ގުރައިދޫގައި ހިންގަމުން އަންނަ ޚާއްސަ އެހީއަށް ބޭނުންވާ މަރުކަޒުގައި މިވަގުތު ކޯވިޑަށް ޕޮޒިޓިވް 100 މީހަކު އެބަތިބިކަމަށް އެމަރުކަޒުން ހާމަކުރައްވައިފިއެވެ. މީގެތެރޭގައި އެތަނުގައި އެޑްމިޓްކޮށްފައިވާ ބަލި މީހުންނާއި އެމީހުންގެ އެހީތެރިންގެ ގޮތުގައި ޙަރަކާތްތެރިވާ މަރުކަޒުގެ މުވައްޒަފުންވެސް ހިމެނެއެވެ.
ކ.ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުން އެންމެފުރަތަމަ ކޭސްއެއް ފެނުނީ މިދިޔަ އޮކްޓޯބަރުމަހުގެ ތެރޭގައެވެ. އެގޮތުން މިދިޔަ މަހުގެ 19ވަނަ ދުވަހު އެމަރުކަޒުގައި ފަރުވާ ދެމުންދިޔަ މީހަކު އިތުރު ފަރުވާއަށް މާލެ ގެނެސް ފަރުވާދެމުން ދަނިކޮށް ނިޔާވުމާ ގުޅިގެން ހެދި ޓެސްޓުންވަނީ ކޯވިޑަށް ޕޮޒިޓިވްވެފައެވެ. އެއާއެކު ޚާއްސަ އެހީއަށް ބޭނުންވާ މަރުކަޒުންވަނީ އިތުރު ފިޔަވަޅުތައް އަޅާފައެވެ.
ޕީއެސްއެމްނިއުސްގެ ރާއްޖެމިއަދުގައި ވާހަކަދައްކަވަމުން ޚާއްސަ އެހީއަށް ބޭނުންވާ މަރުކަޒުގެ ސީއީއޯ ޔޫޝައު ޝިހާން ވިދާޅުވީ ކޯވިޑަށް ޕޮޒިޓިވްވެފައިވާ 100 ބަލި މީހުންނާއެކު މިވަގުތު އެމަރުކަޒުވަނީ ބަންދުކޮށްފައިކަމަށެވެ. މީގެތެރޭގައި 28 މުވައްޒަފުންވެސް ހިމެނޭކަމަށް ޝިހާން ވިދާޅުވިއެވެ. އޭނާ ވިދާޅުވީ 6 މުވައްޒަފަކު އަދި މަރުކަޒުގައި ތިބި ބަލި މީހުންގެ ތެރެއިން 8 މީހަކު ކޯވިޑް ބަލިން ރަނގަޅުވެފައިވާކަމަށެވެ. އަދި ކޯވިޑުން ދިފާޢުވުމަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައިވާކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.
"އެޗްޕީއޭއިން މިހާރު ދީފައިވާ ލުއިތަކާއެކު ވަރަށް ގިނަ މުވައްޒަފުންވެސް މާލެއަށް ގޮސްއައިސް ހަދާއެބަ. އެހެންކަމަށް ބޮޑަށް ބެލެވެނީ ބަލި މިއެތެރެވީ. އަޅުގަނޑުމެންގެ މަރުކަޒުގައި ތިބި 158 މުވައްޒަފުން މަސައްކަތްކުރާއިރު އެންމެން ތިބީ ދެޑޯޒް ފުރިހަމަކޮށްފައި. 197 ބަލި މީހުން ބަލަމުންގެންދާއިރު އެންމެ ފަހުން ގެންދިޔަ 4 މީހުން ފިޔަވާ ހުރިހާ ބަލިމީހުންވެސް ތިބީ ވެކްސިން ފުރިހަމަކޮށްފައި." ޝިހާން ވިދާޅުވިއެވެ.
ގުރައިދޫގައި ޤާއިމުކޮށްފައިވާ ޓާސްކްފޯހާއި ގުޅިގެން ބަލި ކޮންޓްރޯލްކުރުމަށް މިހާރުވަނީ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ރާއްޖެމިއަދުގައި ވާހަކަދައްކަވަމުން މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސްގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ޝިހާބް ވިދާޅުވީ ކޭސްއެއް ފެނުމުގެ ކުރިންވެސް އެޙާލަތަކަށް މަރުކަޒުވަނީ ތައްޔާރުވެފައިކަމަށެވެ.
"މަރުކަޒުގައި ޕޮޒިޓިވްވީ މީހުންގެ ތެރެއިން އެއްވެސް މުވައްޒަފަކު ޙާލުބޮޑުވެފައެއް ނުވޭ. އެންމެ ފުރަތަމަ ބަލިމީހާއާއި ހިސާބުން ފިޔަވަޅުތައް ވަގުތުންވަނީ އަޅާފައި. ކަމާބެހޭ ފަރާތްތަކުގެ އިރުޝާދާއެކު ބޭނުންވާނެ ސާމާނު ހަމަކުރަންވަނީ ލިސްޓު ހަދާ އެތަކެތިވާނީ 3 ދުވަހުގެ ތެރޭގައި ހަމަކޮށްދީފައި." ޝިހާބް ވިދާޅުވިއެވެ.
ޚާއްސަ އެހީއަށް ބޭނުންވާ މަރުކަޒުގެ މުވައްޒަފުން ލޮކްޑައުންގެ މުއްދަތުގައި މަރުކަޒު ތެރޭގައި ތިބުމަށް ބޭނުންވާ ހުރިހާ ތަކެއްޗާއި ރައްކާތެރިކަމަށް ބޭނުންވާނޭ ޕީޕީއީ ކިޓާއި އެނޫންވެސް ސާމާނު ވަނީ އެމަރުކަޒަށް ގެންގޮސްފައެވެ. އަދި ބަލި މީހުންނަށް ފަރުވާ ދިނުމަށް ގުރައިދޫމަރުކަޒުގައި 2 ހެލްތު ކެއަރ ވޯކަރުން ތިބޭނެކަމަށް ޖެންޑަރ މިނިސްޓްރީއިން ވިދާޅުވެއެވެ.
ގުރައިދޫ މަރުކަޒުން 100 މީހަކު މިހާރު ޕޮޒިޓިވްވެފައިވާއިރު 2 މީހަކުވަނީ މިބަލީގައި ނިޔާވެފައެވެ. ކޯވިޑުން ރައްކާތެރިވުމަށް އެތަން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ގާތްގަނޑަކަށް 20 މަސްދުވަސްވަންދެން މަރުކަޒުން މީހަކު ބައްޔަށް ޕޮޒިޓިވްވެފައިނުވާކަން ޚާއްސަ އެހީއަށް ބޭނުންވާ މަރުކަޒުން ވިދާޅުވެއެވެ.