ދުނިޔެ

ތުރުކީއިން ވައްޓާލި ރަޝިޔާގެ ބޯޓުގެ ކަޅުފޮށި މުޅިން ހަލާކުވެފައި!


ސޫރިޔާއަށް ވައިގެ ޙަމަލާތައް ދިނުމަށް ހަރަކާތްތެރިވަމުން ދަނިކޮށް ތުރުކީވިލާތުން ވައްޓާލި ރަޝިޔާގެ ހަނގުރާމަމަތީ މަތިންދާބޯޓުގެ ކަޅުފޮށި ވަނީ ބޭނުންކުރެވޭ ވަރަށްވުރެ ބޮޑަށް ހަލާކުވެފައި ކަމަށް ރަޝިޔާއިން ހާމަކޮށްފިއެވެ. މި ޙާދިސާ ތަހްޤީޤު ކުރަމުންދާ ރަޝިޔާގެ ޓީމުން ބުނެފައިވަނީ، ކަޅުފޮށިން އެއްވެސް މަޢުލޫމާތެއް ނުނެގޭ ކަމަށާއި މަޢުލޫމާތު ނެގޭ ވަރަށްވުރެ ބޮޑަށް ފޮށި ހަލާކުވެފައިވާ ކަމަށެވެ. ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން ރަޝިޔާގެ އަސްކަރިއްޔާގެ ވައިގެ އުދުހުންތަކުގެ ސަލާމަތާއި ބެހޭ އިސްވެރިޔާގެ ނަޢިބު ސަރްގެއި ބައިނެޓޯފް ވިދާޅުވީ، މަތިންދާބޯޓަށް ދިން ހަމަލާގެ ބާރުގަދަކަމުން ކަޅުފޮށި މުޅިން ހަލާކުވެފައިވާ ކަމަށެވެ. މި ފޮށިން މަޢުލޫމާތު ހޯދޭތޯ ބެލުމަށް ރަޝިޔާގެ ޙާއްސަ ސައިންސާއި ބެހޭ އިދާރާތަކަށް ފޮށި ހަވާލުކުރާނެ ކަމަށާއި މިއީ މިކަމުގައި އޮތް އެންމެ ފަހު އުއްމީދުކަމަށް ވިދާޅުވިއެވެ.ތުރުކީވިލާތުން ރަޝިޔާގެ ހަނގުރާމަމަތީ މަތިންދާ ބޯޓު ވައްޓާލާފައިވަނީ، ތުރުކީގެ ވައިގެ ސަރަހައްދުގެ ތެރެއަށް ވަނީ ޤަވައިދާ ޚިލާފަށް ކަމަށް ތުހުމަތުކޮށެވެ. ތުރުކީވިލާތުން ބޯޓު ވައްޓާލުމުގެ ކުރިން އިންޒާރެއް ނުދޭ ކަމަށް ރަޝިޔާއިން ބުނި ނަމަވެސް، ތުރުކީއިން ރަޝިޔާގެ ބޯޓަށް އިންޒާރުދޭ ކަމަށް ބުނާ އޯޑިއޯ ރިކޯޑިންގްއެއް އެޤައުމުން މިހާރު ވަނީ ޢާއްމުކޮށްފައެވެ.