ކުޅިވަރު

ލަންކާގައި އޮތީ އެންމެ ފުރިހަމަ ޓީމެއް ނޫން - އަލަގިޗް


މަހިންދަ ރާޖަޕަކްސަ ފޯ ނޭޝަންސް ކަޕް ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ ލަންކާ ޓީމަކީ އެންމެ ފުރިހަމަ ޓީމު ނޫންކަމަށް ލަންކާގެ ކޯޗު އާމިރު އަލަގިޗް ބުނެފިއެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ރާއްޖެ އަތުން އެއްވަރުވި މެޗަށްފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އަލަގިޗް ވަނީ ލަންކާއިން ކުޅުންތެރިން ބިނާކުރަން މަސައްކަތް ނުކުރާތީ އެކަމުގު ނުރުހުން ފާޅުކޮށްފައެވެ.

އަލަގިޗް ބުނީ އެހެންގައުމުތަކުގައި ލަންކާއަށް ނިސްބަތްވާ ކުޅުންތެރިން އަދިވެސް އެބަތިބިކަމަށާއި މުބާރާތުގައި އޭނާ ގެންނަން ބޭނުންވެ، ނުގެނެވިފައިވާ ކުޅުންތެރިން އެބަތިބިކަމަށެވެ. އޭނާ ބުނީ އެންމެ އާދައިގަ ކޯޗަކަށް ޕްރޮފެޝަނަލީ މަސައްކަތް ކުރެވޭފަދަ މާހައުލެއް ލަންކާގައި ނެތްކަމަށެވެ. ހަމަ އެހެންމެ މެޗުތަކުގައި ލަންކާއިން ކުޅުންތެރިންގެ ތަފާތުކަން ފެންނަމުންދާ ކަމަށާއި ޕްރޮފެޝެނަލް ނޫން ކުޅުންތެރިންނާއެކު ލަންކާއަށް ނަތީޖާ ނެރެން އުނދަގޫވާނެކަމަށެވެ. ބޮސްނިޔާއަށް އުފަން އަލަގިޗް ބުނީ އޭނާ އެންމެ ބޭނުންވާ ކުޅުންތެރިންނަށް މުބާރާތުގައި ޕާސްޕޯޓް ނެތުމުގެ ސަބަބުން ނުކުޅެވުނުކަމަށާއި ލަންކާގައި މިހާރު މި އޮތް ޓީމަކީ ފުޓްބޯޅަ ކުޅެން އެންމެ ފުރިހަމަ ޓީމެއް ނޫންކަމަށެވެ. ނިމެންގެދިޔަ ސާފްޗެމްޕިއަންޝިޕްގައި ލަންކާގެ ޓީމާ ހަވާލުވި ކޯޗު ބުނީ ހަމައެކަނި ލަންކާ ހިމެނޭ ސްޓޭޓް ކުޅުންތެރިންނާއެކު ނުކުމު މާބޮޑު އަމާޒަކަށް ދެވޭނެކަމުގެ އުންމީދެށް ނެތްކަމަށެވެ.

"މީގަ ކޯޗެއްގެ ހަސިއްޔަތުން ވިސްނާނެ ބައިވަރު ކަންތައްތަކެއް ހުންނާނެ، މީގަ އަހަންނަކަށް ނުފެނޭ ލަންކާއިން ސީރިއަސްކޮށް ފުޓްބޯޅައާދޭތެރޭ ވިސްނާތަނެއް، ކޯޗަކަށް އެންމެ މުހިންމުވާނީ ނަތީޖާ ނެރެން ކުރަންޖެހޭ ކަންކަން ކޮށް ރޭވުމުގެ ވިސްނުން. އަހަންނަށް ލަންކާ ޓީމަކުން މާގިނަ ޕްރޮފެޝަނަލް ކުޅުންތެރިންނެއް ނުފެނޭ، އެހެންވީމަ މި ބުނަނީ މިއީ އެންމެ ފުރިހަމަ ޓީމެއް ނޫނޭ" ކުރިން ރާއްޖޭގައި ނިއުރޭޑިއަންޓުގައި މަސައްކަތްކުރުމަށްފަހު ޕްރޮފެޝަނަލް ނޫންކަމަށް ބުނެ ޓީމު ދޫކޮށްދިޔަ ކޯޗު ބުނިއެވެ.

އަލަގިޗް ބުނީ އޭނާ މިގޮތަކަށް ވާހަކަ މިދައްކަނީ ލަންކާ ފުޓްބޯޅައި ފައިދާއަށް ކަމަށާއި ކުޅުންތެރިން ގެނެސްގެން ނާޖާއިޒް ގޮތުގައި ފައިދާ ނާގާކަމާމެދު ސުވާލު ކުރާނެ މީހަކު ނެތުމުން އުފާކުރާކަމަށް ލަންކާގެ ކޯޗު ބުންޏެވެ. އޭނާ ބުނީ ފުޓްބޯޅައިގައި ކުރިއެރުން ހޯދޭނީ ޕްރޮފެޝަނަލީ ދާންވީ މިސްރާބަށް މަސައްކަތް ކޮށްގެންކަމަށެވެ. ރާއްޖެ މެޗުގައި ފަހަތުން އަރައި ނަތީޖާ ހަމަހަމަ ކުރެވުނީ ރާއްޖޭގައި ބަލިފައި ދެނެގަނެވި ކުރެވުނު މަސައްކަތުންކަމަށް އަލިގިޗް ފާހަގަކުރިއެވެ. އަބަދުވެސް ޕޮރެފެޝަނަލީ މަސައްކަތް ކުރުމަށް ބާރުއަޅާ ކޯޗު ވަނީ ރާއްޖޭ ފުޓްބޯޅަ ކުރި ނައަރަނީ ޕޮރްފެޝަލްކޮށް މަސައްކަތް ނުކުރާތީކަމަށް ބުނެ ރާއްޖޭގެ ފުޓްބޯޅަ އަށް ފާޑުކިޔާފައެވެ. ލަންކާއިން ދާދިފަހުން އެ ގައުމުން ބޭރުގައި ކުޅޭ ލަންކާ ނިސްބަތްވާ ގިނަ ކުޅުންތެރިން ޓީމުގައި ހިމަނާފައެވެ. އިއްޔެގެ މެޗުގައި ރާއްޖޭގެ ކޮޅަށް ހަތަރު ލަނޑު އަހުމަދު ވަސީމްގެ އިތުރުން އިނގިރޭސވިލާތުގައި ކުޅޭ ލަންކާއަށް ނިސްބަތްވާ ޑިލޮސް ޑިސިލްވާ އާއި މާވިން ހެމިލްޓަން ފާހަގަކޮށްލެވެއެވެ. މިދިޔަ މަހު މާލޭގައި ސާފްޗެމްޕިއަންޝިޕްގައި ކުޅުނު މެޗު ލަންކާ އަތުން ރާއްޖެ މޮޅުވީ1-0 ލަނޑުންނެވެ.