ކުޅިވަރު

ކުޅުންތެރިން ހޯދުމަށް އީގަލްސްއިން ޓްރަޔަލްތަކެއް ފަށައިފި


ކުރިއަށް އޮތް ސީޒަނަށް ޓީމު ވަރުގަދަ ކުރުމަށް ކުލަބް އީގަލްސްއިން ޓްރަޔަލްތަކެއް ކުރިއަށް ގެންދަން ފަށައިފިއެވެ. ކުލަބް އީގަލްސްއަކީ އަބަދުވެސް ޒުވާން ކުޅުންތެރިންނަށް ވަރަށް ބޮޑަށް އިސްކަންދޭ ކުލަބެކެވެ. އީގަލްސްގެ ރަސްމީ ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވާ ފަދައިން ޓްރަޔަލްތަކަކީ އުމުރުން 16 އަހަރުން ފެށިގެން 24 އަހަރާއި ދެމެދުގެ ކުޅުންތެރިން ޚާއްސަކޮށްގެން ބާއްވާ ޓްރަޔަލްތަކެކެވެ. އަދި މިއީ އާންމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދާ ޓްރަޔަލްތަކެކެވެ.

ތިން ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ޓްރަޔަލްތައް ފަށާފައިވަނީ އިއްޔެއެވެ. އީގަލްސްއިން ބުނެފައިވަނީ ޓްރަޔަލްތަކަށް ކުޅުންތެރިން އަންނައިރު، ކޮންމެ ކުޅުންތެރިއަކުވެސް އައިޑީކާޑު ގެންނަންވާނެމަށެވެ. އަދި ޓްރަޔަލްއިން ފާހަގަކުރެވޭ ކުޅުންތެރިން އީގަލްސްގެ ޓީމްތަކަށް ނެގުމަށް ހަމަޖެހިފައިވާކަމަށެވެ. ޚާއްސަކޮށް މިޓްރަޔަލްތަކުން ސީނިއަރ ޓީމަށް ކުޅުންތެރިން ނެގުމަށްވަނީ ހަމަޖެހިފައެވެ.

ކުލަބް އީގަލްސްއިން ކުރިއަށް ގެންދާ ޓްރަޔަލްތައް 4 ދުވަހުގެ މުއްދަތަށް ކުރިއަށް ދާނެއެވެ. މި ޓްރަޔަލްތައް ކުރިއަށްދާނީ އެފްއޭއެމްގެ ޓާފް ދަނޑުގައި ކޮންމެ ދުވަހެއްގެ ހަވީރު ހަތަރަކުން ފެށިގެން 17:30 އަށެވެ. މިޓްރަޔަލްތަކުގައި ކުރިއަށްދާނީ ކުލަބް އީގަލްސްގެ ކޯޗިން ސްޓާފުންގެ ބެލުމުގެ ދަށުންނެވެ.

އަންނަ މަހު ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފެށުމަށް ހަމަޖެހިފައިވަނީ ޕްރެސިޓެންޓް ކަޕުންނެވެ. މިހާތަނަށް ސީޒަނަށް ތައްޔާރުވުމަށް ފަރިތަކުރުންތައް ފަށާފައިވަނީ ލީގް ޗެންޕިއަން މާޒިޔާ އެކަންޏެވެ. މާޒިޔާގެ ކޯޗަކަށް ހަމަޖައްސާފައިވަނީ އޭލެވެލް ކޯޗް މުޙައްމަދު ޝިޔާޒް (މޯހަން)އެވެ.