ޚަބަރު

ޤަވާއިދަށް ގެނައި އިސްލާހުގެ ސަބަބުން ބޭނުންހާ ގޮތަކަށް މުވައްޒަފުން ވަތްކެއް ނުކުރެވޭނެ: ކޮމިޝަން


ސިޔާސީ ކަންކަމުގައި ބައިވެރިވެގެން ވަޒީފާއިން ވަކިކުރާ ގޮތަށް ޤާނޫނުތަކާއި ގަވާއިދުތައް ހަދާފައިވަނީ ކުރިންކަމަށާއި، ނަމަވެސް މިހާރު މުވައްޒަފުންނަށް ވަޒީފާގެ ބިރުވެރިކަމެއް ނެތި އުޅެވޭނެހެން ގަވާއިދަށް ބަދަލު ގެނެސްފައިވާކަމަށް ސިވިލް ސަރވިސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

ސިވިލް ސަރވިސް ކޮމިޝަނުން މިހެން ވިދާޅުވެފައި މިވަނީ، ދިވެހި ސިވިލް ސާވިސްގެ ގަވާއިދަށް އެންމެފަހުން ގެނައި ބަދަލާއި ގުޅުވައިގެން ހަޤީގަތާއި ހިލާފު ވާހަކަތަކެއް ފަތުރަމުންދާ ދަނޑިވަޅެއްގައެވެ.

ސިވިލް ސަރވިސް ޤަވާއިދަށް ގެނައި އިސްލާހާއި ގުޅޭގޮތުން ވާހަކަދައްކަވަމުން އެކޮމިޝަނުގެ މެމްބަރަކު ވިދާޅުވީ ކުރިން އެ ގަވާއިދު އޮތީ ވަރަށް ފުޅާކޮށް މާނަކުރެވޭ ގޮތަށްކަމަށާއި، އަދި ސިޔާސީ ހަރާކާތް ކޮންމެ ފަދަ ގޮތަކަށް މާނަކޮށްގެންވެސް މުވައްޒަފަކާ ދޭތެރޭގައި ފިޔަވަޅު އެޅޭކަމަށެވެ. ނަމަވެސް އެންމެފަހުން މިދިޔަ ބުރާސްފަތިދުވަހު ގެޒެޓްކުރެވުނު ގަވާއިދުގެ ދަށުން އެކަން ހުއްޓުވައި، ހަނިކޮށްފައިވާކަމަށް ކޮމިޝަންގެ މެމްބަރު ވިދާޅުވިއެވެ.

ސިވިލް ސަރވިސް މުވައްޒަފުންނަށް ސިޔާސީ ހަރަކާތްތަކުގައި ރަސްމީ މަސައްކަތުގައި އުޅޭއިރު ސިޔާސީ ހަރަކާތް ހިންގުން މަނާކުރީ މިދިޔަ ބުރާސްފަތިދުވަހު ގެޒެޓްކުރި ޤަވާއިދުންކަމަށް ބައެއް ފަރާތްތަކުން ވިދާޅުވިނަމަވެސް، އެކަން މަނާކޮށްފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2015 ވަނަ އަހަރުއެވެ. ރައީސް ޔާމީންގެ ވެރިކަމުގައި ޤާނޫނަށް ގެނައި އިސްލާހުގައި ބުނެފައި ވަނީ މަސައްކަތުގެ ރަސްމީ ގަޑީގައި ނުވަތަ ރަސްމީ ގަޑިން ބޭރުން ވެސް ރަސްމީ މަސައްކަތުގައި އުޅޭ އެއްވެސް ވަގުތެއްގައި އެއްވެސް ސިޔާސީ ހަރާކާތެއްގައި ބައިވެރިވުމަކީ މަނާ ކަމެއްކަމަށެވެ.

އެހެންކަމުން މި ޤާނޫނުގެ ދަށުން ކުރިން ހަދާފައިވާ ޤަވާއިދު ބުނާގޮތުން މުވައްޒަފަކު ފޭސްބުކްގައި ލިޔާ އެއްޗަކުން ވެސް ސިޔާސީ ހަރަކާތް ހިންގުން ކަމަށް ބުނެ ވަޒީފާއިން ވަކިކުރެވިދާނެއެވެ. އަދި މިގޮތަށް ބައެއް މުވައްޒަފުން ކުރިން ވަޒީފާއިން ވަކިކޮށްފައިވާ ކަމަށްވެސް ސިވިލް ސަރވިސް ކޮމިޝަނުން ވިދާޅުވެއެވެ. ނަމަވެސް ޤަވާއިދަށް އަލަށް ގެނައި އިސްލާހަކީ މިފަދަ ކަންކަން ނުވާނެ ގޮތަކަށް ކަންކަން ބަދަލުކުރުމަށް ގެނައި އިސްލާހުތަކެއްކަމަށްވެސް ކޮމިޝަނުން ވިދާޅުވެއެވެ. އެހެންކަމުން ސިވިލް ސަރވިސް ޤަވާއިދަށް އައި ހެޔޮ ބަދަލެއްގެ ގޮތުގައި އެކޮމިޝަނުން ދެކެއެވެ.

ކުރީގެ ސަރުކާރުގައި ސިޔާސީ ވިސްނުން ހުންނަ ގޮތުން، ނުވަތަ ސިޔާސީ ހަރަކާތެއްގައި ބައިވެރިވެގެން ވަޒީފާއިން ވަކިކުރިނަމަވެސް، ގާނޫނީ އިމުގެ ތެރޭގައި އުޅޭ ނަމަ މުވައްޒަފުންގެ ގެންގުޅޭ ވަކި ފިކުރަކާ ހެދި ސަރުކާރުގެ ވަޒީފާތަކުން ވަކިނުކުރާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވަނީ ވައުދުވެވަޑައިގެންފައެވެ.