ކުޅިވަރު

ނިއުކާސަލްގެ ކޯޗަކަށް އެޑީ ހޯވް


ނިއުކާސަލް ޔުނައިޓެޑުގެ ކޯޗަކަށް އެޑީ ހޯވް ހަމަޖައްސައިފިއެވެ. އެޑީ ހޯވް ނިއު ކާސަލްގެ ކޯޗަކަށް ހަމަޖައްސާފައިވާއިރު، ސަޢުދީ އަރަބިއްޔާގެ ވަލީއަހުދު މުޙައްމަދު ބިން ސަލްމާނުގެ ހިއްސާއާއެކު ސައުދީގެ ޕަބްލިކް އިންވެސްޓްމަންޓް ފަންޑް (ޕީއައިއެފް) އިންވަނީ ނިއުކާސަލް ގަނެފައެވެ. ޕީއައިއެފުން ނިއުކާސަލް ގަނެފައިވަނީ 408 މިލިއަން ޑޮލަރަށެވެ. ޕީއައިއެފުން ނިއުކާސަލް ގަނެފައިވާއިރު، އެޓީމުން ކުރިއަށް އޮތް ޓްރާންސފަރ މާކެޓްގައި ބޮޑު ޚަރަދެއް ކުރާނެކަމަށް ބެލެވެއެވެ.

އެޑީ ހޯވް ނިއު ކާސަލްގެ ކޯޗަކަށް ހަމަޖައްސާފައިވާއިރު، މީގެ ކުރިން އެޓީމުގެ ކޯޗަކަށް ހުރި ސްޓީވް ބްރޫސް ވަނީ މިދިޔަ އޮކްޓޯބަރު މަހު މަގާމުން ވަކިކޮށްފައެވެ. ސްޓީވް ބްރޫސް ނިއުކާސަލްއަށް އެންމެ ފަހުން އިރުޝާދު ދިން މެޗްގައި އެޓީމު ވަނީ ޓޮޓެންހަމް ހޮޓްސްޕަރ އަތުން 3 ލަނޑު 2 ލަނޑުން ބަލިވެފައެވެ. އެޑީ ހޯވް ނިއުކާސަލްއާއެކު އެއްބަސްވުން ހަދާފައިވަނީ 2024ވަނަ އަހަރާއި ހަމައަށެވެ. ނިއުކާސަލްގެ ކޯޗަކަށް ހޯވް ހަމަޖެއްސި އިރު ޝަޚްތާރު ޑޮނެސްކުގެ ކުރީގެ ކޯޗު ޕައޮލޯ ފޮންސޭކާ އާއި ވިޔަރެއާލުގެ ކޯޗު އުނާއި އެމެރީ ހަމަޖައްސަންވެސް މަސައްކަތް ކުރިއެވެ. އަދި އެހެން ބައެއް ކޯޗުންވެސް ނިއުކާސަލްގެ ކޯޗަކަށް ހަމަޖެއްސުމަށް މަސައްކަތްކޮށްފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު 11 މެޗުން ލިބުނު 5 ޕޮއިންޓާއެކު ނިއުކާސަލް އޮތީ ލީގުގެ ފުލުން 2ވަނައިގައެވެ.