ޚަބަރު

4 ގޯލް ޖަހާފައިވަނިކޮށް ލަންކާއިން ފަހަތުން އަރާ ރާއްޖެއާ އެއްވަރުކޮށްފި


މަހިންދަ ރާޖަޕަކްސަ ފޯ ނޭޝަންސް ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗްގައި ރާއްޖެއިން 4 ގޯލް ޖަހައިފައިވަނިކޮށް ލަންކާއިން ފަހަތުން އަރައި، ރާއްޖެއާ އެއްވަރުކޮށްފިއެވެ.

މިމެޗް އެއްވަރުކުރީ 4 ލަނޑު 4 ލަނޑުންނެވެ.

މިއީ ގައުމީ ޓީމްގެ ކޯޗްކަމާއި އަލަށް ހަވާލުވި އިޓަލީގެ ފްރެންޗެސްކޯ މޮރިއޭރޯގެ ކޯޗްކަމުގެ ދަށުން ކުޅުނު ފުރަތަމަ ބައިނަލްއަގްވާމީ މެޗެވެ. ލަންކާއިން ފަހަތުން އަރައި، ރާއްޖެއާ އެއްވަރުކުރިއިރު ނިމިގެންދިޔަ އުރީދޫ ސާފް ޗެންޕިއަންޝިޕްގައި ރާއްޖެއިން ވަނީ 1 ލަނޑު 0 ލަނޑުން ލަންކާ ބަލިކޮށްފައެވެ.

ސްރީލަންކާގެ ކޮލަންބޯގައި ބާއްވާ 4 ނޭޝަންސް ކަޕް ފުޓްބޯޅަ ޓޯނަމަންޓް ފޯރ މަހިންދަ ރާޖަޕަކްސަ ޓްރޮފީ 2021 މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ބައިވެރިވެވަޑައިގެންފައެވެ. މި ރަސްމިއްޔާތުގެ ޝަރަފުވެރި މެހުމާނަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހުއެވެ.

މެޗްގެ ފުރަތަމަ ހާފްގައި ރާއްޖޭގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ ފުރަތަމަ ހާފްގައި ރާއްޖޭގެ ޓީމުން ވަނީ 3 ގޯލް ޖަހާފައެވެ. ގައުމީ ޓީމުގެ އެއް ނަންބަރު ކީޕަރު މުޙައްމަދު ފައިސަލަށް އަނިޔާވުމާއި ގުޅިގެން އޭނާ ޓީމުން ބާކީކޮށްފައިވާއިރު، މިމެޗްގައި ރާއްޖޭގެ ގޯލް ބެލެހެއްޓީ ޒުވާން ކީޕަރު ނާޖިހު ޢަލީ (ނާޖީ)އެވެ.

މިމެޗްގެ ނުވަވަނަ މިނެޓްގެ ތެރޭގައި ރާއްޖެއިން ވަނީ ދެ ގޯލް ޖަހައި ލީޑް ނަގާފައެވެ. މެޗްގެ ފުރަތަމަ ގޯލް ޖެހީ އަށްވަނަ މިނެޓްގައި ކެޕްޓަން އަކުރަމް އަބްދުލްޣަނީ (އަކޫ)އެވެ. މިއީ ދަގަނޑޭ ނެގި ހުރަހަކުން އަކޫ ބޮލުން ޖެހި ގޯލެކެވެ. ރާއްޖޭގެ ދެވަނަ ގޯލް ކާމިޔާބުކޮށްދިނީ ޢަލީ ފާސިރު (ސެންޓޭ)އެވެ.

ރާއްޖެއިން ދެ ގޯލް ޖެހުމާއެކު ލަންކާއިން ލަނޑެއް ޖެހުމަށް ކުރި މަސައްކަތުގައި ދެ ތިން ހަމަލާއެއް އުފެއްދިއެވެ. ނަމަވެސް ރާއްޖޭގެ ކީޕަރު ނާޖިހު ވަނީ މިހަމަލާތައް ދިފާޢުކޮށްފައެވެ. ރާއްޖޭގެ ތިން ވަނަ ލަނޑު ކާމިޔާބުކޮށްދިނީ އިބްރާހީމް މަހުދީއެވެ. މެޗްގެ ފުރަތަމަ ހާފް ނިމުމުގެ ކުރިން ރާއްޖޭގެ ހަތަރު ވަނަ ލަނޑު ޖެހުމަށް ޢަލީ އަޝްފާގްއަށް ލިބުނު ފުރުސަތުގެ ބޭނުން އޭނާއަށް ހިފޭ ގޮތެއް ނުވިއެވެ.

