ޚަބަރު

"ޕާޓީ ނިޒާމަކީ، ހަތުރުވެރިކަމާއި ޢަދާވާތްތެރިކަން ނޫންކަން، ދައްކަން ޖެހޭ"


ރާއްޖޭގައި މިހާރު މިއޮތް ގިނަ ޕާޓީއެކުލެވޭ ސިޔާސީ ނިޒާމަކީ، ހަތުރުވެރިކަމާއި ޢަދާވާތްތެރިކަން ނޫންކަން، ދައްކަން ޖެހޭކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްވިދާޅުވެއްޖެއެވެ.

ޖުމްހޫރީދުވަހުގެ މުނާސަބަތުގައި ޤައުމާ މުޚާޠަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖޭގެ ސިޔާސީ، އަދި އިޖްތިމާޢީ މަސްރަޙުގައި އުފެދިފައިހުރި ހަލަބޮލިކަމާއި ނުތަނަވަސްކަން، މީގެ 3 އަހަރު ކުރިން ފެނިފައިވާކަމަށެވެ. އެއާއެކު ސިޔާސީ ވާދަވެރިކަން ފެނުނީ، ހަތުރުވެރިކަމާއި ޢަދާވާތްތެރި ކަމުގެ ގޮތުގައިކަމަށާ، އެންމެ ހެޔޮކަމަކީ އަނެކާއާމެދު އެންމެ ނުބައިކޮށް ކަންކުރުން ކަމުގައި އޭރު ބަޔަކަށް ގަބޫލުކުރެވިފައި އޮތްކަމަށް ރައީސް ވިދާޅުވިއެވެ. އެހެންނަމަވެސް އެއީ ގައުމެއްވެސް، ޖަމާޢަތެއްވެސް އަދި ޖުމްހޫރިއްޔަތެއްވެސް ދެމެހެއްޓޭނެ ގޮތެއްނޫންކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ސިޔާސީ ފަލްސަފާ އަކީ، ދެބަސްވުމަށް އެއްބަސްވުން. ހުރި ތަފާތުތަކާ، ފުށުއެރުމާ، ފަރަގުތައް ހިފައިގެން ވެސް އެކުގައި ކުރިއަށް ދިއުން. ރާއްޖޭގެ އިޖުތިމާޢީ ދުޅަހެޔޮ ކަމަށްޓަކާ، ހޭދަކުރާންޖެހޭ ވަގުތާ ހަކަތައިގެ މިންވަރު ބޮޑު. މިދެންނެވި އިޖުތިމާޢީ މަސްލަހަތު ހިފަހައްޓައި ދެމެހެއްޓުމަށް ވޭތުވި 3 އަހަރު ވަރަށް ބޮޑު އިސްކަމެއް ދިނިން. އަދި ކުރިއަށް އޮތް ދެއަހަރު ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭނެ އެއްކަމަކީ، ޖަމާޢަތުގެ މަސަލަސްކަން ހިފެހެއްޓުން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ފާއިތުވި 3 އަހަރުދުވަހުގެ ތެރޭގައި ޖުމްހޫރިއްޔަތުގެ މަގުގައި ސަރުކާރުން ކުރައްވަން ޖެހުނު ވަކި ޚާއްޞަ ކަންތަށްތަކެއް ހުރިކަމަށެވެ. އެއީ ޑިމޮކްރަސީ ޢިއާދަކޮށް ހިފެހެއްޓުމުގެ މަސައްކަތްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

"ގިނަޕާޓީ އެކުލެވޭ ވާދަވެރި ސިޔާސީ ނިޒާމަކީ، ހަތުރުވެރިކަމާ ޢަދާވާތްތެރިކަން ނޫންކަން، ދައްކަން ޖެހޭ. އެއީ ވަކިވެ ގަތުމާ، ބައިބައިވެ މުޖުތަމަޢު ރޫޅި ދިއުން ނޫންކަން، ލޯތަކަށް ފެންނަން ޖެހޭ. ޑިމޮކްރަސީ އަކީ މައިނޯރިޓީއާ، އެކަހެރިން ދުރުގައިއޮތް ގާމަތީރަށްވެސް، ޝާމިލްވާ ނިޒާމެއްކަން ދުނިޔެ ދަންނަތާ، އެތަށް އަހަރެއް. އަޅުގަނޑުމެންނަށް އަލަކަސް، ދުނިޔެއަށް އެފިލާވަޅު ދަސްވެ ބާވެއްޖެ.
ހުރިހާ އެންމެންނަކީ، އެއް ވިސްނުމެއްގައި، އެއް މަގަކުން ހިނގާނެ، އެއް ފިކުރެއްގެ ބައެއް ނޫން." ރައީސް ވިދާޅުވިއެވެ.

އެމަނިކުފަނު ވިދާޅުވީ ކޮންމެ މުޖުތަމަޢެއްގައިވެސް ތިމާމެން ނުރުހޭ އެތަށް ކަމަކާއި އަހަން ބޭނުން ނުވާ އެތަށް އަޑަކާއި ދެކެން ބޭނުން ނުވާ އެތަށް މަންޒަރެއް، އަބަދުވެސް ހިނގާނެކަން ދަންނަން ޖެހޭކަމަށެވެ. ޑިމޮކްރަސީއެއް އެކުވެ ޝާމިލްވަނީ، އެހުރިހާ ބައިތަށް ހިމެނިގެންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އަޅުގަނޑުމެން ގަދަ އަޅައި ހިފަހައްޓާން ޖެހެނީ ހަމައެކަނި ޤައުމިއްޔަތުގެ ބަހާތައް ކަމަށެވެ. އެއީ، މާތްވެގެންވާ އިސްލާމް ދީނާއި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާ، ތާރީޚާ އާދަކާދައާ، ބަހާ ސަގާފަތްކަމުގައި ރައީސް ވިދާޅުވިއެވެ. އަދި އެއީ އެއްވެސް ޙާލެއްގައި ހުރަސް ނުކުރެވޭނެ ރޮނގެއްކަމަށް ރައީސް ވިދާޅުވިއެވެ.