ސިޔާސީ

ޖޫރިމަނާ ފައިސާ އެމްޑީޕީއާއި އަދާލަތުންވެސް ދައްކާފައެއްނުވޭ


މިދިޔަ މަހުގެ ހަތާވީސްވަނަ
ދުވަހު އެމްޑީޕީން މާލޭގައި ބޭއްވި މުޒާހަރާގައި އެޕާޓީއާއި، އަދާލަތު ޕާޓީން
އދ.ގެ ލޯގޯ ބޭނުންކުރުމުން، ކުރެއްވި ޖޫރިމަނާ ފައިސާ މިހާތަނަށް އެ ދެޕާރޓީންވެސް
ދައްކާފައިނުވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖއެވެެ. 

ނޮވެމްބަރު
މަހުގެ 27 ވަނަ ދުވަހު އެމްޑީޕީން ބޭއްވި މުޒާހަރާގައި އދ.ގެ ލޯގޯ ބޭނުންކުރި
މައްސަލާގައި އިލެކްޝަންސް ކޮމިޝަނުން ވަނީ އެމްޑީޕީއާއި އަދާލަތު ޕާޓީ، ކޮންމެ
ޕާޓިއެއް 75،000 ރުފިޔާއިން، ޖޫރިމަނާކުރައްވާފައެވެ.
މިމަހުގެ 14 ވަނަ ދުވަހު ކުރެއްވި މި ޖޫރިމަނާގެ ފައިސާ ހަފުތާއެއްގެ
ތެރޭގައި ދައްކަން ދެޕާރޓީއަށްވެސް އަންގާފައިވެއެވެ. 

އިލެކްޝަންސް ކޮމިޝަންގެ
މެމްބަރު މުޙައްމަދު ޝަކީލް ވިދަޅުވީ، ސިޔާސީ ޕާރޓިތަކަށް އަންނަ އަހަރަށް
ދައުލަތުން ފައިސާ ދޫކުރުމުގެ ކުރިން އެފައިސާ ނުދައްކައިފިނަމަ، އެ ދެ ޕާޓީއަށް
ދޫކުރައްވާ ފައިސާއިން އެބައި އުނިކުރައްވާނެކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން، މެމްބަރުން ހަމަނުވެގެން އިއްޔެ ސިޔާސީ 8 ޕާޓީއެއް އުވާލައްވާފައިވާތީ،
އެކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޝަކީލް ވިދާޅުވީ، އެޕާޓިތައް އުވާލެއްވުމާ
ގުޅިގެން، އެޕާޓީތަކުގެ ހުރިހާ
މެމްބަރުން ސިޔާސީ ޕާޓީތަކުގެ ދަފްތަރުން މިހާރު އުނިކުރައްވާފައިވާކަމަށެވެ.



މި 8 ޕާޓިގައި
ޖުމްލަ ތިއްބެވި މެމްބަރުންގެ ޢަދަދަކީ 9386 މެމްބަރުންނެވެ. ޝަކީލް ވިދާޅުވީ، އުވާލެއްވި ސިޔާސީ 8 ޕާޓީން މާލީ ރިޕޯޓް
ހުށައަޅާފައި ނުވާތީ  ކޮންމެ ޕާޓީއެއް ދެ
ފަހަރެއްގެ މަތިން 50،000 ރުފިޔާއިން ޖޫރިމަނާކުރައްވާފައި ވާނެކަމަށެވެ. އަދި ދައުލަތުން  އެޕާޓީތަކަށް ދޫކުރައްވާ
ފައިސާއިން އެފައިސާ އުނިކުރައްވާފައިވާނެކަމަށްވެސް ޝަކީލް ވިދާޅުވިއެވެ.

މި އުޞޫލުން
ޢަމަލުކުރައްވާފައިވާތީ އެޕާޓީތަކުން އިލެކްޝަންސް ކޮމިޝނަށް ދައްކަން ޖެހޭ
އެއްވެސް ފައިސާއެއް ނެތްކަމަށް އޭނާ ވިދާޅުވިއެވެ. ޝަކީލް ވިދާޅުވީ، އަހަރު
ނިމުމާއި ކައިރިވެފައިވާތީ، ނޮވެމްބަރު މަހުން ފެށިގެން ޕާޓީތަކަށް މެމްބަރުން
އިތުރުކުރުމަށް ގިނަ ޢަދަދަކަށް ފޯމްތައް އިލެކްޝަންސް ކޮމިޝަނަށް ލިބެމުންދާކަމަށެވެ.
އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ވިދާޅުވީ ހުރިހާ ސިޔާސީ ޕާޓިތަކުންވެސް ހުށައަޅާ
ފޯމްތަކުގައި ފިންގަރ ޕްރިންޓް ޞައްޙަތޯ ބެލުމަށް ފަހު ދަފްތަރުގައި
ހިމަނުއްވަމުން ގެންދަވާ ކަމަށާއި، އިނގިލީގެ ނިޝާން ދިމާނުވެގެން މިހާތަނަށް
އެއްވެސް ޕާޓީއެއް ޖޫރިމަނާކުރައްވާފައި ނުވާނެކަމަށެވެ. އަދި ފޯމްތައް
ބަލައިގެންނެވުމުގެ މަރުޙަލާގައި ފޯމްތައް ޗެކްކުރައްވައި، އިނގިލީގެ ނިޝާން ނެތް
އަދި ޞައްޙަކަން ގެއްލޭކަން އެ މަރުޙަލާގައި ފާހަގަކުރެއްވޭ ފޯމްތައް ބަލައިނުގަންނަވާ
ކަމަށެވެ.