ކުޅިވަރު

މިފަހަރުގެ ސެންޓްރަލް ޒޯނަކީ ޗެލެނެޖެއް - ސާޖިދު


އަހަރެއްހާ ދުވަހު ވާދަވެރި މެޗެއް ނުކުޅެ، އޮތް ޤައުމީ ވޮލީ ޓީމުގެ ގޮވައިގެން ސެންޓްރަލް ޒޯން ވޮލީ މުބާރާތާއި ކުރިމަތިލުމަކީ ކޯޗުގެ އިތުރުން ޓީމަށްވެސް އޮތް ވަރަށް ބޮޑު ޗެލެންޖެއްކަމަށް ގައުމީ ޓީމުގެ ކޯޗު މުޙައްމަދު ސާޖިދު ބުނެފިއެވެ. މިއަންނަ މަހުގައި ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސެންޓްރަލް ޒޯން ވޮލީ މުބާރާތަށް ތައްޔާރުވުމަށް ޤައުމީ ޓީމުގެ ފަރިތަކުރުންތައް މިހާރު ފަށާފައިވީނަމަވެސް، ކޯވިޑް-19އާއި ގުޅިގެން ފާއިތުވެގެންދިޔަ އަހަރުގައި މޯލްޑިވްސް ވޮލީ ބޯލް އެސޯސިއޭޝަނަށް އެއްވެސް މުބާރާތެއް ކުރިއަށް ގެންދެވިފައެއް ނުވެއެވެ. އަދި ޤައުމީ ޓީމްގެ އިތުރުން އެއްވެސް ކުލަބަކަށްވެސް ފަރިތަކުރުންތައް ކުރިއަށް ގެންދެވިފައެއް ނުވެއެވެ.

ގައުމީ ވޮލީ ޓީމާ ހަވާލުވުމަށްފަހު ދިން ފުރަތަމަ އިންޓަވިއުގައި ސާޖިދުބުނީ މިއީ ވަރަށް ބޮޑު ޗެލެންޖެއްކަމަށެވެ. އެއީ އަހަރަކަށް ވުރެއް ގިނަ ދުވަހު އެއްވެސް މެޗެއް ނުކުޅެ، ބޯޅައިގައި އަތްނުލާ ތިބި ޤައުމީ ޓީމްގެ ކުޅުންތެރިން ސެންޓްރަލްޒޯން ވޮލީ މުބާރަތައް ތައްތާރުކުރުންކަމަށެވެ. ސާޖިދު ބުނީ މިފަހަރުގެ މުބާރާތް ރާއްޖޭގެ ޓީމަށް ވަރަށް ބޮޑަށް ތަފާތުވާނެކަމަށާއި އެންމެ ބޮޑު ތަފާތަކީ މެޑަލް ހޯދާފައިވާ މުބާރާތަކުން މެޑަލްއެއް ހޯދުމަށް ކުރަން ޖެހޭ މަސައްކަތް އިތުރުވުންކަމެވެ. ކޯވިޑް-19އާއި ގުޅިގެން ތަމްރީން ނުކުރެވިފައި ތިބި ކުޅުންތެރިން، ކުރު މުއްދަތެއްގެ ތެރޭގައި ފިޓްކޮށް މުބާރަތަށް ތައްޔާރުކުރުމަކީވެސް ވަރަށް ބޮޑު ޗެލެންޖެއްކަމަށްވެސް މީގެ ކުރިން ގައުމީ ޓީމަށް އިރުޝާދު ދީފައިވާ ކޯޗު މުޙައްމަދު ސާޖިދު ބުންޏެވެ.

މިފަހަރުގެ ސެންޓްރަލް ޒޯން ވޮލީ މުބާރާތުގައި ވާދަކުރަނީ ކަޒަކިސްތާނާއި ސްރީލަންކާ، ބަންގްލަދޭޝް، ނޭޕާލް އަދި ދިވެހިރާއްޖެއެވެ. ކިރްގިސްތާނާއި ސްރީލަންކާއަކީ މިސަރައްހަދުގެ ސެންޓްރަލް ޒޯންގައި ވާދަނުކުރާ ދެ ޓީމެވެ. ކޯޗް ސާޖިދު ބުނީ މިޒޯންގައި ވާދަކުރާ ޓީމުތަކަށް ވުރެއް ލަންކާ އަދި ކިރްގިސްތާނުގެ ފެންވަރު މަތިވާނެކަމަށާއި މިއީވެސް މިފަހަރު ކުރިމަތިވާނެ ޗެލެންޖެއްކަމަށް ސާޖިދު ބުންޏެވެ.

"ކުރިން އޮތް ގޮތަށް މުބާރާތް އޮތްނަމަ، ރާއްޖެއަށް ފަސޭހަވާނެ. އެއީ ސާކް ސަރަހައްދުގައި އަޅުގަނޑުމެން ބަލިކޮށްފައި ހުރި ޓީމްތައް ދެން މިހިރީ. ބަންގްލަދޭޝް، ނޭޕާލް، އަފްޣާނިސްތާނަކީ ރާއްޖެއިން ބަލިކޮށްފައި ހުރި ޓީމްތަކެއް. ދެން އޮތީ ބޫޓާން އެއާއެކު ރާއްޖެ ލައިގެން ފަސް ގައުމު އޮތީ. ކުރިން އޮތްގޮތަށް މުބާރާތް އޮތްނަމަ، އަޅުގަނޑުމެންނަށް ގޯލްޑް މެޑަލެއް ހޯދުމަށްވެސް ވަރަށް ބޮޑު ފުރުސަތެއް ލިބުނީސް. ނަމަވެސް މިހާރު އޮތް ޓީމްތަކާއެކުވެސް ރާއްޖެއިން މަސައްކަތް ކުރާނީ މިލިބުނު ކުޑަ ދުވަސްކޮޅާއެކުވެސް، އަޅުގަނޑުމެންގެ ވަސީލަތްތައް ބޭނުންކޮށްގެން ރަނގަޅަށް ތައްޔާރުވާން." ކޯޗް ސާޖިދު ބުންޏެވެ.

މިއަންނަ މަހުގައި ބަންގްލަދޭޝްގައި އޮންނަ ސެންޓްރަލް ޒޯން ވޮލީ މުބާރާތަށް ދިއުމުގެ ކުރިން ޤައުމީ ވޮލީ ޓީމު ބަހުރެއިންގައި ކޭންޕެއް ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. މިކޭންޕަކީ ޔޫތު މިނިސްޓަރ އަޙުމަދު މަޚްލޫފް ހޯދައިދެއްވި ފުރުސަތެކެވެ.