ކުޅިވަރު

އަޝްފާގުގެ އިތުރުން މެޗުގެ ނަތީޖާ ބަދަލުކުރެވޭނެ ކުޅުންތެރިން އެބަތިބި - މޮރިއޭރޯ


އަޝްފާގުގެ އިތުރުން ރާއްޖޭގައި މޮޅެތި ކުޅުންތެރިން އެބަތިބިކަމަށް ޤައުމީ ޓީމުގެ ކޯޗު އިޓަލީގެ ފްރަންޗެސްކޯ މޮރިއޭރޯ ބުނެފިއެވެ. ލަންކާގައި މާދަމާ ފެށުމަށް ހަމަޖެހިފައިވާ މިމުބާރާތުގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި ނިކުންނާނީ މުބާރާތް ބާއްވާ ޤައުމު ލަންކާއާއި ދެކޮޅެށެވެ. މިއީ މިހާރު ޤައުމީ ކޯޗު އިޓަލީގެ ފްރަންޗެސްކޯ މޮރިއޭރޯގެ ކޯޗްކަމުގެ ދަށުން ކުޅެވޭ ފުރަތަމަ މުބާރާތުގެ އިތުރުން ކުޅެވޭ ފުރަތަމަ ރަސްމީ މެޗެވެ.

މެޗްގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ގައުމީ ކޯޗު ފްރަންޗެސްކޯ މޮރިއޭރޯބުނީ ރާއްޖޭގެ ޓީމުގައި ނަތީޖާ ބަދަލްކޮށްލެވޭ ގިނަ ކުޅުންތެރިންތަކެއް އެބަތިބިކަމަށާއި އަޝްފާގަށް އެހީވާނެ ގިނަ ކުޅުންތެރިންތަކެއް ޓީމުގައި އެބަތިބިކަމަށެވެ. ނިމިގެންދިޔަ އުރީދޫ ސާފް ޗެންޕިއަންޝިޕްގައި ރާއްޖޭގެ ޓީމުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ ނަމަވެސް ލީގު ބުރުގެ ފަހު މެޗުގައި ރާއްޖެއަށް އިންޑިޔާ މައްޗަށް ކުރި ހޯދޭގޮތެއް ނުވިއެވެ. މިމުބާރާތުގައި ރާއްޖެއިން ލަންކާ އަދި ބަންގްލަދޭޝް ބަލިކޮށްފައެވެ.

މޮރިއޭރޯބުނީ އަޝްފާގަކީ ޓީމަށް ވަރަށް މުހިންމު ކުޅުންތެރިއެއް ކަމަށާއި، މެޗްތަކުގައި އޭނާގެ މައްޗަށް ބަރޯސާ ނުވާނެކަމަށެވެ. އަދި ރާއްޖެއިން މަސައްކަތް ކުރާނީ ވަކިވަކި ކުޅުންތެރިންގެ ބަދަލުގައި ޓީމުގެ ގޮތުގައި ކުޅެގެން މޮޅުވާންކަމަށް ކޯޗް މޮރިއޭރޯ ބުންޏެވެ. ކޯޗް ބުނީ ރޭންކިންގައި ރާއްޖެ ކުރީގައި އުޅުނު ނަމަވެސް، އެއީ ރާއްޖެއަށް އޮތް އެއްވެސް ޕްރެޝަރެއް ނޫންކަމަށާއި މިކަމުން ރާއްޖެއަށް ކުރާނެ ފައިދާއެއް ނޯންނާނެކަމަށެވެ.

މި މުބާރާތުގައި ރާއްޖެ ކުޅޭ ދެ ވަނަ މެޗުގައި މި މަހުގެ 11 ވަނަ ދުވަހު ބަންގްލަދޭޝްއާ ބައްދަލުކުރާނެއެވެ. އަދި ތިން ވަނަ މެޗުގައި ސީޝެލްސްއާ ކުޅޭނީ މި މަހު 14 ވަނަ ދުވަހުއެވެ. ފައިނަލަށް ގޮސްފިނަމަ އެ މެޗު އޮންނާނީ މި މަހު 19 ވަނަ ދުވަހުއެވެ. ލަންކާ އާއި ރާއްޖެ ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން 20:30 ގައެވެ. މެޗުގެ ކުރިން މުބާރާތް ހުޅުވުމުގެ ގޮތުން ޚާއްސަ ރަސްމިއްޔާތެއް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.