ޚަބަރު

އެމްއެންޑީއެފްގެ ޑޯނިއަރ މަތިންދާބޯޓް ދުއްވުން ދިވެހި ޕައިލެޓުންނަށް


އެމްއެންޑީއެފްގެ އޮޕަރޭޝަންތަކުގައި ބޭނުންކުރުމަށް ގެންނަ ޑޯނިއަރ މަތިންދާބޯޓު ދުއްވުމުގެ ހުއްދަ އެމްއެންޑީއެފްގެ ޕައިލެޓުންނަށް ލިބިއްޖެއެވެ.

މިހާތަނަށް ޑޯނިއަރ މަތިންދާބޯޓު ދުއްވުމުގެ ހުއްދަ ލިބިފައިވަނީ ދެ ބޭފުޅަކަށެވެ. މިދެބޭފުޅުންނަށް ސީޖީ އޭވިއޭޝަން ސްކޮޑްގެ ބެޖް ހަވާލުކުރުމުގެ ރަސްމިއްޔަތު މިއަދު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިއީ އެމްއެންޑީއެފުން ރާއްޖޭގައި ބޭނުން ކުރަމުންދާ ޑޯނިއާ މަތިންދާ ބޯޑު ދުއްވުމުގެ ހުއްދަ ސިފައިންގެ ބޭފުޅުންނަށް ލިބުނު ފުރަތަމަފަހަރެވެ.

މީގެ ކުރިން މިމަތިންދާބޯޑު ދުއްވަމުންދިޔައީ މަތިންދާބޯޓު ރާއްޖެއަށް ހަދިޔާކުރި އިންޑިއާގެ ސިފައިންގެ އެހީތެރިކަމާއެކުގައެވެ. ނަމަވެސް ސިފައިގެން ދެ ބޭފުޅުންނަށް ދުއްވުމުގެ ލައިސަންސް ލިބުމުން މި މަތިންދާ ބޯޑުތައް ދެން ދުއްވާނީ ހުއްދަލިބުނު ދެ ޕައިލެޓުންނެވެ.

ޑޯނިއަރ މަތިންދާ ބޯޓަކީ ރާއްޖޭގައި ދިމާވާ އެކި ޙާދިސާތަކުގައި، ސިފައިންގެ އެކި ބޭނުންތަކުގައިވެސް ބޭނުން ކުރަމުންދާ އުޅަދެކެވެ. އެގޮތުން އެމްއެންޑީއެފްގެ ކޯސްޓްގާޑުން، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދު ބެލެހެއްޓުމަށާއި، ދިވެހިރާއްޖޭގެ މަސްކަނޑުތަކުން ޤަވާޢިދާ ޚިލާފަށް މަސްވެރިކަންކުރާ ފަރާތްތައް މޮނިޓަރކުމަށްވެސް މި އުޅަދު ބޭނުން ކުރެއެވެ.

އަދި ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދު ބޭނުންކޮށްގެން ކުރެވޭ މަސްތުވާތަކެއްޗާއި މަނާ އެހެނިހެން ތަކެތީގެ ވިޔަފާރިއާއި އިންސާނީ ވަގުފާރި ހުއްޓުވުމާއި ކަނޑުމަތީގައި ޙާލުގައިޖެހޭ މީހުން ހޯދުމަށާއި އެއްތަނުން އަނެއްތަނަށް ބަލިމީހުން އުފުލުމަށާއި އަދި އެހެނިހެން އިންސާނީ އެހީ ފޯރުކޮށްދިނުމަށްވެސް މި އުޅަދުގެ ބޭނުން ކުރެއެވެ.