ޚަބަރު

ފަސް އަހަރުގެ ކުދިންނަށް ވެކްސިން ދިނުމުގެ ޙުއްދަ އެމެރިކާގެ ސީޑީސީން ދީފި


ޢުމުރުން 5 އަހަރާއި 11 އަހަރުގެ ކުޑަކުދިންނަށް ކޯވިޑް-19ގެ ވެކްސިން ދިނުމުގެ ޙުއްދަ އެމެރިކާގެ ސެންޓާސް ފޮރ ޑިސީސް ކޮންޓުރޯލް އެންޑު ޕުރެވެންޝަން، ސީޑީސީން ދީފިއެވެ.

އެމެރިކާގެ ސީޑީސީން ބުނީ ވެކްސިންގެ ސަބަބުން ކުޑަކުދިންނަށް ލިބިދާނެ ގެއްލުމަކަށްވުރެ އެ ކުދިންނަށް ލިބޭނެ މަންފާ ބޮޑުކަމަށެވެ. ކުޑަކުދިންނަށް ވެކްސިން ދިނުމުގެ ޙުއްދަ ދިނުމުގެ ކުރިން އެ ވުޒާރާއިންވަނީ ވެކްސިންގެ ސަބަބުން ލިބިދާނެ ގެއްލުންތައް ދިރާސާކޮށް ބަހުޘްކޮށްފައެވެ.

އެމެރިކާގެ ފުޑު އެންޑު ޑުރަގު އެޑުމިނިސްޓުރޭޝަން، އެފްޑީއޭއިންވަނީ ޢުމުރުން 5 އަހަރާއި 11 އަހަރުގެ ކުޑަކުދިންނަށް ކޯވިޑް-19އާ ދެކޮޅަށް ފައިޒަރ ވެކްސިން ދިނުމަށް ޙުއްދަ ދީފައެވެ. އެ ގޮތުން އެ ޢުމުރުފުރައިގެ ކުދިންނަށް ދޭން ނިންމާފައިވަނީ ވެކްސިންގެ 10 މައިކްރޯގުރާމެވެ. އަދި 12 އަހަރުން މަތީގެ ކުދިންނަށް ދޭން ނިންމާފައިވަނީ 30 މައިކްރޯގުރާމެވެ.

ސީޑީސީއާއި އެފްޑީއޭގެ ނިންމުންތަކާ ގުޅޭގޮތުން އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވީ އެއީ ކޯވިޑް-19އާ ދެކޮޅަށް އެ ޤައުމުން އަޅައި މުޙިއްމު ފިޔަވަޅެއްކަމަށެވެ. ކޯވިޑް-19ގެ ވެކްސިންގެ ދެ ޑޯސް ފުރިހަމަކޮށްފައިވާ މީހުންނަށް އިތުރު ބޫސްޓަރު ޑޯސެއް ދިނުމަށްވެސް އެމެރިކާއިންވަނީ މީގެ ކުރިން ނިންމައިފައެވެ.

ދުނިޔޭގައި ކޯވިޑް-19ގެ ޙާލަތު އެންމެ ގޯސް ޤައުމަކީ އެމެރިކާއެވެ. އެ ޤައުމުގައި 46.1 މިލިޔަން މީހުންނަށް ބަލިޖެހި 748،000 މީހުންވަނީ މަރުވެފައެވެ. 330 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ އެމެރިކާގެ 58 އިންސައްތަ މީހުންވަނީ ކޯވިޑް-19ގެ ވެކްސިން ދެ ޑޯސް ފުރިހަމަކޮށްފައެވެ.