ޚަބަރު

ކުޑަކުދިންނަށް ޤާނޫނާއި ޚިލާފަށް އަމަލުކުރި 13 ފުލަހަކަށް ދަޢުވާކޮށްފި


ކުޑަކުދިންގެ ހިޔާގައި ތިބި ކުދިންތަކެއްގައި، ގަވާއިދާ ޚިލާފަށް ބިޑިއަޅުވައި، ޓޯޗަރގެ ޢަމަލެއް ހިންގިކަމުގެ ތުހުމަތުގައި، އެކަމުގައި ޢަމަލީގޮތުން ބައިވެރިވިކަމަށް ހެކި ލިބުނު 13 މީހެއްގެ މައްޗަށް ދަޢުވާ އުފުލައިފިއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކުޑަކުދިންގެ ހިޔާގައި ތިބޭ ކުދިންނަކީ ދައުލަތުން ޚާއްޞަ ޙިމާޔަތެއް ދޭންޖެހޭ ބައެއް ކަމަށެވެ. މިމައްސަލައަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކުޑަކުދިންގެ ހިޔާގައި ޤާނޫނާއި ޚިލާފަށް އެކުދިންނާއިމެދު އަމަލުކޮށްފައިވާތީ ހިއުމަން ރައިޓްސް ކޮމިޝަނުން ކުރި ތަހުގީގަށްފަހު ދައުވާ ކުރުމަށް ފޮނުވި މައްސަލައެވެ.

މިމައްސަލާގައި ދައުވާ ކުރުމަށް ފޮނުވި 13 މީހުންނަކީ މިކަމުގައި އަމަލީ ގޮތުން ބައިވެރިވެ ތަހުގީގަށް ހެކި ލިބިފައިވާ 13 ފުލުހުން ކަމަށް ޕީޖީ އޮފީހުން ވަނީ ވިދާޅުވެފައެވެ. އަދި މިމައްސަލައިގައި ކުރީގެ ޖެންޑަރ މިނިސްޓަރ ޒެނީޝާ ޝަހީދު ޒަކީއާއި، ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން (އެފްސީޕީ)ގެ ވެރިޔާ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރަށް ދައުވާ ކުރަން ފޮނުވި ނަމަވެސް މައްސަލައިގައި ދައުވާ ކުރެވޭ ވަރަށް ހެކި ނުލިބުމުން މިދެބޭފުޅުންގެ މައްޗަށް ދައުވާ ކޮށްފައި ނުވެއެވެ.

ކުޑަކުދިންގެ ހިޔާގައި ހިނގި ހަމަނުޖެހުން ކޮންޓްރޯ ކުރުމަށް ފުލުހުން ވަނީ އެތަނުގައި ތިބި ކުދިން ފަހަތަށް ބިޑިއަޅުވައި، ޤަވާއިދާއި ޚިލާފަށް ޓޯޗަރގެ އަމަލުތަކެއް ހިންގާފައެވެ. އަދި މިމައްސަލަ އެޗްއާރުސީއެމްއިން ވަނީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގް ކޮށްފައެވެ.