މެޗުގެ ފުރަތަމަ ހާފް ރާއްޖެއިން 3 ގޯލުގެ ލީޑެއްގައި އޮވެގެން ނިންމާލިއިރު، މެޗްގެ ދެވަނަ ހާފް ފެށިގެން މާގިނަ އިރުތަކެއް ނުވެ ރާއްޖެއިން ވަނީ ގޯލެއް ޖަހައި 4 ގޯލްގެ ލީޑެއް ނަގާފައެވެ. މިލަނޑު ކާމިޔާބުކޮށްދިނީ ޢަލީ އަޝްފާގް (ދަގަނޑޭ)އެވެ. ރާއްޖެއިން ހަތަރު ގޯލް ޖެހުމާއެކު، ލަންކާއިން ވަރަށް ބޮޑަށް ކުޅުން ރަނގަޅުކޮށް، ރާއްޖޭގެ ޓީމުގެ ތެރެއިން ހުސްކޮށް ލިބޭ ޖާގަތަކުގެ ބޭނުން ހިފާ މެޗްގެ އޮއިވަރު ބަދަލްކޮށްލިއެވެ. މިއާއެކު އެޓީމުން ރާއްޖޭގެ ގޯލަށް ފުލުފުލުގައި ހަމަލާތައް އުފެއްދުމަށް މަސައްކަތް ކުރުމުގެ ނަތިޖާއެއްގެ ގޮތުން އެޓީމުން ވަނީ ފަހަތުން އަރައި 3 ގޯލް ޖަހާފައެވެ. މިހެޓްރިކް ލަންކާ ޓީމަށް ކާމިޔާބުކޮށްދިނީ އަޙްމަދު ވަސީމް ރަޒީކެވެ.

ލަންކާއިން ތިން ގޯލް ޖެހުމާއެކު ރާއްޖެއިން ހަމްޒާ މުޙައްމަދު އާއި ނާއިޒު ހަސަން ކުޅެން އެރުވިއެވެ. ނަމަވެސް ރާއްޖެއަށް އިތުރު ގޯލެއް ޖެހޭގޮތެއް ނުވިއެވެ. ނަމަވެސް ލާންކާއިން ދިޔައީ ރާއްޖޭގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. މެޗްގެ ފަހުކޮޅަށް ދިޔައިރު ރާއްޖޭގެ ކުޅުންތެރިންގެ ފަރާތުން ވަރުބަލިކަން ވަރަށް ބޮޑަށް ފެނިގެންދިޔައެވެ. އޭގެ ފައިދާ ނަގައި، ލަންކާއިން ރާއްޖޭގެ ހާފް ތެރޭގައި ކުޅެ، ހަމަލާތައް އުފެއްދުމަށް މަސައްކަތް ކުރިއެވެ. މީގެ ނަތީޖާއެއްގެ ގޮތުން ލަންކާއިން މެޗްގެ ނަތީޖާ ހަމަހަމަކުރި ލަނޑު ކާމިޔާބުކޮށްދިނީ މެޗްގައި ހެޓްރިކް ހެދި ވަސީމެވެ. މިމެޗްގެ މޮޅު ކުޅުންތެރިއަކަށްވެސް ހޮވިފައިވަނީ ވަސީމެވެ.

މިމުބާރާތުގެ ދެވަނަ މެޗުގައި ބުރާސްފަތި ދުވަހު ހަވީރު ރާއްޖެ ކުޅޭނީ ބަންގްލަދޭޝްއާއެވެ. އަދި މިމަހުގެ 14 ވަނަ ދުވަހު ލީގު ބުރުގެ ފަހު މެޗްގައި ރާއްޖެ ނިކުންނާނީ ސީޝެލްސްއާ ދެކޮޅަށެވެ. މިމުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 19ވަނަ ދުވަހުއެވެ. ފައިނަލް މެޗްގެ ހާއްސަ މެހެމާނަކީ ފީފާގެ ރައީސް އިންފަންޓީނޯއެވެ.