ވިޔަފާރި

މިދިޔަ ކުއާޓަރުގައި އެމްޓީސީސީން 96 މަޝްރޫޢެއް ކުރިއަށްގެންދިޔަ


މިއަހަރުގެ ތިންވަނަ ކުއާޓަރުގައި އެމްޓީސީސީން 96 މަޝްރޫއެއްގެ މަސައްކަތް ކުރިއެއް ގޮސްފައިވާ ކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.

އެމްޓީސީސީން ޢާއްމުކޮށްފައިވާ މިއަހަރުގެ 3ވަނަ ކުއާޓަރގެ މާލީ ރިޕޯޓުގައިވާގޮތުން މި 96 މަޝްރޫޢުގެ ތެރޭގައި ބަނދަރު ހެދުމުގެ 41 މަޝްރޫޢަކާއި، ބިން ހިއްކުމުގެ 17 މަޝްރޫޢަކާއި ގޮނޑުދޮށް ޙިމާޔަތްކުރުމުގެ 15 މަޝްރޫއަކާއި، މަގު ހެދުމުގެ 9 މަޝްރޫޢަކާއި އެއަރޕޯޓް ތަރައްޤީކުރުމުގެ 3 މަޝްރޫއެއް ހިމެނެއެވެ.

އެމްޓީސީސީންވަނީ 10 މަޝްރޫޢެއްގެ މަސައްކަތް މިއަހަރުގެ 3ވަނަ ކުއަރޓަރުގެ ތެރޭގައި ކާމިޔާބުކަމާއެކު ނިންމާލާފައެވެ. އެމަޝްރޫޢުތަކުގެތެރޭގައި އޭދަފުށީ މަގުހެދުމުގެ މަޝްރޫޢާއި، ސ.މީދު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ އިތުރުން، ގުޅީފަޅު ބިންހިއްކުމުގެ މަސައްކަތް ހިމެނެއެވެ.

މީގެއިތުރުން ތިންވަނަ ކުއާޓަރުގެ ތެރޭގައިވަނީ އައު 10 މަޝްރޫޢެއްގެ މަސައްކަތް ފަށާފައެވެ. އަދި އައު 15 މަޝްރޫއެއް ވަނީ އެމްޓީސީސީއާ ޙަވާލުކުރެވިފައެވެ.

މާލީގޮތުން އެމްޓީސީސީއަށް މިއަހަރުގެ ތިން ކުއާޓަރަކީ ކާމިޔާބު ކުއާޓަރެކެވެ. ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ ތިންވަނަ ކުއާޓަރުގައި އެމްޓީސީސީއަށް 485 މިލިއަން ރުފިޔާގެ ޢާމްދަނީއެއް ވަނީ ލިބިފައެވެ. މިއީ މިއަހަރުގެ ދެވަނަ ކުއާޓަރުގައި އެމްޓީސީސީއަށް އާމްދަނީގެ ގޮތުގައި ލިބުނު 423 މިލިއަން ރުފިޔާ އާއި އަޅާ ބަލާއިރު، 14.5 އިންސައްތަ އިތުރު ޢަދަދެކެވެ.