ޚަބަރު

މުސާރައާއި އިނާޔަތް ރަގަޅުކުރެވޭނީ މުވައްޒަފުން މަދު ކުރެވިގެން


ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރައާއި ޢިނާޔަތްތައް މިހާރަށްވުރެ ރަނގަޅު ކުރައްވަން ބޭނުންފުޅުކަމަށާއި އެކަން ކުރައްވަން ސަރުކާރަށް ފަސޭހަފުޅުވާނީ ސިވިލް ސަރވިސްގައި ތިބެންޖެހޭ އެކަށީގެންވާ ޢަދަދަށް މުވައްޒަފުންގެ ޢަދަދު ހަމަޖެއްސިގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔަމީން ޢަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.ސިވިލް ސާވރިސްގެ ފަސްއަހަރުގެ ކާމިޔާބީއާއި ސްޓްރެޓެޖިކް ޕްލޭން އިފްތިތާޙުކޮށްދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވީ މިހާރު އޮތް ބަޖެޓަށް ބަލާއިރު މުސާރަ އިތުރުކޮށްދެވެން އޮތީ މުވައްޒަފުން މަދުކުރެވިގެން ކަމަށެވެ. ސިވިލް ސަރވިސްގައި މުވައްޒަފުންގެ ޢަދަދު މިހާރު އިތުރުކަމަށް އެކޮމިޝަނުން ރައީސުލްޖުމްހޫރއްޔާގެ އޮފީހަށް ލިޔުމުން އަންގަވާފައިވާކަންވެސް ރައީސް ފާހަގަކުރެއްވިއެވެ. ރައީސް ވިދާޅުވީ، ސިވިލްސަރވިސް ކޮމިޝަނުން، ކޮންމެ މިނިސްޓްރީއަކާއި ކޮންމެ އޮފީހެއްގެ ހިއުމަން ރިސޯސަސް އޮޑިޓެއް ހެއްދެވުމަށް މަސައްކަތްކުރައްވަން ޖެހިފައިވާކަމަށެވެ. މިފަދަ އޮޑިޓެއް ނުހެދި އޮތުމުން، ސިވިލްސަރވިސްގައި މުވައްޒަފުން ތިބެންޖެހޭ އަދަދަށްވުރެ މުވައްޒަފުން އިތުރުވެފައިވަނީކަމަށް ވިދާޅުވިއެވެ.ރައީސް ވިދާޅުވި ގޮތުގައި ބައެއް އޮފީސްތަކުގައި ފަންނީ މީހުން އިންތިހާއަށް ގިނައިރު އަނެއް ބައި އޮފީސްތަކަށް އެފަދަ މީހުން ނުލިބިގެން މަސައްކަތްކުރަންޖެހެނީ ކޮންޓްރެކްޓް އުޞޫލުންކަމަށެވެ. އަދި ކުދިކުދި ކަންތަކަށް ސަރުކާރުގެ އޮފީސްތަކަށް ތަކުރާރުކޮށް ޚިދުމަތް ހޯދަން ދާންޖެހުމަކީ ޤަބޫލްކުރެވޭނެކަމެއް ނޫންކަމަށްވެސް ވިދާޅުވިއެވެ. ނިމިދިޔަ ހަފުތާގެ ތެރޭގައި ފިނޭންސް މިނިސްޓްރީން ހަތްދިހަ ފަސް މުވައްޒަފަކު ވަކި ކުރައްވަން ނިންމެވި ނިންމުމަށް އިޝާރާތް ކުރައްވައި، ރައީސް ޔާމީން ވިދާޅުވީ އެއީ ކުރައްވަން ބޭނުންފުޅުވެވަޑައިގެންނެވި ކަމެއް ނޫން ކަމަށެވެ.ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމް ވިދާޅުވީ މި ފަހަރުގެ ސްޓެރެޓިޖީކް ޕްލޭންގައި ޚަރަދުކުޑަ ޒަމާނީ އާ ގޮތްތައް ހިމަނުއްވާފައިވާ ކަމަށާއި ސިވިލްސަރވިސްގެ ޚިދުމަތްތަކުގެ ފެންވަރު މަތިކޮށް އިތުބާރު ބޮޑުވާނެ ގޮތްތައް ހޯދާ މަސައްކަތްތައް ހަލުވި ކުރެވޭނެގޮތަށް އުޞޫލްތައް ފަހިކޮށްދެވިފައިވާކަމަށެވެ. އަދި މި ފަހަރުގެ ޕްލޭންގައި ކަންކަން ރަނގަޅުކުރެއްވުމަށް ފިޔަވަޅު އެޅުމުގެ ބަދަލުގައި މުވައްޒަފުންނަށް ހިތްވަރުލިބޭ ކަންތައް ތަޢާރަފްކުރެއްވުމަށް ކަނޑައަޅުއްވާފައިވާކަމަށް ސިވިލް ސާވިސް ކޮމިޝަނުން ވިދާޅުވެއެވެ. މީގެ އިތުރުން ސިވިލް ސަރވެންޓުންގެ ގެދޮރުގެ ދަތިކަން ޙައްލުކުރުމަށް ލުއި ސްކީމެއްގެ ދަށުން ގެދޮރުވެރިވެވޭނެ ގޮތްހަމަޖެއްސެވުމަށް މަސައްކަތްކުރަމުންދާކަމަށްވެސް އެ ކޮމިޝަންގެ ރައީސް ވިދާޅުވިއެވެ.މިއަދުގެ ރަސްމިއްޔާތުގައި ސިވިލްސަރވިސްގެ ޓްރެއިނިންގ ޕޮލިސީއާއި މުވައްޒަފުން ތަމްރީންކުރުމުގެ ސިޔާސަތުވެސް ވަނީ އިފްތިތާޙްކުރައްވާފައެވެ.