ޚަބަރު

ސޫދާނުގެ ބޮޑުވަޒީރު އަލުން ސަރުކާރާ ޙަވާލުވެވަޑައިގަންނަވަނީ

ސޫދާނުގެ އަސްކަރިއްޔާއިން ބަޣާވާތްކޮށް ވެރިކަމުން ދުރުކޮށްފައިވާ ބޮޑުވަޒީރު ޢަބްދުﷲ ޙަމުދޫކް އަލުން ސަރުކާރާ ޙަވާލުވެވަޑައިގަތުމަށް ނިންމަވައިފިއެވެ.

އޮކްޓޯބަރު މަހުގެ 25ވަނަ ދުވަހު ސޫދާނުގެ އަސްކަރިއްޔާއިންވަނީ ބަޣާވާތްކޮށް އެ ޤައުމުގެ ބޮޑުވަޒީރު ޢަބްދުﷲ ޙަމުދޫކާއި ސަރުކާރުގެ އިސްވެރިން ބަންދުކޮށްފައެވެ. އެއާއެކު ސޫދާނުގެ އަސްކަރިއްޔާއާ ދެކޮޅަށް އެ ޤައުމުގެ ޢާއްމުންވަނީ ވަރުގަދަ މުޒާހަރާތަކެއް ކޮށްފައެވެ. އެ މުޒާހަރާތައް ރޫޅާލުމަށް ސޫދާނުގެ އަސްކަރިއްޔާއިން ހިންގި އަނިޔާވެރި އަމަލުތަކުގެ ސަބަބުން 10 މީހުން މަރުވެ، 140 މީހުންވަނީ ޒަޚަމުވެފައެވެ.

ސޫދާނުގައި ކުރި ބަޣާވާތަށްފަހު ފުރަތަމަ ފަހަރަށް ވާހަކަދައްކަވަމުން ޖެނެރަލް ޢަބްދުލް ފައްތާޙް އަލްބުރުހާން ވިދާޅުވީ ސަރުކާރު އުވާލައި ސިޔާސީވެރިން އެކަހެރިކުރަން މަޖުބޫރުވީ އަސްކަރިއްޔާއާ ދެކޮޅަށް ރުޅިވެރިކަން އުފައްދައި ފިތުނަ އުފައްދަން މަސައްކަތްކުރުމުންކަމަށެވެ. އަދި އެ ކަމުގެ ސަބަބުން ސޫދާނުގައި ދާޚިލީ ހަނގުރާމައެއް ފެށިދާނެކަމުގެ ބިރުވެރިކަން އުފެދުނުކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ސޫދާނުގެ ސަރުކާރާ ޙަވާލުވެވަޑައިގަންނަވާނެކަމަށް ޙަމުދޫކް ވިދާޅުވެފައިވަނީ އެ ޤައުމުގައި ޤާއިމުކޮށްފައިވާ އަސްކަރީވެރިކަން ނިމުމަކަށް ގެނެސް ރައްޔިތުންނާ ވެރިކަން ޙަވާލުކުރުމަށް އދން ގޮވާލާފައިވަނިކޮށެވެ. އދގެ ސަލާމަތީ މަޖިލީހުގައި ހިމެނޭ 15 މެންބަރު ޤައުމުގެ ތާޢީދާއެކު ނެރުނު ބަޔާނެއްގައި ގޮވާލާފައިވަނީ އަސްކަރިއްޔާއިން އަނިޔާވެރިކަން އިސްނުކުރުމަށާއި އިންސާނީ ޙައްޤުތައް ކަށަވަރުކުރުމަށާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށާއި އެއްވެއުޅުމުގެ މިނިވަންކަމަށް ހުރަސްނޭޅުމަށެވެ.

މިދިޔަ ސެޕުޓެންބަރު މަހުގެ ތެރޭގައިވެސް ސޫދާނުގެ އަސްކަރިއްޔާއިންވަނީ ބަޣާވާތެއް ކުރުމަށް މަސައްކަތްކޮށްފައެވެ. ނަމަވެސް އެ މަސައްކަތް ނާކާމިޔާބުވުމުން އެ ޤައުމުގެ އަސްކަރިއްޔާއާއި ޢާއްމުންނާ ދެމެދު ބޮޑެތި ހަމަނުޖެހުންތަކެއްވަނީ ހިނގައިފައެވެ.

2019ވަނަ އަހަރުގެ ތެރޭގައި ސޫދާނުގައި ކުރި މުޒާހަރާތަކަށްފަހު އެ ޤައުމުގައި ދިގު ވެރިކަމެއް ކުރި ޢުމަރު އަލްބަޝީރު އިސްތިޢުފާދެއްވުމުން އެ ޤައުމުގެ އަސްކަރިއްޔާއާއި ޢާއްމުންގެ ބައިވެރިވުމާއެކުވަނީ ސަރުކާރެއް އެކުލަވާލައިފައެވެ. އަދި 2023ވަނަ އަހަރު ނިމުމުގެ ކުރިން އެ ޤައުމުގައި މިނިވަން އަދި އިންޞާފުވެރި އިންތިޚާބެއް ބޭއްވުމަށްވަނީ އެއްބަސްވެފައެވެ. ނަމަވެސް އަސްކަރިއްޔާއިން ކުރި ބަޣާވާތަށްފަހު ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި އިންތިޚާބެއް ބޭއްވޭނެކަމާމެދުވަނީ ސުވާލު އުފެދިފައެވެ.