ޚަބަރު

ޠާލިބާނުންގެ ތެރޭގައި ތިބި އިދިކޮޅު ހަނގުރާމަވެރިންނާމެދު ސަމާލުވުމަށް އަންގައިފި


އަފްޣާނިސްތާނުގައި ވެރިކަންކުރާ ޠާލިބާން ޖަމާޢަތުގެ ތެރޭގައި ޙަރަކާތްތެރިވާ އިދިކޮޅު ހަނގުރާމަވެރިންނާމެދު ސަމާލުވުމަށް އެ ޖަމާޢަތުގެ އެންމެ އިސްވެރިޔާ ހައިބަތުﷲ އަޚޫންޒާދާ ވިދާޅުވެއްޖެއެވެ.

އަފްޣާނިސްތާނުގެ އެކި ސަރަޙައްދުތަކުގައި އިދިކޮޅު ހަނގުރާމަވެރިން ވަރުގަދަ ޙަމަލާތަކެއް ދެމުންދާ ދަނޑިވަޅެއްގައި އެ ޤައުމުގެ އެންމެ އިސްވެރިޔާ އަޚޫންޒާދާ ވިދާޅުވީ ޠާލިބާނުންގެ ތެރެއަށް އިދިކޮޅު ހަނގުރާމަވެރިން ވަދެފައިވާކަމަށް ބެލެވޭކަމަށާއި ސަރުކާރާ ދެކޮޅަށް އެފަދަ ފަރާތްތަކާމެދު ފާރަވެރިވާން ޖެހޭކަމަށެވެ. އޭނާ އެހެން ވިދާޅުވެފައިވަނީ ފާއިތުވި ދުވަސްތަކުގައި އައިއެސް ޖަމާޢަތުން އަފްޣާނިސްތާނުގައި ދެމުންދާ ނުރައްކާތެރި ޙަމަލާތައް އިތުރުވެފައިވަނިކޮށެވެ. އަދި ފާއިތުވި ދުވަސްތަކުގެ ތެރޭގައި އަފްޣާނިސްތާނުގައި ޙަރަކާތްތެރިވާ އައިއެސް ޖަމާޢަތުގެ ހަނގުރާމަވެރިންގެ ބާރުގަދަވެ އެ ޤައުމުގެ ކުރީގެ ސަރުކާރުގެ ބައެއް ވެރިންނާ އަސްކަރިއްޔާގައި ޚިދުމަތްކޮށްފައިވާ ބައެއް މީހުން އެ ޖަމާޢަތާ ގުޅިފައިވާކަމަށް ބެލެވެއެވެ.

ޠާލިބާނުންގެ އެންމެ އިސްވެރިޔާގެ ވަރުގަދަ އިންޒާރެއް ޢާއްމުކޮށްފައިވަނީ އޮގަސްޓު މަހުގެ ތެރޭގައި އެ ޖަމާޢަތުގެ ބާރުގެ ދަށަށް އަފްޣާނިސްތާން ގެނައިފަހުން ވަރަށް ބޮޑަށް ހަނުހުންނެވުމުގެ އިތުރުން ޢާއްމުންގެ ތެރެއަށް ނުކުމެވަޑައިގަތުން އަޚޫންޒާދާ ވަރަށް ބޮޑަށް މަދުކުރައްވައިފައިވަނިކޮށެވެ. ފާއިތުވި ތިން މަސްދުވަހުގެ ތެރޭގައި ޠާލިބާނުންގެ ތެރެއަށް އިދިކޮޅު ހަނގުރާމަވެރިންނާއި މުޖުރިމުން ވަދެ އެ ޖަމާޢަތުގެ ނަން ކިލނަބުކުރާކަމަށް އެ ޖަމާޢަތުގެ އިސްވެރިންވަނީ އެކި ފަހަރުގެ މަތިން ބުނެފައެވެ.