ވިޔަފާރި

ވިޒިޓް މޯލްޑިވްސް އިޔާރގެ ޝޯވ އިންތިޒާމްކުރުން ޕީއެސްއެމްއަށް


ރާއްޖެއަށް ޒިޔާރާތްކުރާ އަހަރު 2016 އަށް މަރުހަބާ ކިއުމަށް ބާއްވާ ޝޯވ އިންތިޒާމްކޮށް ބޭއްވުމަށް ޓުއަރިޒަމް މިނިސްޓްރީން ޕީއެސްއެމްއާއުއެކު އެމްއޯޔޫގައި ސޮއިކޮށްފިއެވެ.

މި އެމްއޯޔޫގައު ޓުއަރިޒަމް މިނިސްޓްރީގެފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ޓުއަރިޒަމް މޫސާ ޒަމީރުއެވެ. ޕަބްލިކް ސާރވިސް މީޑިއާ، ޕީއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޚަލީލެވެ.

އަންނަ އަހަރަކީ ރާއްޖެއަށް ޒިޔާރާތްކުރާ އަހަރުގެ ގޮތުގައި ސަރުކާރުން ހަމަޖައްސަވައި ގިނަ ހަރަކާތްތަކެއް ހިންގުމަށް ވަނީ ރާއްވަވާފައެވެ. އެގޮތުން މި ހަރަކާތްތައް ފެށުމަށް ބާއްވާ ޝޯގެ ކަންކަން އިންތިޒާމްކުރުމަށް ޓުއަރިޒަމް މިނިސްޓްރީން ޕީއެސްއެމްއާއިއެކު ވެވުނު އެއްބަސްވުމުގެ ދަށުން ރާއްޖެއަށް ޒިޔާރާތް ކުރާ އަހަރަށް މަރުހާބާ ކިއުމަށް މިމަހުގެ 31 ވަނަ ދުވަހުގެ ރޭ ބާއްވާ ޝޯގެ ހުރިހާ މަސައްކަތެއްވެސް ކުރާނީ ޕީއެސްއެމްގެ ފަރާތުންނެވެ.

މި ޝޯގެ އިތުރުން އަންނަ އަހަރުގެ ތެރޭގައި ޓުއަރިޒަމް މިނިސްޓްރީން ކުރިއަށް ގެންދާ ރާއްޖެއަށް ޒިޔާރާތްކުރާ އަހަރުގެ ގިނަ ހަރަކާތްތަކެއްގައި ޕީއެސްއެމްއިން ބައިވެރިވާނެކަމަށް ޓުއަރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވިއެވެ. އެގޮތުން އަންނަ އަހަރު ރާއްޖެތެރޭ ބައެއް ރަށްތަކުގައި ހާއްސަ ޝޯތަކެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި މި ޝޯތަކުގައި ބޮލީވުޑަށް މަޝްހޫރު ލަވަކިއުންތެރިން ފެނިގެންދާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޚަލީލް ވިދާޅުވީ ރާއްޖެއަށް ޒިޔާރާތްކުރާ އަހަރުގެ ހަރަކާތްތައް ފެށުމަށް ބާއްވާ ޝޯގެ އިތުރުން ޕީއެސްއެމްގެ ފަރާތުން ވަރަށް ޚާއްސަ ހަރަކާތަތްތަކެއް ރާއްޖެ ޒިޔާރާތް ކުރާ އަހަރު ފާހަގަކުރުމަށް ބާއްވާނެކަމުގައެވެ. މީގެއިތުރުން ޤައުމީ ބޮޑެތި ކަންކަމުގައި ޕީއެސްއެމްއިން އަބަދުވެސް ބައިވެރިވާނެކަމަށާއި އެގޮތުން އަންނަ އަހަރުގެ ތެރޭގައިވެސް ހިނގާ ބޮޑެތި ކަންކަމުގެ އެންމެ އިސްސަފުގައި ޕީއެސްއެމްއިން ހަރަކާތްތެރިވަމުންދާނެކަމުގައި ޚަލީލް ވިދާޅުވިއެވެ.

ރާއްޖެއަށް ޒިޔާރާތްކުރާ އަހަރު ފެށުމުގެ ގޮތުން ބާއްވާ ޝޯގައި ބައިވެރިވާ ބޭރުގެ ފަންނާނުންގެ ނަންތައް ވަރަށް އަވަހަށް އާންމުކުރާނެކަމަށް ޓުއަރިޒަމް މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.