ކުޅިވަރު

ލަންކާ އާއި ރާއްޖެ މެޗުވެސް ފަސްކޮށްފި


މަހިންދަ ރާޖަޕަކްސަ ފޯ ނޭޝަންސް ކަޕް ފުޓްބޯޅަ މުބާރާތުގައި މިރޭ ސްރީލަންކާ އާއި ދިވެހިރާއްޖެ ވާދަކުރަން ހަމަޖެހިފައި އޮތް މެޗްވެސް މޫސުން ގޯސް ވުމުގެ ސަބަބުން ފަސްކޮށްފިއެވެ. މުބާރާތް ހުޅުވުމުގެ ގޮތުން ކުޅުމަށް ހަމަޖެހިފައި އޮތް ލަންކާ އާއި ދިވެހިރާއްޖެ މެޗް ފަސްކުރިއިރު، މިމުބާރާތުގެ ފުރަތަމަ މެޗްގައި މިއަދު ހަވީރު ކުޅުމަށް ތާވަލްކުރި ބަންގްލަދޭޝް އާއި ސީޝެލްސް މެޗްވެސް ވަނީ މޫސުން ގޯސްވުމުގެ ސަބަބުން މާދަމާއަށް ފަސްކޮށްފައެވެ.

ލަންކާ އާއި ރާއްޖެ މެޗް ފަސްކޮށްފައިވާއިރު، މިމެޗް ޝަރަފުވެރިކޮށް ދެއްވުމަށްޓަކައި ރާއްޖޭގެ ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހު ވަނީ ލަންކާއަށް ވަޑައިގެންފައެވެ. ލަންކާގެ މޫސުން ގޯސްވެ އެގައުމަށް ބޯކޮށް ވާރޭ ވެހޭތާ މިހާރު ވަނީ ހަފްތާއަކަށް ވުރެއް ގިނަ ދުވަސްވެފައެވެ. އަދި އެގައުމަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ބައެއް ސަރަހައްދުތަކުގައި ވަނީ ފެންބޮޑުވެފައިވެއެވެ.

މިމުބާރާތުގައި ރާއްޖޭގެ އިތުރުން ވާދަކުރަނީ ސްރީލަންކާ، ބަންގްލަދޭޝް އަދި ސީޝެލްސްއެވެ. މި މުބާރާތުގައި ރާއްޖެ ކުޅޭ ދެ ވަނަ މެޗުގައި މި މަހުގެ 11 ވަނަ ދުވަހު ބަންގްލަދޭޝް އާއި ވާދަކުރާއިރު ތިން ވަނަ މެޗުގައި މިމަހުގެ 14ވަނަ ދުވަހު ނިކުންނާނީ ސީޝެލްސްއާއި ދެކޮޅަށެވެ. މުބާރާތުގެ ފައިނަލަށް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މިމަހު 19 ވަނަ ދުވަހުއެވެ.

މާލޭގައި ނިމިގެންދިޔަ އުރީދޫ ސާފް ޗެންޕިއަންޝިޕްގައި ރާއްޖެއިން ވަނީ ލަންކާގެ އިތުރުން ބަންގްލަދޭޝްވެސް ބަލިކޮށްފައެވެ.