ކުޅިވަރު

ފައިސަލްއަށް އަނިޔާވެ ލަންކާ މުބާރާތް އޭނާއަށް ގެއްލިއްޖެ


އަނިޔާގެ ސަބަބުން ރާއްޖޭގެ އެއްވަނަ ކީޕަރު މުޙައްމަދު ފައިސަލްއަށް މަހިންދުރަ ރާޖަޕަކްސަ ފޯ ނޭޝަންސް ކަޕް ގެއްލިއްޖެއެވެ. ފައިސަލްއަށް އަނިޔާވެފައިވަނީ ނިމިގެންދިޔަ އުރީދޫ ސާފް ޗެންޕިއަންޝިޕްގައި ސްރީލަންކާއާއި ދެކޮޅަށް ކުޅުނު މެޗްގައެވެ.

ފައިސަލްގެ ފަލަމަސްގަނޑަށް އަނިޔާވެގެން އެމެޗުގައި އޭނާގެ ބަދަލުގައި ކުޅެން އަރުފާފައިވަނީ ނާޖިހުއެވެ. ސްރީލަންކާ މެޗަށްފަހު އޭގެ ތިން ދުވަސްފަހުން ރާއްޖެއިން ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި ކުޅެފައިވަނީ މިސަރަޙައްދުގެ އެންމެ ވަރުގަދަ ޓީމް އިންޑިޔާއާއި ދެކޮޅަށެވެ. އިނޑިޔާގެ މެޗްގައި ރާއްޖެކޮޅަށް ވަން ބައެއް ގޯލްތަކުގައި ފައިސަލްގެ ފިޓްވުމާމެދު ވަރަށް ބޮޑަށް ސުވާލު އުފެދުނެވެ. އިންޑީޔާގެ މެޗަށްފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ކޯޗް ޢަލީ ސުޒޭންވަނީ ފައިސަލް އެމެޗުގައި ފިޒިކަލީ ފިޓު ނަމަވެސް މެންޓަލީ ފިޓް ނޫންކަމަށް ގަބޫލްކުރާކަމަށެވެ.

ގައުމީ ޓީމުން އެންމެ ފަހުން ކުޅުނު އެކުވެރިކަމުގެ ދެ މެޗުގައިވެސް ފައިސަލް ކުޅެވިފައެއް ނުވެއެވެ. އަދި އެންމެ ފަހުން ހޮޓަލް ޗެންގައި ގައުމީ ޓީމުން ބޭއްވި ރަސްމިއްޔާތުގައިވެސް ފައިސަލް ބައިވެރިވެފައެއް ނުވެއެވެ. ގައުމީ ޓީމުގެ މިހާރުގެ ކޯޗް އިޓަލީގެ ފްރެންޗެސްކޯ މޮރިއޭރޯގެ އިރުޝާދުގެ ދަށުން ކުރިއަށްގެންދާ ފަރިތަކުރުންތަކުގައި ފުލްކޮށް ފައިސަލް އަދި މިހާތަނަށް ބައިވެރިވެފައެއް ނުވެއެވެ. އަދި ފައިސަލްގެ ފަލަމަސްގަނޑަށް ލިބިފައިވާ އަނިޔާއިން ރަނގަޅުވުމަށް ފައިސަލް މިހާރުދަނީ މަސައްކަތް ކުރަމުންނެވެ.

ގައުމީ ޓީމުގައި މިހާރު ފަސް ކީޕަރުން ތިބޭއިރު، މިމަހުގެ 15ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ފޯ ނޭޝަންސް ކަޕަށް ދާނީ ތިން ކީޕަރުންނެވެ. މިމުބާރާތުގައި ރާއްޖޭގެ އިތުރުން ވާދަކުރަނީ ލަންކާ، ބަންގްލަދޭޝް އަދި ސީޝެލްސްއެވެ.