ކުޅިވަރު

ގައުމީ ޓީމުގެ ކޯޗަކަށް ސާޖިދު ހަމަޖައްސައިފި


ޤައުމީ ސީނިއަރ ވޮލީ ޓީމުގެ ކޯޗަކަށް ތަޖްރިބާކާރު ކޯޗު މުޙައްމަދު ސާޖިދު (ކާއްޓޭ) ހަމަޖައްސައިފިއެވެ. ސާޖިދުވަނީ ޤައުމީ ވޮލީ ޓީމަށް މީގެ ކުރިން ދެ ފަހަރެއްގެ މަތިން އިރުޝާދު ދީފައެވެ. ހެޑް ކޯޗެއްގެ ގޮތުގައި ސާޖިދު ޤައުމީ ޓީމަށް މީގެ ކުރިން އިރުޝާދު ދީފައިވާއިރު، އެޓީމުގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައިވެސް ސާޖިދުވަނީ އިރުޝާދު ދީފައެވެ.

ޤައުމީ ޓީމުގެ ހެޑް ކޯޗަކަށް ތަޖްރިބާކާރު ކޯޗް މުޙައްމަދު ސާޖިދު (ކާއްޓޭ) މިހަމަޖެއްސީ ޑިސެންބަރު މަހުގައި އޮންނަ ސެންޓްރަލް ޒޯން ވޮލީ މުބާރާތަށެވެ. މިޓީމުގެ އެސިސްޓެންޓް ކޯޗަކަށް ހަމަޖައްސާފައިވަނީ ހުސެއިން ޝަރީފެވެ. މެނޭޖަރަކީ ޖުނައިދު ޢަބްދުﷲއެވެ. އަދި އެސިސްޓެންޓް މެނޭޖަރަކީ އިސްމާޢީލް ސަމާހުއެވެ.

ސެންޓްރަލް ޒޯން ވޮލީ މުބާރާތް ބަންގްލަދޭޝްގައި ކުރިއަށްދާނީ ޑިސެންބަރު މަހުގެ 21 އިން 29އަށެވެ. މިމުބާރާތަށް ތައްޔާރުވުމަށް ގައުމީ ޓީމުން މިހާރު ފަރިތަކުރުންތައް ފަށާފައިވާއިރު، އެމުބާރާތަށް ތައްޔާރުވުމަށް ޤައުމީ ޓީމުވަނީ މިހާރު އެކުލަވާލާފައެވެ. 21 ކުޅުންތެރިން ޓީމުގައި ހިމެނޭއިރު، ޒުވާން ޓީމުގެ ބައެއް ކުޅުންތެރިން މިޓީމުގައި ހިމެނެއެވެ. މިފަހަރުގެ ސެންޓްރަލް ޒޯން ވޮލީ މުބާރާތުގައި ވާދަކުރަނީ ކްރިގިސްތާން، ސްރީލަންކާ، ބަންގްލަދޭޝް، ނޭޕާލް އަދި ދިވެހިރާއްޖެއެވެ.

ވީއޭއެމްގެ ރައީސް މުޙައްމަދު ރަނޭޝް (ރަނޭ) ވިދާޅުވީ ސާޖިދު މިވަގުތު ޤައުމީ ޓީމަށް ހަމަޖެއްސީ ސާޖިދަކީ ރާއްޖޭގައި މިވަގުތު ތިބި ކޯޗުންގެ ތެރެއިން އެންމެ ތަޖްރިބާކާރު ކޯޗުކަމަށާއި، މިވަގުތު ބިދޭސީ ކޯޗެއް ހަމަޖައްސައިގެން ޓީމުގެ ކުޅުންތެރިން ދަސްކޮށްގެން މުބާރާތަށް ތައްޔާރުވާނެ ވަގުތު ނެތްކަން ރަނޭޝް ފާހަގަކުރިއެވެ. އަދި ސާޖިދުއަށް މިވަގުތު ގައުމީ ޓީމުގައި ތިބި ކުޅުންތެރިން ވަރަށް ރަނގަޅަށް އެގޭނެކަމަށާއި މިވަގުތު ޓީމަށް އެންމެ ފައިދާ ހުރި ގޮތަކީ މިއީކަމަށް ރަނޭޝް ވިދާޅުވިއެވެ. އަދި ސެންޓްރަލް ޒޯންގައި ވާދަކުރާ ޓީމްތައް އެންމެ ރަނގަޅަށް އެގޭނެ ކޯޗަކީވެސް ސާޖިދުކަމަށް ވީއޭއެމްގެ ރަނޭޝް ވިދާޅުވިއެވެ.

ކޯވިޑް-19އާއި ގުޅިގެން މިދިޔަ އަހަރު ވީއޭއެމްއަށް އެއްވެސް މުބާރާތެއް ކުރިއަށް ގެންދެވިފައެއް ނުވެއެވެ. މިއާއެކު ވީއޭއެމުން ވަނީ މީގެ ކުރިން ގައުމީ ޓީމުގެ ފަރިތަކުރުންތަކުގެ އިތުރުން މުބާރާތްވެސް ކުރިއަށް ނުގެންދެވުމުން ކަންބޮޑުވުން ފާޅުކޮށްފައެވެ. ގައުމީ ޓީމު އެންމެ ފަހުން ވާދަކޮށްފައިވަނީ 2019ވަނަ އަހަރު ނޭޕާލްގައި ކުރިއަށް ދިޔަ ސައުތް އޭޝިއަން ގޭމްސްގައެވެ.