ކުޅިވަރު

ސެލްޓަވީގޯ އާއި ބާސެލޯނާ މެޗް އެއްވަރު


ސްޕެނިޝް ލަލީގާގައި ސެލްޓަވީގޯ އާއި އެފްސީ ބާސެލޯނާ ބައްދަލުކުރިމެޗް އެންމެފަހު ވަގުތު ސެލްޓާއިން ޖެހި ލަނޑާއެކު މެޗް އެއްވަރުވެއްޖެއެވެ. މިމެޗް ނިމުނީ 3 ލަނޑު 3 ލަނޑުން ދެޓީމް އެއްވަރު ވެގެންނެވެ.

ދެޓީމުގެ ފަރާތުން ވާދަވރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅޭ ގިނަ ހަމަލާ އުފައްދާފައިވަނީ ސެލްޓަވީގޯއިންނެވެ. މިމެޗްގައި ބޮޑަށް ފެނިގެންދިޔައީ މެޗްގެ ދެ ހާފް، ދެޓީމުން ޑޮމިނޭޓް ކުރި ތަނެވެ. މިގޮތުން ފުރަތަމަ ހާފްގައި ބާރސާއިން ވަނީ ތިން ލަނޑު ޖަހައި ބޮޑު ލީޑެއް ނަގާފައެވެ. މިގޮތުން މިމެޗުގައި ބާރސާއިން ޖެހި ފުރަތަމަ ލަނޑު މެޗުގެ 5 ވަނަ މިނެޓްގައި ޖަހައިދިނީ އަންސޫ ފާޓީއެވެ. އަދި ދެވަނަ ލަނޑު މެޗްގެ 18 ވަނަ މިނެޓްގައި ސާޖިއޯ ބުންކެޓްސް ޖަހައިދިން އިރު ފަހު ލަނޑު މެޗްގެ 34 ވަނަ މިނެޓްގައި ޖަހައިދިނީ މެމްފިސް ޑެޕާއިއެވެ. މި ތިން ލަނޑާއެކު މިމެޗުން ބާރސާ ފަސޭހަ ކަމާއެކު މޮޅުވާނެކަމަށް ހީވި ނަމަވެސް މިމެޗްގެ ދެވަނަ ހާފްގައި ފެނިގެންދިޔައީ މުޅިން ތަފާތު މަންޒަރެކެވެ.

މިމެޗްގެ ދެވަނަ ހާފްގައި ސެލްޓަވީގޯއިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް ފަހަތުން އަރާ މެޗް އެއްވަރު ކޮށްފައެވެ. މިގޮތުން އެޓީމުގެ ފުރަތަމަ ލަނޑު މެޗްގެ 52 ވަނަ މިނެޓްގައި ޖަހައިދިނީ ލާގޯ އަސްޕާސްއެވެ. އަދި ދެވަނަ ލަނޑު މެޗްގެ 74 ވަނަ މިނެޓްގައި ނޮލީޓޯއެވެ. މިމެޗުން ސެލްޓަވީގޯއަށް އެއްވަރު ކޮށްދިން ލަނޑު މެޗްގެ އިތުރު ވަގުތުގެ 6 ވަނަ މިނެޓްގައި ޖަހައިދިނީ ފުރަތަމަ ލަނޑުވެސް ޖަހައިދިން އަސްޕާސްއެވެ. މިމެޗް ވީ ބާރސާގެ ވަގުތީ ކޯޗު ސަރޖީ ބާރހުއާންގެ ކޯޗް ކަމުގެ ދަށުން ބާރސާ ކުޅުނު ފަހު މެޗަށެވެ. އެއީ އެޓީމުގެ އާ ކޯޗަކަށް މިހާރު ޒާވީ ހަމަޖައްސާފައިވާތީއެވެ.

މިމެޗް އެއްވަރު ވުމުން ބާރސާ މިހާރު އުޅޭނީ 12 މެޗުން ލިބިފައިވާ 17 ޕޮއިނޓާއެކު ތާވަލްގެ 9 ވަނައިގައެވެ. އަދި ސެލްޓަވީގޯ އުޅެނީ 13 މެޗުން ލިބިފައިވާ 12 ޕޮއިންޓާއެކު ތާވަލްގެ 14 ވަނައިގައެވެ.