ޚަބަރު

މިއަދު ބަލިޖެހުނު މީހުންގެ ޢަދަދު 180އިން މައްޗަށް


ރަށްރަށުން ޕޮޒިޓިވްވި 100އަށްވުރެ ގިނަ މީހުންނާއެކު ރާއްޖެއިން އިތުރު 182 މީހުން ކޯވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން ހާމަކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި ޕޮޒިޓިވްވި 182 މީހުންގެ ތެރެއިން އަތޮޅުތަކުން ވަނީ 124 މީހުން ކޯވިޑަށް ޕޮޒިޓިވްވެފައެވެ. އަލަށް ޕޮޒިޓިވްވީ މީހުންގެ ތެރެއިން މާލެއިން ޕޮޒިޓިވްވީ 24 މީހުންނެވެ. ރިސޯޓުތަކުން 34 މީހަކު ޕޮޒިޓިވްވިއެވެ. އަލަށް ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން ކޯވިޑް ޖެހުނު މީހުންގެ ޖުމްލަ ޢަދަދުވަނީ 88،817 އަށް އަރާފައެވެ.

މިވަގުތު މިބަލި ޖެހިގެން 2000 މީހަކަށް އަންނަނީ ފަރުވާދެމުންނެވެ. މީގެތެރެއިން 26 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެންނެވެ. ވޭތުވެދިޔަ 24 ގަޑިއިރު މިބަލިން 257 މީހުން ވަނީ ރަނގަޅުވެފައެވެ. މިއާއެކު ބަލިން ރަނގަޅުވި މީހުންގެ ޢަދަދު ވަނީ 86،559އަށް އަރާފައެވެ.

ބަލި ދެނެގަތުމަށް ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި 4،656 ސާމްޕަލެއް ވަނީ ކޯވިޑަށް ޓެސްޓުކޮށްފައެވެ. މިބަލީގައި މިހާތަނަށް 245 މީހުން ރާއްޖޭގައި ވަނީ ނިޔާވެފަވެއެވެ