ކުޅިވަރު

ދިވެހި ކޯޗުންނަށް ޖާދޫއެއް ނުހެދޭނެ - އިލްޔާސް


ދިވެހި ކޯޗުންނަށްވެސް ނަތީޖާ ނެރެން ވަގުތު ބޭނުންވާނެކަމަށް ގައުމީ ބާސްކެޓް ޓީމްގެ ކޯޗް އިލްޔާސް އިބްރާހީމް (އިއްލަ) ބުނެފިއެވެ. ޤައުމީ ބާސްކެޓް ޓީމް މިހާރު ތައްޔާރުވަމުންދަނީ ބަންގްލަދޭޝްގައި އޮންނަ ސާބާ ޗެންޕިއަންޝިޕަށެވެ. މިމުބާރަށް ތައްޔާރުވުމުގެ ގޮތުން ޤައުމީ ބާސްކެޓް ޓީމު ވަނީ ދުބާއީގައި ކޭންޕްކޮށް، އެކުވެރިކަމުގެ ތިން މެޗް ކުޅެފައެވެ.

މޯލްޑިވްސް ބާސްކެޓް ބޯލް އެސޯސިއޭޝަނުން ޤައުމީ ބާސްކެޓް ޓީމުގެ ކޯޗިން ސްޓާފުންނަށް ހުސް ދިވެހިން މިފަހަރު ހަމަޖެއްސީ، ދިވެހި ކޯޗުންނަށްވެސް ފުރުސަތުދީ، އެކޯޗުންގެ ގާބިލްކަން އިތުރުކުމުގެ ގޮތުންނެވެ. ޤައުމީ ބާސްކެޓް ޓީމުގެ ހެޑް ކޯޗަކަށް އިލްޔާސް އިބްރާހީމް ހަމަޖައްސާފައިވާއިރު، އެސިސްޓެންޓް ކޯޗުންގެ ގޮތުގައި ހަމަޖައްސާފައިވަނީ މިހާތަނަށް ރާއްޖޭގައި އުފެދުނު އެންމެ މޮޅު ބާސްކެޓް ކުޅުންތެރިޔާ މުޙައްމަދު ޒިލާލާއި ޤައުމީ ޓީމުގެ އެންމެ މޮޅު ޕޮއިންޓް ގާޑް ޢަލީ ފަޒްލީ އާއި މުޙައްމަދު ނަސީރެވެ. މިއީ މިހާތަނަށް ޤައުމީ ބާސްކެޓް ޓީމުގައި މަސައްކަތް ކުރާ އެންމެ ޒުވާން ކޯޗިން ސްޓާފުންނެވެ.

ޤައުމީ ބާސްކެޓް ޓީމުގެ ހެޑްކޯޗް އިލްޔާސްބުނީ ދިވެހި ކޯޗުންނަކީ ޖާދޫހަދާ ބައެއް ނޫންކަމަށާއި އެކޯޗުންނަށްވެސް ނަތީޖާ ނެރުމަށް ވަގުތު ބޭނުންވާނެކަމަށެވެ. ކޯޗްކަމާއި ހަވާލުވެގެން ދާ ފުރަތަމަ މުބާރާތުން ގޯލްޑް މެޑަލްއެއް ނުލިބުނުކަމުގައި ވީނަމަވެސް، އެއްވެސް ދިވެހި ކޯޗެއް ދިވެހި ގައުމަށް ދެރަ ގޮތެއް ނުވަތަ ޤައުމަށް ހަޑި ނަމެއް ލިބޭކަށް ބޭނުމެއް ނުވާނެކަމަށެވެ. އިއްލަބުނީ ދިވެހިން ދިވެހި ގައުމަށް ރީތިނަން ހޯދައިދޭން މަސައްކަތް ކުރާނެކަމަށެވެ. މިފަހަރުގެ ސާބާ މުބާރާތުން ރާއްޖެއަށް މެޑަލްއެއް ހޯދުމަށް މަސައްކަތް ކުރާއިރު، ދިވެހި ކޯޗުންނަށްވެސް ވަގުތު ބޭނުންވާނެކަމަށް ޤައުމީ ބާސްކެޓް ޓީމްގެ ހެޑް ކޯޗް އިއްލަ ބުންޏެވެ.

