ޚަބަރު

އިދިކޮޅުން އެދެނީ ބަޖެޓު ކުޑަކުރަން، އެމްޑީޕީގެ މެމްބަރުންގެ ތަޢުރީފް ބަޖެޓަށް


އަންނަ އަހަރަށް ދައުލަތުން ހުށަހެޅި ބަޖެޓުގެ ބަހުސް މަރުހަލާ މިއަދު މަޖިލީހުގައި ވަނީ ފަށާފައެވެ. ބަޖެޓުގެ ބަހުސްގައި މަޖިލީހުގައި ހިމެނޭ އިދިކޮޅު މެމްބަރުންނާއި، ސަރުކާރަށް ތަޢީދުކުރާ މެމްބަރުންވެސް ވަނީ އެމެމްބަރުން ބަޖެޓާމެދު ދެކޭ ގޮތް ހާމަކުރައްވާފައެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވަނީ 37 ބިލިޔަން ރުފިޔާގެ ޕްރޮގްރާމް ބަޖެޓެކެވެ. އަންނަ އަހަރަށް ހުށަހެޅި ބަޖެޓަކީ ސަރުކާރުގެ ވަޢުދުތައް ފުއްދުމަށާއި ތަރައްޤީގެ ގިނަ ކަންތައްތަކެއް އެކުލެވޭގޮތަށް ހުށަހަޅުއްވާފައިވާ ބަޖެޓެކެވެ.

ބަޖެޓްގެ ބަހުސް މަރުހަލާގައި އިދިކޮޅު މެމްބަރުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަޙްމަދު ސަލީމް ވިދާޅުވީ ބަޖެޓު ކަނޑައަޅާފައިވަނީ ރާއްޖޭގެ އިޤްތިޞާދީ ޙާލަތަށް މާބޮޑަށް ބެލުމެއް ނެތިކަމަށެވެ. ބަޖެޓުން ފެނިގެންދަނީ ދަރަނި އިތުރުވެގެންދާ މަންޒަރުކަމަށެވެ. ސަލީމް ވަނީ ބަޖެޓް މިހާރު ހުށަހަޅާފައިއޮތް ބަޖެޓް 25 ބިލިޔަނަށް ކުޑަކުރުމަށް ގޮވާލާފައެވެ.

"އަޅުގަނޑަށް ފެންނަނީ ބަޖެޓް މިހާރު އޮތް ޢަދަދު 25 ބިލިޔަނަށް ކުޑަކުރުމަށް. ރައްޔިތުންނަށް ކަންކަން ހާސިލް ކުރެވޭނެ ގޮތަކަށް ބަޖެޓު އެކުލަވާލުމަކީ މުހިންމު ކަމެއް. މިބަޖެޓުން އަޅުގަނޑަށް ފެންނަނީ ވަރަށް ބޮޑަށް ދަރަނިވެރިވާތަން." ސަލީމް ވިދާޅުވިއެވެ.

ބަޖެޓް ބަހުސްގައި ވާހަކަދެއްކެވި ސަރުކާރަށް ނިސްބަތްވާ އެމްޑީޕީ މެމްބަރުން ވިދާޅުވީ މިބަޖެޓަކީ ރައްޔިތުންނަށް އުންމީދު ގެނުވާނެ ބަޖެޓެއްކަމަށެވެ. ޚާއްސަކޮށް ބަޖެޓުން ފެނިގެދަނީ، ކޯވިޑް-19އާ ގުޅިގެން ދިމާވި އިޤްތިޞާދީ ހާލަތުން އަރައިގަތުމަށާއި، ކޯވިޑްގައި ދަތިހާލަތު ކުރިމަތިވި ފަރާތްތަކަށް އިތުރު މާލީ އަދި އިޤްތިޞާދީ ނަފާ ލިބިގެންދާ ފަދަ އުންމީދީ މަންޒަރުތަކެއް ކަމަށެވެ.

