ސްކޮޓްލޭންޑުގައި މިހާރު ކުރިއަށްދާ ޔުނައިޓެޑް ނޭޝަންސް ކްލައިމެޓް ޗޭންޖް ކޮންފަރެންސް "ކޮޕް26"ގެ އެޖެންޑާގައި ހިމެނޭ އެޑަޕްޓޭޝަންއާ ގުޅޭ ވަޒީރުންގެ ފެންވަރުގެ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ރާއްޖޭގެ އެންވަޔަރަންމަންޓް މިނިސްޓަރ އާމިނަތު ޝައުނާ އައްޔަން ކުރައްވައިފިއެވެ.
ކޮޕް ސަމިޓުގެ ރައީސް އަލޯކް ޝަރްމާ، މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާ މިކަމަށް އައްޔަން ކުރައްވާފައިވަނީ ކޮޕް26ގެ އެޖެންޑާގެ ދަށުން ވަޒީރުންގެ ފެންވަރުގައި ބާއްވާ މަޝްވަރާތައް ކުރިއަށް ގެންދިޔުމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުޙައްމަދު މަބްރޫލް އަޒީޒް ވިދާޅުވީ، މިނިސްޓަރ ޝައުނާގެ މަސައްކަތްޕުޅަކަށް ވާނީ ޕެރިސް އެގްރީމަންޓްގެ ދަށުން އެޑަޕްޓޭޝަންގެ ދުނިޔޭގެ ލަނޑުދަނޑި ކަނޑައެޅުމަށްޓަކައި، މަސައްކަތްކުރާނެ ގޮތްތަކާއި، މިކަންކަމާއި ގުޅޭ އެއްބަސްވުމަކަށް އައުމުގެ އިތުރުން، އެޑަޕްޓޭޝަނަށްކުރާ ޚަރަދާއި ބެހޭގޮތުން އެއްބަސްވުމަކަށް އައުން ފަދަކަންކަން ކަމަށެވެ.
Aminath Shauna, Minister of Environment, Climate Change and Technology, has been appointed by Mr Alok Sharma, the President of the COP 26, to facilitate ministerial negotiations on adaptation under the COP agenda. pic.twitter.com/P9Anb1A1r6
— Mabrook Azeez (@MvSpokesperson) November 9, 2021
ކޮޕް ސަމިޓުގައި ހިމެނޭ ވަޒީރުންގެ މެދުގައި ބާއްވާ ބައްދަލުވުންތައް ކުރިއަށް ގެންދިއުމުގެ މަސްޢޫލިއްޔަތު މިނިސްޓަރ ޝައުނާއާ ހަވާލުކުރައްވާފައިވާއިރު، މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ޤައުމުތަކުން ކުރާ ހޭދަ ކޮޕް26 ސަމިޓުގެ ސަބަބުން އިތުރުވެގެންދާނެކަމަށް ބެލެވޭކަމަށް އެކަމަނާ ވަނީ ސަމިޓް ފެށުމުގެ ކުރިންވެސް ވިދާޅުވެފައެވެ.
މޫސުމަށް އަންނަ ބަދަލުތަކަކީ ރާއްޖޭގެ ދެމިއޮތުމަށްވެސް އޭގެ އަސަރުކުރާ ކަމެއްކަމަށްވާއިރު، ޝައުނާ ވަނީ މޫސުމަށް އަންނަ ބަދަލުތަކާއެކު ރާއްޖޭގެ ރަށްތައް އިންތިހާއަށް ގިރައި، ރާއްޖޭގެ ކޮންމެ ރަށެއްގެ ފެންފަށަލަ ތަޣައްޔަރުވެފައިވާކަމަށް ވިދާޅުވެފައެވެ. މީގެއިތުރުން ފަރުތަކުގެ ދިރުން ނެތިގެންދާ ހިސާބަށްވެސް ގޮސްފައިވާކަން ފާހަގަކުރައްވައި މިނިސްޓަރ ޝައުނާ ވަނީ، ރާއްޖޭގެ އަޑު ދުނިޔެއަށް އިއްވުމަށް ވަރަށްބޮޑަށް މަސައްކަތްކުރައްވާކަން ޙާމަކުރައްވާފައެވެ.