"ދިވެހި ކޯޗުންނަށް ފުރުސަތު ދިނީމަ، ބައެއް ފަހަރު އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުންނަށް ހީވޭ، އެއް ފަހަރުން ރަތީޖާ ނެރެވެން ޖެހޭނެހެން. އެއް ފަހަރުން ގޯލްޑް މެޑަލް ލިބޭނެހެން. ކޮންމެ ފަހަރަކުވެސް މެޑަލްއެއް ލިބެންޖެހޭނެހެން. އެއީއެއްވެސް ހާލެއްގައި ފަސޭހަކަމެއްނޫން. ކޯޗެއް ގޮތަށް އަޅުގަނޑުމެން ވިސްނާއިރުގަ މީގެ ކުރިން ބޭރުން ކޯޗުން އައިސްކޮށްފައިވާ މަސައްކަތަށް ބަލާފަ، އެކޯޗުންގެ ތަމްރީނުތަކަށް ބަލާފަ އެއަށް ވަރަށް ބޮޑަށް ވިސްނައިގެން އަޅުގަނޑުމެން ޕްލޭން މިހެދީ. އެހެންނަމަވެސް އެންމެ ފަހު ވަގުތު މީހުން ބަލަނީ ނަތީޖާއަށް. އަޅުގަނޑުމެން ކިތަންމެ ރަގަނޅަށް ތައްޔާވުވެގެން ދިޔަނަމަވެސް، ނަތީޖާ ގޯސްވެއްޖެއްޔާ ކޯޗް ގޯސްވާނީ. ނުވަތަ ކޯޗުންތައް ގޯސްވާނީ. ސަޕޯޓަރުން ބަލާނީ ނަތީޖާއަށް، ކުޅިވަރުގެ މީހުން ބަލާނީ މުބާރާތައް ވީ ތައްޔާރީއަށް. އަޅުގަނޑުމެން ވަރަށް މަސައްކަތްކޮށްދީގެން، އުއްމީދު ކުރަނީ ރަގަނޅު ނަތީޖާއެއް ލިބޭނެކަމަށް." ކޯޗް އިލްޔާސް ބުންޏެވެ.

ޤައުމީ ފުޓްބޯޅަ ޓީމަށާއި ޤައުމީ ބާސްކެޓްބޯޅަ ޓީމަށް ވެސް ކުޅުނު އިއްލެ އަކީ ދެ ކުޅިވަރުގައިވެސް ފާހަގަކޮށްލެވުނު ކުޅުންތެރިއެކެވެ. ރާއްޖޭގެ ފުޓްބޯޅައިގައި އެންމެ ކާމިޔާބު އަހަރުތަކުގައި އިއްލެގެ ހިއްސާ އޮތެވެ. ވޯލްޑް ކަޕުގެ ހަތަރު ވަނަ ހޯދި ދެކުނު ކޮރެއާގެ ޓީމާ ދެކޮޅަށް 2004 ގައި ރާއްޖެ ކުޅެ ލަނޑެއް ނުޖެހި އެއްވަރު ކުރި މެޗުގައި ދިވެހި ޓީމުގެ ސެންޓަ ފޯވަޑަކީ އިއްލެއެވެ. ޖެހިގެން އައި އަހަރު ރާއްޖޭގެ ކްލަބު ފުޓްބޯޅައިގައި މިހާތަނަށް ހޯދި އެންމެ ބޮޑު ކާމިޔާބު ކަމުގައިވާ، އޭއެފްސީ ކަޕުގެ ސެމީ ފައިނަލަށް ނިއު ރޭޑިއަންޓު ދަތުރު ކުރިއިރު އެ ޓީމުގައިވެސް އިއްލެ ހިއްސާވިއެވެ. ފުޓްބޯޅަ ކުޅުން ހުއްޓާލުމަށްފަހު ބާސްކެޓްބޯޅަ އަށް މުޅިން އިލްޔާސް ހުސްވީ 2007 ގައެވެ. ބާސްކެޓުގައި ވިކްޓްރީން ހޯދި ކާމިޔާބުތަކުގައި ޓީމުގެ ލީޑަރަކީ އޭނާއެވެ. އިލްޔާސް ވަނީ ގައުމީ ލެވެލްގައި ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އަދި ޤައުމީ ބާސްކެޓް ޓީމުގައި އެޓީމް ހޯދި ގިނަ ކާމިޔާބީތަކުގައި އިއްލެގެ ހިއްސާ ވަރަށް ބޮޑެވެ.