ކުޅިވަރު

ޓޮޓްނަމް ހޮޓްސްޕަރގެ އާ ކޯޗަކަށް އެންޓޯނިއޯ ކޮންޓޭ


އިންގްލިޝް ޕްރިމިއަރ ލީގުގެ ޓޮޓްނަމް ހޮޓްސްޕަރގެ އާ ކޯޗަކަށް އެންޓޯނިއޯ ކޮންޓޭ ހަމަޖައްސައިފިއެވެ. ސްޕަރސްއިން ހާމަކުރާގޮތުގައި ކޮންޓޭވަނީ 2023ވަނަ އަހަރުގެ ސީޒަންގެ ނިޔަލަށް އެކްލަބަށް ސޮއިކޮށްފައެވެ.

ޓޮޓްނަމުން އިތުރަށް ހާމަކުރިގޮތުގައި ދެފަރާތުގެ މެދުގައި ވެވުނު އެއްބަސްވުމުގެ ދަށުން އެމުއްދަތު އިތުރު ކުރުމުގެ ފުރުސަތުވެސް ކްލަބަށް ލިބިގެންވާކަމަށެވެ. ޓޮޓްނަމްގެ ޑިރެކްޓަރ އޮފް ފުޓްބޯލް ފަބިއޯ ޕަރަޓިޗީ ބުނީ ކޮންޓޭގެ ޓްރެކް ރިކޯޑަށް ބަލާލުމުން އިތުރު ވަހަކައެއް ދައްކާކަށް ނުޖެހޭކަމަށެވެ. ޓޮޓްނަމަށް ސޮއި ކުރުމަށްފަހު ވާހަކަ ދައްކަމުން ކޮންޓޭ ވަނީ އަލުން ކޯޗިންގެ ތެރެއަށް އާދެވުމުން އުފާކުރާކަން ހާމަކޮށްފައެވެ. ހާއްސަކޮށް ޕްރިމިއަރ ލީގުގެ ފާހަގަ ކޮށްލެވޭ، މުސްތަގްބަލާމެދު ފޮނި އުންމީދުތަކެއް ކުރާ ކްލަބަކަށް އާދެވުމުން ލިބޭ ހިތްހަމަޖެހުން އިތުރު ކަމަށްވެސް އޭނާ ބުންޏެވެ. އަދި ކުޅުންތެރިންނާއެކު މަސައްކަތް ފަށަން ކެތް މަދުވެފައިވާކަމަށްވެސް އޭނާ ބުންޏެވެ.

ސްޕަރސްމުން ވަނީ މިސީޒަން ފެށުނު އިރުވެސް ކޮންޓޭ އެޓީމަށް ގެނައުމަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް އެންމެ ފަހު ވަގުތު ނޫނޯ އެސްޕިރިޓޯ ސަންޓޯ ކްލަބަށް ގެނެސްފައެވެ. ކޮންޓޭ ބުނީ ސީޒަން ފެށުނު އިރު އެކަން ވާގޮތް ނުވީ އޭނާ އިންޓަރ މިލާންގެ ކޯޗުކަމުން ވަކިވިތާ މާގިނަ ދުވަސް ނުވުމާއި އޭނާ ބޯ ހަމަޖައްސާލަން ކޮންމެވެސް ވަރަށް ވަގުތު ބޭނުންވުންވާތީކަމަށެވެ. ނަމަވެސް މިފުރުސަތު ދެވަނަ ފަހަރަށް ލިބުމުން އެކަން ދޫކޮށްލަން ބޭނުން ނުވީ ކަމަށެވެ. ކޮންޓޭ މީގެކުރިން ވަނީ ޗެލްސީއަށް ވެސް ކޯޗްކޮށްދީ ޕްރިމިއަރ ލީގުގެ ތަށިވެސް އެކްލަބަށް ހޯދައިދީފައެވެ. އަދި ޖެހިގެން އައި ސީޒަންގައި އެފް އޭ ކަޕްވެސް ކާމިޔާބުކޮށްދީފައެވެ. ނަމަވެސް އޭނާ ޗެލްސީގައި ހޭދަކުރި ދެވަނަ ސީޒަންގައި ނަތީޖާއަށް ގޯސްކޮށް ދާން ފެށުމާއެކު އޭނާވަނީ ވަކިކޮށްފައެވެ. އަދި އެއަށްފަހު އޭނާވަނީ އިޓާލިއަން ސެރީއާގެ އިންޓަރ މިލާނަށް ކޯޗް ކޮށްދީ ދެވަނަ ސީޒަންގައި ސެރީއާގެ ތަށި އިންޓަރއަށް ހޯދާދީ، ސީޒަން ނިމުމާއެކު އެކްލަބް ދުކޮށްލާފައެވެ. އަދި މިދިޔަ ހަތަރު މަހެއްހާ ދުވަހު އޭނާ އެއްވެސް ކްލަބަކަށް ކޯޗް ކޮށްދީފައެއް ނުވެއެވެ.

ކޮންޓޭގެ ކޯޗުކަމުގެ ދަށުން ސްޕަރސް ނިކުންނަ ފުރަތަމަ މެޗަކަށް ވާނީ ޔުއޭފާ ޔޫރޮޕާ ކޮންފަރެންސް ލީގުގައި ވިޓޭސޭ އާންހެމް އާއި ބައްދަލުކުރާ މެޗެވެ. އަދި ޕްރިމިއަރ ލީގުގައި ފުރަތަމަ މެޗަކަށް ވާނީ މިއަންނަ އާދީއްތަ ދުވަހު އެވަޓަން އާއި ބައްދަލުކުރާ މެޗެވެ.