ކުޅިވަރު

ކޯކޭ އާއި ޑެންޒޯއިން ގައުމީ ބީޗް މުބާރާތް ކާމިޔާބުކޮށްފި


ރާއްޖޭގެ އެންމެ ތަޖްރިބާކާރު ޕެއަރ އިސްމާޢީލް ސާޖިދު (ކުޑަކާއްޓެ) އާއި އަޝްފާގު އާދަމް (އައްކަޅޭ) ފަހަތުންއަރާ ބަލިކޮށްގެން ގައުމީ ބީޗް ވޮލީބޯޅަ މުބާރާތުގެ ޗެންޕިއަންކަން އަޙްމަދު މުޙައްމަދު (ކޯކޭ) އާއި މުޙައްމަދު ޢަލީ (ޑެންޒޯ)ގެ ޕެއަރއިން ހޯދައިފިއެވެ. ފިރިހެންބައިގެ ޗެންޕިއަކަން އަޙުމަދު މުޙައްމަދު އާއި މުޙައްމަދު ޢަލީ ހޯދީ ދެ ސެޓް 1 ސެޓުން މެޗް ކާމިޔާބުކޮށްގެންނެވެ.

މިމުބާރާތުގެ ގުރޫޕް ސްޓޭޖްގައި މިދެ ޕެއަރ ބައްދަލުކުރި މެޗް ކާމިޔާބުކޮށްފައިވަނީ އިސްމާޢީލް ސާޖިދާއި އަޝްފާގު އާދަމްގެ ޕެއަރއިންނެވެ. މުބާރާތުގެ އެއްވެސް މެޗަކުން ބަލިނުވެ ފައިނަލުން ފުރުސަތު ހޯދި އިސްމާޢީލް ސާޖިދާއި އަޝްފާގު އާދަމްގެ ޕެއަރއަށް ފައިނަލް މެޗުގައި މާރަގަނޅު ކުޅުމެއް ދެއްކިފައެއް ނުވެއެވެ. އަދި މިއީ ގުރޫޕް ސެޓޭޖުގައި ބަލިވި ބަލިވުމަށް އަޙުމަދު މުޙައްމަދާއި މުޙައްމަދު ޢަލީގެ ޕެއަރއިން ހިފި ބަދަލް ހިފުމެކެވެ.

މެޗްގެ ފުރަތަމަ ސެޓް ކުޑަކާއްޓޭ އާއި އައްކަޅޭ ގެންދިޔައީ 21-18އިންނެވެ. މިސެޓުން އަޙުމަދު މުޙައްމަދު އާއި މުޙައްމަދު ޢަލީގެ ޕެއަރ ބަލިވިނަމަވެސް، މިދެ ކުޅުންތެރިންވެސްވަނީ ވަރަށް ބޮޑަށް ހިތްވަރުކޮށްފައެވެ. މެޗްގެ ފުރަތަމަ ސެޓްގައި އަޝްފާގާއި ސާޖިދު މޮޅަށް ކުޅުނު ނަމަވެސް، ކޯކޭ އާއި ޑެންޒޯއިން ހިތްވަރު އެލުވާނުލާ، މެޗް އެއްވަރުވެސް ކުރިއެވެ. ނަމަވެސް ތަޖްރިބާކާރު ދެ ކުޅުންތެރިންކަމަށްވާ ސާޖިދާއި އަޝްފާގުގެ މައްޗަށް ކުރި ހޯދޭ ގޮތެއް ނުވިއެވެ. 

މެޗްގެ ދެވަނަ ސެޓްގައި އަޙުމަދު މުޙައްމަދު (ކޯކޭ) އާއި މުޙައްމަދު ޢަލީ (ޑެންޒޯ)ގެ ޕެއަރއިން ވަނީ މޮޅު ކުޅުމެއް ފެނިގެންގޮސްފައެވެ. އަދި މިދެ ކުޅުންތެރިން ހިތްވަރު އެލުވާނުލާ ކުޅުމުގެ ނަތީޖާއަކަށްވީ މެޗްގެ ދެވަނަ ސެޓްގައި ރަނގަޅު ލީޑެއް ނެގިއެވެ. މިސެޓްގައި ޗެންޕިއަން އަޙުމަދު މުޙައްމަދު (ކޯކޭ) އާއި މުޙައްމަދު ޢަލީ (ޑެންޒޯ)ގެ ފަރާތުން ވަރަށް ބޮޑަށް ހިތްވަރުކުރިތަންވެސް ފެނިގެންދިޔައެވެ. މިސެޓް އަޙުމަދު މުޙައްމަދު (ކޯކޭ) އާއި މުޙައްމަދު ޢަލީ (ޑެންޒޯ)ގެ ޕެއަރ ގެންދިޔައީ 21-18އިންނެވެ.

ޕެއަރއަކަށް ސެޓެއް ލިބުމުން، ނަތީޖާ ނެރުމަށް ކުޅުނު ތިންވަނަ ސެޓް ދިޔައީ ގިނަ ބަޔަކު ހީނުކުރާ ގޮތަށެވެ. ހާއްސަކޮށް ތިންވަނަ ސެޓް ފެށިގެން ލީޑުގައި އޮވެގެން ކުޅެމުންދިޔައީ ޒުވާން ދެ ކުޅުންތެރިންކަމަށްވާ އަޙުމަދު މުޙައްމަދު (ކޯކޭ) އާއި މުހައްމަދު އަލީ (ޑެންޒޯ)ގެ ޕެއަރއިންނެވެ. މެޗްގެ ނަތީޖާ ނެރޭ ސެޓް ހޯދުމަށް ރާއްޖޭގެ ބީޗްގައި އެންމެ ތަޖްރިބާކާރު ޕެއަރކަމަށްވާ އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އާއި އަޝްފާގު އާދަމް (އައްކަޅޭ)ވަރަށް ބޮޑަށް މަސައްކަތް ކުރިއެވެ. ނަމަވެސް އަހުމަދު މުހައްމަދު (ކޯކޭ) އާއި މުހައްމަދު އަލީ (ޑެންޒޯ)ގެ ޕެއަރއިން މެޗްގެ ކުރީކޮޅުގައި ބޮޑު ލީޑްއެއް ނެގުމުން ފަހަތުން އެރުމަށް ގިނަ ދަތިތަކާއި ސާޖިދު އަދި އަޝްގާފްއަށް ކުރިމަތިވިއެވެ. މެޗްގެ ތިންވަނަ ސެޓް އަދި ޗެންޕިއަންކަން ލިބުނު ސެޓް އަހުމަދު މުހައްމަދު (ކޯކޭ) އާއި މުހައްމަދު އަލީ (ޑެންޒޯ) ކާމިޔާބުކުރީ 15-09ކުންނެވެ. މިއީ އަހުމަދު މުހައްމަދު (ކޯކޭ) އާއި މުހައްމަދު އަލީ (ޑެންޒޯ)ގެ ޕެއަރއިން ގައުމީ ބީޗް ވޮލީ މުބާރާތް ކާމިޔާބުކުރި ފުރަތަމަ ފަހަރުއެވެ.