ޚަބަރު

ހަންގޭރީގެ ސަރުކާރުން ރާއްޖެއަށް 60 ސްކޮލަރޝިޕް ދެނީ


ހަތަރު އަހަރުދުވަހުގެ ތެރޭގައި ރާއްޖެއަށް، 60 ސްކޮލާޝިޕް ދިނުމަށް ހަންގޭރީގެ ސަރުކާރުން ނިންމައިފިއެވެ.

މިކަމުގެ އެއްބަސްވުމުގައި ރާއްޖޭގެ ހަޔރ އެޑިއުކޭޝަން މިނިސްޓްރީއާއެކު އެޤައުމުގެ މިނިސްޓްރީ އޮފް ފޮރިން އެފެއަރޒް އެންޑް ޓްރޭޑްގެ ސްޓޭޓުން ވަނީ ސޮއިކުރައްވާފައެވެ. މި އެއްބަސްވުމުގައި ރާއްޖޭގެ ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ސޮއިކުރެއްވީ މިނިސްޓަރ ޑރ.އިބްރާހީމް ހަސަނެވެ. އަދި ހެންގޭރީ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެޤައުމުގެ މިނިސްޓްރީ އޮފް ފޮރިން އެފެއަރޒް އެންޑް ޓްރޭޑްގެ ސްޓޭޓް ސެކެޓްރީއެވެ.

މި އަހަރަށް ކަނޑައަޅާފައިވާ ސްކޮލާޝިޕްތަކަށް މިމަހުގެ ފަހުކޮޅު ހުޅުވާލާނެކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ މިއީ ދެ ޤައުމުގެ ދެމެދުގައި އޮތް އެކުވެރިކަމުގެ ގުޅުން ބަދަހިކޮށް، މަތީ ތައުލީމާ ބެހޭ ކަންކަމުގައި ގުޅިގެން މަސައްކަތް ކުރުމާއި ތައުލީމީ މުޖުތަމައެއް ބިނާކުރުމަށް މަސައްކަތް ކުރަން އެއްބަސްވި އެއްބަސްވުމެއްކަމަށެވެ.

މި އެމްއޯޔޫގެ ދަށުން ހަތަރު އަހަރު ވަންދެން ކޮންމެ އަހަރަކު ވެސް 15 ސްކޮލާޝިޕް ހަންގޭރިން ރާއްޖެއަށް ދިނުމަށް ވަނީ އެއްބަސްވެފައެވެ. މީގެ ތެރޭގައި ހިމެނެނީ ފުރަތަމަ ޑިގްރީގެ 6 ފުރުސަތަކާއި މާސްޓާސް ޑިގްރީގެ 7 ފުރުސަތާއި ޕީއެޗްޑީގެ 2 ފުރުސަތެވެ. މި ސްކޮލަރޝިޕްތަކުގެ ތެރޭގައި އެގްރިކަލްޗާ ސައިންސް، އާޓްސް އެންޑް ހިއުމެނިޓީޒް، ސޯޝަލް ސައިންސް، ޓީޗިން ޓްރެއިނިން އާއި ސްޕޯޓް ސައިންސް އަދި ނޭޗަރަލް ސައިންސް ފަދަ ދާއިރާތަކުން ކޯސްތަކެވެ.

ހަޔރ އެޑިއުކޭޝަނުން ވިދާޅުވީ މި ސްކޮލާޝިޕްތަކަށް ހޮވޭ ދަރިވަރުންގެ ދެކޮޅު ޓިކެޓް ފިޔަވައި ހުރިހާ ހަރަދެއް ހަމަޖައްސާނީ ހަންގޭރީގެ ސަރުކާރުންނކަމަށެވެ. އެ ދަރިވަރުންނަށް ދެކޮޅު ޓިކެޓް ދޭނީ ދިވެހި ސަރުކާރުންނެވެ.