ޚަބަރު

އިސްލާމްދީނުގެ ހިދާޔަތުގައި 895 އަހަރު


ދިވެހި ތާރީޚުން ފެންނަން އޮތް ގޮތުގައި އިސްލާމްދީނުގެ ހިދާޔަތުގެ އަލިކަން ދިވެހި ޤައުމަށް ލިބުނީ ހިޖުރައިން 548 ވަނަ އަހަރުގެ ރަބީޢުލް އާޚިރު މަހުގެ 2 ވަނަ ދުވަހުއެވެ. އެއީ މީލާދީން 1153 ވަނަ އަހަރުއެވެ. ތާރީޚުން އެނގެން އޮތް ގޮތުގައި ރާއްޖެއަށް އިސްލާމްދީނުގެ ހިދާޔަތު ގެނެސްދެއްވުމުގައި މެދުވެރިއަކަށްވީ ބޭކަލަކީ މަޣުރިބުކަރައިން ވަޑައިގަތް ބޭކަލެއް ކަމަށްވާ އަބުލްބަރަކާތު ޔޫސުފުލް ބަރުބަރީއެވެ. އޭރުން ފެށިގެން އިސްލާމްދީނުގެ ހިދާޔަތުގައި އަޅުގަނޑުމެން ތިބޭތާ މިހާރު މިވަނީ 895 އަހަރުވެފައެވެ.

ހިޖުރީ ގޮތުން ކޮންމެ އަހަރެއްގެ ރަބީޢުލްއާޚިރުމަހުގެ 2 ވަނަ ދުވަސް ފާހަގަކުރަމުން ދަނީ އިސްލާމްދީނުގެ މަތިވެރި ހިދާޔަތުގެ އަލިން މުޅިރާއްޖެ އަލިވީ ދުވަހުގެ ގޮތުގައެވެ. ހިޖުރައިން 548 ވަނަ އަހަރު ރަބީޢުލްއާޚިރު މަހުގެ 2ވަނަ ދުވަހަކީ ފުރަތަމަ ފަހަރަށް ތައުޙީދުގެ މަތިވެރި ކަލިމައިގެ އަޑު މިދީބުގައި ގުގުމާލި ދުވަހެވެ.

ރާއްޖެ އިސްލާމްވިދުވަސް ފާހަގަކުރެވެނީ އަބުލްބަރަކާތު ޔޫސުފުލް ބަރްބަރީ ރާއްޖެ ވަޑައިގެން، އޭރުގެ ރަސްގެފާނަށް އިސްލާމްދީނުގެ ދަޢުވަތު ދެއްވައި އެރަސްގެފާނު އިސްލާމްދީން ޤަބޫލުކުރެއްވުމުންނެވެ. އޭރު ރާއްޖޭގައި ޤަބޫލުކުރަމުން އައީ ބުދު ދީނެވެ. ރަސްކަމުގައި ހުންނެވީ ސްރީ ބަވަނާދީއްތަ، މަހާރަދުންނެވެ. އިސްލާމްދީން ޤަބޫލުކުރެއްވުމަށްފަހު މި ރަސްގެފާނު ނަންފުޅު މުޙައްމަދު ބިން ޢަބްދުﷲ ސިރީ ބަވަނާދީއްތަ މަހާރަދުންގެ ނަންފުޅަށް ބަދަލުކުރެއްވިއެވެ. ދިވެހިންގެ ތެރޭގައި މިރަސްގެފާނު މަޝްހޫރުވެފައިވަނީ ދަރުމަވަންތަ ރަސްގެފާނުގެ ނަންފުޅުންނެވެ.

ތާރީޚުން އެގެން އޮންނަ ގޮތުގައި ރާއްޖެ އިސްލާމްވި ދުވަސް އެންމެ ފުރަތަމަ ރަސްމީގޮތުން ފާހަގަކުރެވުނީ އައްސުލްޠާން މުޙައްމަދު ފަރީދުލް އައްވަލްގެ ރަސްކަމުގައި، ސުމުއްވުލް އަމީރު އިބްރާހީމް ފާމުލަދޭރި ކިލެގެފާނުގެ ބޮޑުވަޒީރު ކަމުގައެވެ. އެއީ މީލާދީން 1374 ވަނަ އަހަރުއެވެ.

