ޚަބަރު

63 މީހަކު ޕޮޒިޓިވްވެ ކެނދިކުޅުދޫގައި ކަންބޮޑުވުން


ނ.ކެނދިކުޅުދޫގައި ގިނަ ޢަދަދެއްގެ މީހުން ކޯވިޑަށް ޕޮޒިޓިވްވެއްޖެއެވެ. ގިނަ ބަޔަކު ޕޮޒިޓިވްވުމާ ގުޅިގެން ކެނދިކުޅުދޫއަށް އަރާ ފޭބުން މިވަގުތު އޮތީ މަނާކޮށްފައެވެ.

ނ.ކެނދިކުޅުދޫން ށ.ފުނަދޫއަށް ދިޔަ މީހަކު ޕޮޒިޓިވްވެ، އެމީހާގެ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ގިނަ ބަޔަކު ޕޮޒިޓިވްވުމާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އޭޖެންސީން އެރަށް މޮނީޓަރިންއަށް ލާފައިވަނީ މިދިޔަ މަހުގެ 23 ވަނަ ދުވަހުއެވެ. ޕީއެސްއެމްއަށް މަޢުލޫމާތު ދެއްވަމުން ނ.ކެނދިކުޅުދޫ ކައުންސިލުން ވިދާޅުވީ އޭގެ ފަހުން ނެގި ސާމްޕަލް ތަކުގެ ތެރެއިން 63 ސާމްޕަލް މިހާތަނަށް ޕޮޒިޓިވްވެފައިވާކަމަށެވެ. އަދި މިއީ ހުސް ފުރަތަމަ ޕޮޒިޓިވްވީ މީހާގެ ޑައިރެކްޓް ކޮންޓެކްޓުން ކަމަށް ކައުންސިލުން ވިދާޅުވެއެވެ. އަދި މީގެތެރެއިން 7 މީހަކު މިހާރު ބަލިން ރަނގަޅުވެފައިވާ ކަމަށްވެސް ކައުންސިލުން ވިދާޅުވެއެވެ.

ރަށުގެ ގިނަ ބަޔަކު ބައްޔަށް ހުށައެޅުމުގެ ސަބަބުން ރަށުގެ ކޯވިޑް ޓާސްކްފޯހުންވަނީ ޢާއްމުންގެ ރެންޑަމް ސާމްޕަލް ނަގާފައެވެ. ކައުންސިލުން ވިދާޅުވީ ފުރަތަމަ ނެގި ސާމްޕަލްތަކުގެ ނަތީޖާ މިހާރު ލިބިފައިވާކަމަށާއި އެއްވެސް ސާމްޕަލްއެއް ޕޮޒިޓިވްނުވާކަމަށެވެ.

1500 އެއްހާ މީހުންގެ އާބާދީއެއް ދިރިއުޅޭ ނ.ކެނދިކުޅުދޫ މޮނީޓަރިންއަށް ލުމުން ގިނަ ތަކުލީފުތަކެއް ކުރިމަތިވެފައިވާކަމަށް އެރަށު ކައުންސިލުން ވިދާޅުވެއެވެ. އެގޮތުން ސިއްޙީ ޚިދުމަތް ހޯދުމަށް އެހެން އަތޮޅުތަކަށް ދިޔުމުގައި އެތައް ހުރަހެއް އެރަށު ރައްޔިތުންނަށް ކުރިމަތިވެފައިވާއިރު އެއްވެސް ހުރަހަކާ ނުލާ މާލެއިން އެރަށަށް ދެވޭކަމުގެ ކަންބޮޑުވުން ކައުންސިލުން ފާޅުކުރައްވައެވެ. ނ.ކެނދިކުޅުދޫއަކީ 90 އިންސައްތަ ވެކްސިން ފުރިހަމަކޮށްފައިވާ ރަށަކަށްވުމުން އެރަށަށް އަރާފޭބުމުގައި ޕީސީއާރް ޓެސްޓު ހަދާކަށް ނުޖެހެއެވެ. އެހެންކަމުން ބަލި ހުރި މީހުންނަށް ރަށަށް އެރުމުގެ ފުރުސަތު އަބަދުވެސް އޮންނަކަން ކައުންސިލުން ފާހަގަކުރައްވައެވެ.

ކޯވިޑްގެ ކޭސްތަކެއް ރަށުތެރެއިން ފެނުމާއި ގުޅިގެން މިވަގުތު ރާއްޖޭގެ 23 ރަށަކަށް އަރާފޭބުން މިވަގުތު އޮތީ މަނާކޮށްފައެވެ. އެގޮތުން އޯގަސްޓްމަހާއި ސެޕްޓެމްބަރު މަހު އަދި އޮކްޓޯބަރުމަހު މޮނީޓަރިންއަށް ލާފައިވާ ބައެއް ރަށްރަށުން އަދިވެސް ކޭސްތައް ފެންނަމުންދާތީ އެރަށްރަށަށް އަރާފޭބުން މަނާކޮށްފައި އޮތްއޮތުން އެޗްޕީއޭއިންވަނީ ދަމަހައްޓާފައެވެ.