ބަޖެޓުގައި ޞިއްޙީ ދާއިރާއަށާއި ތައުލީމީ ދައިރާއަށާއި އުމްރާނީ ތަރައްޤީއަށްވެސް ބޮޑެތި މަޝްރޫޢުތައް ހިންގޭނެގޮތަށް ބަޖެޓުން ތަންދީފައިވާކަމަށް އެމްޑީޕީ މެމްބަރުން ވިދާޅުވިއެވެ. މީގެ އިތުރުން ވަޒީފާއަދާ ކުރާ ފަރާތްތަކަށް އެއް ހަމައަކުން އެންމެ ކުޑައުޖޫރަ ކަނޑައެޅުމާއި، ކައުންސިލްތަކަށް ބަޖެޓްގެ ބޮޑު އިންސައްތައެއް ދިނުމަށް ނިންމާފައިވާކަމީ ރާއްޖޭގެ ތަރައްޤީއަށްޓަކައި ސަރުކާރުން ބަޖެޓުގައި ޖާގަދީފައިވާ މިންވަރު ހާމަވާ ކަމެއްކަމަށް އެމެމްބަރުން ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް ފެނިގެންދިޔަ ސަރުކާރުން ކޯވިޑާ ގުޅިގެން ދިމާވި ކަންތައްތަކަށް އެޅުއްވި ހަރުދަނާ ފިޔަވަޅު. އިންކަމް ސަޕޯޓް އެލަވެންސްދިން. އިޤްތިޞާދީ ޕެކޭޖްތައް އިތުރުކުރި. މިއީ އަޅުގަނޑުމެން ޝުކުރުވެރިކަމާއެކު ބަލައި ގަންނަންޖެހޭ ކަމެއް." މުޙައްމަދު ޢަބްދުﷲ ޝަފީޤް ވިދާޅުވިއެވެ.

މިބަޙުސްގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންވަނީ ބަޖެޓުން އެއްވެސް ތަފާތު ކުރުމެއްނެތި ރަށްރަށަށް ޚިދުމަތް ދިނުމަށް ކަނޑައަޅާފައިވާކަމަށެވެ. މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް ވިދާޅުވީ ބަޖެޓުގައި ޢާމްދަނީ އިތުރުކޮށް ފަހި ގޮތްތަކެއް ޙާސިލްކުރުމަށް ގިނަ ކަންތައްތަކެއް ބަޖެޓުގައި ހިމަނާފައިވާކަމަށެވެ.

"އަޅުގަނޑުމެން އިޤްތިޞާދީ ޙާލަތުން އަރައިގަތުމަށް މަސައްކަތްކުރާއިރު، ޢާމްދަނީ އިތުރުވާނެ ވަސީލަތްތައް ފަހިކޮށް އުފެއްދުންތެރިކަމަށް އިސްކަންދީގެން ކުޑަ ޢާމްދަނީ އަޅުގަނޑުމެން ޚަރަދުކުރުމަށް އިސްކަންދޭންޖެހޭނެ ކަމުގައި އަޅުގަނޑު ދަންނަވަން. މިއީ އުންމީދީ ބަޖެޓެއް. އުންމީދީ ބަޖެޓަކަށް ވަނީ އަޅުގަނޑުމެންނަށް އާމްދަނީ ހޯދޭނެ ވަސީލަތްތައް ދަށް. އަޅުގަނޑުމެންގެ ދަރަނި ބޮޑު. ނަމަވެސް ބަޖެޓުން ފެނިގެންދަނީ އެހުރިހާކަމެއް ފޫބެއްދި، އިޤްތިޞާދު އަލުން އަރައިގަނެވޭތަން." ޝަރީފް ވިދާޅުވިއެވެ.

މަޖިލީހުން އަމާޒު ހިފާފައިވަނީ ބަޖެޓަށް ތަޅުމުގައި ކުރެވޭ ބަހުސް މަރުހަލާ މިހަފްތާގެ ބުދަ ދުވަހުގެރެއަށް ނިންމާލުމަށެވެ. ބަޖެޓް ބަހުސްގައި ކޮންމެ މެމްބަރަކަށް 15 މިނިޓްގެ ވަގުތެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ކޮމެޓީން ބަޖެޓް ފާސް ކުރުމަށްފަހު ކޮމެޓީ ރިޕޯޓަށް ބަހުސް ކުރުމަށް 7 މިނިޓްގެ ފުރުސަތެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ބަޖެޓްގެ ބަހުސްއަށްފަހު މެމްބަރުންގެ ވާހަކަފުޅުތަކަށް ޖަވާބު ދެއްވުމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރަށް 45 މިނިޓްގެ ވަގުތެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.