ރާއްޖެ އިސްލާމްވިތާ ހިޖުރީ ގޮތުން 895 އަހަރު ފާއިތުވެގެންދާއިރު ވިސްނާލަންޖެހޭ ގިނަ ކަންތައްތަކެއް އެބަހުއްޓެވެ. ދީނީ ކަންކަމަށް ސަމާލުކަންދެވޭ މިންވަރާއި ދީނާދެކޮޅަށް ކުރެވެމުންދާ ފިކުރީ ހަނގުރާމައިން ކުރަމުންދާ ނޭދެވޭ އަސަރެވެ. ދީނާއި މެދުގައި ދިވެހިންގެ ހިތުގައި އޮތް ލޯތްބެވެ.

ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރެވެމުންދާއިރު މި ޤައުމުގެ މިނިވަންކަމާއި ސުލްޙަމަސަލަސް ކަމާއި އެއްބައިވަންތަކަމުގެ އަސްލަކީ އިސްލާމްދީންކަން ޤަބޫލުކުރަންޖެހެއެވެ. އިސްލާމްދީނަކީ މިފަދަ އެންމެހައި ސިފަތަކުގެ މައްޗަށް ފުރިހަމަވެފައި އޮތް މާތްވެގެންވާ ދީނެކެވެ.

ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރެވޭ މިދަނޑިވަޅުގައި ހަނދާނަށް ގެންނަންޖެހޭ އެއްކަމަކީ ދީނީ ގޮތުން އުފެދިފައިވާ ޚިޔާލު ތަފާތުވުންތަކުގެ ސަބަބުން ބައެއް ދިވެހިންގެ މެދުގައި ބައިބައިވުން އުފެދިފައިވާކަމެވެ. އިސްލާމްދީނަށް ދިވެހިންގެ ހިތްތަކުގައި ދެވިފައިވާ ލޯތްބާއި ޤަދަރުކުޑަކޮށް، އެ ދީނާމެދު ނަފްރަތު އުފެއްދުމަށްވެސް ބަޔަކު މަސައްކަތްކުރާކަން ޤަބޫލުކުރަންޖެހެއެވެ. އެހެންކަމުން އެފަދަ މީހުންގެ ނުރައްކާތެރި މަޅިތަކުން ސަލާމަތްވުމަށްޓަކައި ދީނީ ޢަޤީދާ ވަރުގަދަކޮށް އީމާންކަން އިތުރުކުރުމަށް މަސައްކަތްކުރުމަކީ ކޮންމެ ދިވެއްސަކަށްވެސް މުހިންމުކަމެކެވެ.

އިސްލާމްދީނުގެ ވަހުދަތު ދެމެހެއްޓެވުމަށްޓަކައި ދޮންބަންޑާރައިންނާއި އަލިރަސްގެފާނާއި ޝަހީދު ޙުސައިން އާދަމް ފަދަ ލީޑަރުން ވެވަޑައިގެންނެވި ޤުރުބާނީން މިއަދުގެ ޒުވާނުން ހިތްވަރު ލިބިގަންނަންޖެހެއެވެ. މާތްވެގެންވާ އިސްލާމްދީނާއި ޤައުމުގެ މިނިވަންކަމަށް ލޮޅުމެއް އަންނަ ކޮންމެ ހިނދެއްގައި ފަސްޖެހުމެއްނެތި ޤައުމާއި ދީނަށްޓަކައި ކެރިގެން ތެދުވާންޖެހެއެވެ. އަމާނާތެއްގެ ގޮތުގައި އަޅުގަނޑުމެންގެ ކާބަފައިން ވާރުތަކުރެއްވި އިސްލާމްދީނާއި މިނިވަންކަން އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ ދިވެހި ކޮންމެ ފަރުދެއްގެ ޤައުމީ ވާޖިބެކެވެ.