ޚަބަރު

ނަރުސްމީހާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށްފަހު މާލެ ގެނެސްފި


އައިޖީއެމްއެޗްގައި މަސައްކަތްކުރި ބިދޭސީ ނަރުސް މީހާގެ މަރާއި ގުޅިގެން ޝައްކު ކުރެވޭ ކަންތައްތަކެއް ހުރުމުން ޕޯސްޓްމޯޓަމް ހެދުމަށްފަހު އޭނާގެ ހަށިގަނޑު މާލެ ގެނެސްފިއެވެ.

މިމީހާގެ ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވީ މިމަހުގެ ފުރަތަމަ ދުވަހުއެވެ. ނަރުސް މީހާގެ މަރާއި ގުޅިގެން އޭނާގެ ފިރިމީހާ ވަނީ ހައްޔަރުކޮށްފައެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޕިލިޕީންސަށް ނިސްބަތްވާ އަންހެން މީހާ އަދި އޭނާގެ ފިރިމީހާވެސް މަސައްކަތްކުރަމުންދިޔައީ ނަރުހުންގެ ގޮތުގައި އައިޖީއެމްއެޗްގެ އެއް ޑިޕާޓްމަންޓެއްގައެވެ. އެ ދެ މީހުންގެ ދަރިއަކުވެސް ހުރެއެވެ.

މިމީހާގެ ހަށިގަނޑު މާލެ ގެނެސް އާއިލާއާއި ހަވާލު ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. އަދި މިމައްސަލައިގެ މައުލޫމާތު ހާމަކުރެވެން އޮތް މިންވަރަކަށް ހާމަކުރަމުންދާނެކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ފިލިޕީންސްގެ މިއަންހެން މީހާ މަރުވެފައިވާ ކަމަށް ބުނެ އިމަރޖެންސީގައި ހޮސްޕިޓަލަށް ގެންދިޔައީ އޭނާގެ ފިރިމީހާއެވެ. ޑިއުޓީގައި އުޅުމަށްފަހު ބްރޭކަށް ގެއަށް ދިޔަތާ ކުޑަ ވަގުތުކޮޅެއްފަހުން، އޭނާ މަރުވެއްޖެކަމަށްބުނެ ފިރިމީހާ އެމްބިއުލާންސް ފޮނުވަން ގުޅި ކަމަށާއި ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އަންހެން މީހާ މަރުވެފައިވާ ކަމަށް މަޢުލޫމާތުލިބެއެވެ.

މަންޒަރު ދުށް ބައެއް މީހުން ބުނިގޮތުގައި ނަރުސްމީހާ މަރުވެފައިވާ ކަމަށް ބުނެ ހޮސްޕިޓަލަށް ގެންދިޔަ ވަގުތު އޭނާގެ ފިރިމީހާގެ ކިބައިން އާދަޔާ ޚިލާފް ކަންތައްތަކެއް ފާހަގަވެފައިވެއެވެ. އެގޮތުން އޭނާ ނޭވާ ހާސްވެގެން ކުއްލިއަކަށް މަރުވީކަމަށާއި، އަދި ދަންޖެހިގެން އޭނާ މަރުވީކަމަށް އަނެއްބައި ފަހަރު އޭނާގެ ފިރިމީހާ ބުނަމުންދިޔަ ކަމަށް މަންޒަރުދުށް މީހުން ބުނެއެވެ.

އެމީހުން ބުނިގޮތުގައި އޭނާގެ ކަރުގައި ކޮންމެވެސް ކަހަލަ ނިޝާންތަކެއް ހުއްޓެވެ. ނަމަވެސް އެއީ ކަރުގައި ވާ/ފޮތި އައްސައިގެން ދަންޖެހިފައިވާ ނިޝާންތަކަކަށްވުރެ ބޮޑަށް ޝައްކު ކުރެވެނީ، މީހާ ހާސްކޮށްލަން މަސައްކަތްކޮށްފައިވާ އިނގިލީގެ ނިޝާންތަކެއްގެ ގޮތުގައިކަމަށް މަންޒަރު ފެނުނު މީހުން ބުނެފައިވެއެވެ.