ޚަބަރު

މުޒާހަރާތަކާ ދެކޮޅަށް ވެނެޒުއޭލާއިން ހިންގިކަމަށް ބުނާ ޖަރީމާތައް އައިސީސީން ތަޙްޤީޤުކުރަނީ


2017ވަނަ އަހަރުގެ ތެރޭގައި ވެނެޒުއޭލާގެ ސަރުކާރާ ދެކޮޅަށް ކުރި މުޒާހަރާތަކުގައި ބައިވެރިވި މީހުންނާ ދެކޮޅަށް އަނިޔާވެރި ޢަމަލުތައް ހިންގިކަމަށް ބުނާ މައްސަލައެއް ބައިނަލްއަޤްވާމީ ޖިނާޢީ ކޯޓު، އައިސީސީން ތަޙްޤީޤުކުރަން ފަށައިފިއެވެ.

ވެނެޒުއޭލާއަށް ވަޑައިގެން އެ ޤައުމުގެ ރައީސް ނިކޮލަސް މަދޫރޯއާ ބައްދަލުކުރެއްވުމަށްފަހު އައިސީސީގެ ވަކީލް ކަރީމު ޚާންވަނީ ކަންވީ ގޮތް އޮޅުންފިލުވުމަށް ތަޙްޤީޤެއް ކުރުމަށް ނިންމަވައިފައެވެ. ޚާން ވިދާޅުވީ އެ މުއްދަތުގެ ތެރޭގައި އައިސީސީގެ މިނިވަންކަމަށް އުނިކަން ލިބޭނެ ކަންކަން ނުކުރުމަށާއި ތަޙްޤީޤުތަކަށް ސިޔާސީ ނުފޫޒު ނުފޯރުވުމަށް އިލްޠިމާޞްކުރައްވައިކަމަށެވެ. އަދި އައިސީސީގެ ތަޙްޤީޤަށް ޖާގަދިނުމަށްވެސް އޭނާވަނީ އެދިވަޑައިގެންފައެވެ.

އައިސީސީގެ ނިންމުމާމެދު މަދޫރޯ ވިދާޅުވީ ވެނެޒުއޭލާއިން އެ ނިންމުމަށް އިޚްތިރާމުކުރާނެކަމަށާއި އެ ޤައުމުން ތަޙްޤީޤަށް އެއްބާރުލުން ދޭނެކަމަށެވެ. އަދި އޭނާވަނީ ތަޙްޤީޤަށް އެއްބާރުލުން ދިނުމަށް އައިސީސީއާއެކު ވެނެޒުއޭލާއިން އެއްބަސްވުމެއްގައި ސޮއިކޮށްފައިވާކަމަށް ވިދާޅުވެ ތަޙްޤީޤަށް އެއްވެސް ހުރަހެއް ނާޅުއްވާނެކަމުގެ ޔަޤީންކަން ދެއްވައިފައެވެ.

އައިސީސީގެ ވަކީލެއްގެ ގޮތުން ވެނެޒުއޭލާއަށް ޚާން ކުރައްވައި ތިން ދުވަހުގެ ދަތުރުގައި މުޒާހަރާތަކުގައި ބައިވެރިވި މީހުންނާއި އެ މީހުންގެ ޢާއިލާތަކާ އޭނާ ބައްދަލުކުރައްވާނެއެވެ.

2017ވަނަ އަހަރުގެ މާރިޗު މަހުން އޮގަސްޓު މަހަށް ވެނެޒުއޭލާގެ ސަރުކާރާ ދެކޮޅަށް ކުރި މުޒާހަރާތަކުގައި 165 މީހުން މަރުވެ، 15،000 މީހުން ޒަޚަމުވެ އަދި 5،000 މީހުންވަނީ ޙައްޔަރުކޮށްފައެވެ.