ޚަބަރު

ތާރީޚީ ދުވަހެއް، އެމްއެންޑީއެފްގެ މަތިންދާބޯޓަށް ދިވެހި ޕައިލެޓުން


އެމްއެންޑީއެފްގެ ޑޯނިއާ މަތިންދާބޯޓު ދުއްވުމުގެ ހުއްދަ ފުރަތަމަ ފަހަރަށް ދިވެހި ސިފައިންގެ ޕައިލެޓުންނަށް ލިބިއްޖެއެވެ.

މިއަދު އޮތް ރަސްމިއްޔާތުގައި އެމްއެންޑީއެފްގެ 2 ޕައިލެޓުންނަށް ކޯސްޓްގާޑު އޭވިއޭޝަން ސްކޮޑްރަންގެ ބެޖު ހަވާލުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލްއެވެ. މޭޖާ ޖެނެރަލް ޝަމާލް ވިދާޅުވީ އެމްއެންޑީއެފްގެ ސިފައިންނަށް ފުރަތަމަ ފަހަރަށް ޑޯނިއާ މަތިންދާ ބޯޓު ދުއްވުމަކީ ލިބުނު ޝަރަފެއް ކަމަށެވެ. މި ޕައިލެޓުން ތަމްރީންކޮށްދިން އިންޑިއާގެ ސިފައިންނަށް ޝަމާލް ވަނީ ޝުކުރު އާދަކުރައްވާފައެވެ.

އެމްއެންޑީއެފްގެ ޑޯނިއާ މަތިންދާބޯޓު ދުއްވުމުގެ ހުއްދަ ފުރަތަމަ ފަހަރަށް ލިބުނު ދިވެހި ސިފައިންގެ 2 މީހުންނަކީ ފަސްޓް ލެފްޓިނެންޓް އިބްރާހީމް ޝަރީފާއި ލެފްޓިނެންޓް އަޙްމަދު އަލީއެވެ.

2019ވަނަ އަހަރު ބަދަލުކުރެވުނު ލެޓާ އޮފް އެކްސްޗޭންޖްގެ ދަށުން ދިވެހި ޕައިލެޓުންނަށް އެއާކްރާފްޓް ދުއްވޭގޮތަށް އިންޑީއާއާއެކު ދިވެހި ސަރުކާރުންވަނީ އެއްބަސްވެފައެވެ. އެގޮތުން ފަސް ޕައިލެޓުން ތަމްރީނުކޮށް އޭގެތެރެއިން 4 ޕައިލެޓުން ވަނީ ޑޯނިއާ މަތިންދާބޯޓު ދުއްވުމުގެ ކޯސް ފުރިހަމަކޮށްފައެވެ. އޭގެތެރެއިން މިއަދު ބެޖު ލިބިވަޑައިގަތް ދެ ސިފައިން މިހާރު ވަނީ މި ޚިދުމަތާ ގުޅިވަޑައިގެންފައެވެ.

މިއަދު ހުއްދަ ދިން 2 ޕައިލެޓުން ބުނެފައިވަނީ މިއީ ވަރަށް ފަޚުރުވެރިވާ ކަމެއްކަމަށާ، މިފަދަ ޚިދުމަތެއް ދިނުމަށް ޝައުގުވެރިވީ ޤައުމީ ޚިދުމަތެއް ދިނުމުގެ ބޭނުމުގައިކަމަށެވެ. އަދި އެމްއެންޑީއެފަކީ ޓްރެއިންނިންއާއެކު، މިފަދަ ގިނަ ފުރުސަތު އޮތް މުއައްސަސާއެއް ކަމަށެވެ.

ޑޯނިއަރ މަތިންދާ ބޯޓަކީ ރާއްޖޭގައި ދިމާވާ އެކި ޙާދިސާތަކުގައި، ސިފައިންގެ އެކި ބޭނުންތަކުގައިވެސް ބޭނުން ކުރަމުންދާ އުޅަދެކެވެ. އެގޮތުން އެމްއެންޑީއެފްގެ ކޯސްޓްގާޑުން، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދު ބެލެހެއްޓުމަށާއި، ދިވެހިރާއްޖޭގެ މަސްކަނޑުތަކުން ޤަވާޢިދާ ޚިލާފަށް މަސްވެރިކަންކުރާ ފަރާތްތައް މޮނިޓަރކުމަށްވެސް މި އުޅަދު ބޭނުން ކުރެއެވެ.

އަދި ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދު ބޭނުންކޮށްގެން ކުރެވޭ މަސްތުވާތަކެއްޗާއި މަނާ އެހެނިހެން ތަކެތީގެ ވިޔަފާރިއާއި އިންސާނީ ވަގުފާރި ހުއްޓުވުމާއި ކަނޑުމަތީގައި ޙާލުގައިޖެހޭ މީހުން ހޯދުމަށާއި އެއްތަނުން އަނެއްތަނަށް ބަލިމީހުން އުފުލުމަށާއި އަދި އެހެނިހެން އިންސާނީ އެހީ ފޯރުކޮށްދިނުމަށްވެސް މި އުޅަދުގެ ބޭނުން ކުރެއެވެ.