޏެވެ. އަދި މިކަން ކުރެވޭނީ މެޗަކަށް ފަހު މެޗަކަށް ރަނގަޅަށް ތައްޔާރުވެގެން ކަމަށް ނިއުކާސްލްގެ އާ ކޯޗް ބުންޏެވެ.